ޚަބަރު

ޕޮލަންޑުން ކްރޮއޭޝިއާ ހިފަހައްޓައިފި


ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޕޮލަންޑާ ދެކޮޅަށް ކްރޮއޭޝިއާ ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

ޕޮލަންޑްގައި ކުޅުނު މި މެޗުގެ 5 ވަނަ މިނިޓުގައި ޕޮލަންޑްގެ ޒިއެލިންސްކީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް އޭގެ 14 މިނިޓު ފަހުން ކްރޮއޭޝިއާގެ ބޯނާ ސޯސާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި އޭގެ ފަސް މިނިޓް ފަހުން ޕީޓަރ ސުސިޗް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ކްރޮއޭޝިއާއަށް ލީޑު ނަގައިދީފަ އެވެ.

މި މެޗުގައި ކްރޮއޭޝިއާއިން މެޗުގެ 26 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކުރި ނަމަވެސް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ޕޮލަންޑުން ވަނީ ރަނގަޅު ކުޅުމެއް ދައްކާ މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރިން އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ނިކޮލާ ޒެލެއުސްކީ އެވެ.

މެޗުގެ ނަތީޖާ ޕޮލަންޑުން އެއްވަރުކޮށްފައިވަނީ 68 ވަނަ މިނިޓުގައި ޒީމަންސްކީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ލަނޑަށްފަހު ކްރޮއޭޝިއާއަށް އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވަނީ މެޗުގެ 76 ވަނަ މިނިޓުގައި ކްރޮއޭޝިއާގެ ގޯލުކީޕަރ ޑޮމިނިކް ލިވަކޮވިޗަށް ރެފްރީ ރަތް ކާޑެއް ދައްކާ އޭނާ ދަނޑުން ފޮނުވާލުމުންނެވެ.

މިނަތީޖާ އާއިއެކު ލީގު އޭގެ ގްރޫޕް އެކެއްގައި ކްރޮއޭޝިއާ މިހާތަނަށް ކުޅުނު ހަތަރު މެޗުން އެ ޓީމަށް ލިބިފައިވާ 7 ޕޮއިންޓާއެކު އޮތީ ގްރޫޕްގެ ދެވަނައިގަ އެވެ. ޕޮލަންޑަށް ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު އެއްވަނައިގައި އޮތް ޕޯޗުގަލްއަށް ލިބިފައިވަނީ 10 ޕޮއިންޓެވެ.