ޔުއެފާ ނޭޝަންސް ލީގުގައި ރޭ 3-0 ގެ ނަތީޖާއަކުން ސާބިއާ ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ސްޕެއިނުން ކަށަވަރުކޮށްފިއެވެ.
މި މެޗު ކާމިޔާބުކުރުމާއެކު ސްޕެއިނަށް ވަނީ ގްރޫޕުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ޑެންމާކަށް ހަތް ޕޮއިންޓް ލިބިފައިވާއިރު, ސާބިއާއަށް ހަތަރު މެޗުން ލިބިފައިވަނީ 4 ޕޮއިންޓެވެ.
ސްޕެއިންގެ ކޯޑޯބާގައި ކުޅުނު މި މެޗުގައި ސްޕެއިން އިން ވަނީ މެޗު ކޮންޓްރޯލްކޮށް ރަގަޅު ކުޅުމެއް ދައްކާ ސާބިއާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އެގޮތުން މި މެޗުގައި އެ ޓީމުން ވަނީ ސާބިއާގެ ގޯލަށް 30 ހަމަލައެއް ފޮނުވާލަފަ އެވެ.
އަނިޔާގެ ސަބަބުން ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ނުލާ އެ ޓީމުން ކުޅުނު މި މެޗުގެ 5 ވަނަ މިނިޓުގައި އައިމެރިކް ލަޕޯޓް ވަނީ ލަނޑެއް ޖަހާ ސްޕެއިނަށް ކުރި ހޯދަދީފަ އެވެ.
މެޗުގެ ދެވަނަ ހާފްގައި ސްޕެއިނަށް ލިބުނު ޕެނަލްޓީއެއް ކެޕްޓަން އަލްވާރޯ މޮރާޓާ ކާމިޔާބު ކުރެވިފައިނުވި ނަމަވެސް އޭނާ ވަނީ މެޗުގެ 65 ވަނަ މިނިޓުގައި ލަނޑެއް ޖަހާ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ.
ސާބިއާއަށް މި މެޗުގައި އިތުރު އުނދަގޫ ތަކާއި ކުރިމަތިލާން ޖެހިފައިވަނީ 76 ވަނަ މިނިޓުގައި ޕަވްލޮވިޗަށް ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. ސްޕެއިނުން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 77 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެލެކްސް ބައެނާ އެވެ.
މި މުބާރާތުގައި ރޭ ޑެންމާކް ވަނީ ސްވިޒަލޭންޑާއި ދެކޮޅަށް ކުޅުނު 2-2 ގެ ނަތީޖާއަކުން އެއްވަރުކޮށް މުހިންމު ޕޮއިންޓެއް ހޯދާފަ އެވެ.