ޖަރުމަނުގެ ލީގުގައި ބޮރޫޝިއާ ޑޯޓްމުންޑުގެ ފެށުން ދަށްވި ނަމަވެސް، މާ ބޮޑު ކަންބޮޑުވުމެއްނެތް ކަމަށް އެ ޓީމުގެ ކޯޗު ނޫރީ ސާހިން ބުނެފިއެވެ.
ޑޯޓްމަންޑްގެ ކޯޗު، ސާހިން މިހެން ބުނީ، ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުންނެވެ.
ސާހިންގެ ވާހަކައިގައިވަނީ، މިވަގުތު ލީގު ތާވަލްގެ ހަތްވަނައިގައި ޑޯޓްމަންޑް އޮތްނަމަވެސް، ސީޒަނުގެ މިހާ ކުރީކޮޅު އެ ކްލަބުގެ ގާބިލުކަމާމެދު ޝައްކުކުރުމަކީ އޭގެ ސަބަބުން ނުރަނގަޅު އަސަރުކޮށްފާނެ ފަދަ ކަމެއް ކަމަށާއި، އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ އެކަމުގައި ކެތްތެރިވުން ކަމަށް ބުނެފައެވެ.
މިދިޔަ ޖޫން މަހު ކޯޗުކަމަށް އައްޔަންކުރެވުނު ސާހިންގެ އިރުޝާދުގެ ދަށުން، މި ފަހަރުގެ ސީޒަނުގެ ލީގުގައި ރަށުން ބޭރުގައި ކުޅުނު ތިން މެޗުން ޑޯޓްމަންޑަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އޭގެތެރޭގައި، ވީއެފްބީ ސްޓުޓްގާޓާ ދެކޮޅަށް 5-1 އިން ބަލިވި މެޗާއި، ޔޫނިއަން ބާލިންއާ ދެކޮޅަށް 2-1 އިން ބަލިވި މެޗު ފާހަގަކޮށްލެވެއެވެ.
ސާހިން ވަނީ، ރަށުން ބޭރުގައި ޑޯޓްމަންޑް ކުޅޭ މެޗުތަކުގައި ރަނގަޅު ނަތީޖާ ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ. އަދި، އެކަން ފެށިގެންދާނީ، ހުކުރު ދުވަހުގެރޭ ސެއިންޓް ޕައުލީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗަށްފަހުގައި ކަމަށް އޭނާ ބުންޏެވެ.
"ރަށުން ބޭރުގައި ކުޅޭ މެޗުތަކުން އަހަރެމެން ފިލަން އުޅެނީކީ ނޫން. އެކަމަކު ޙަޤީޤަތަކީ ލީގުގައި ރަށުން ބޭރުގައި ކުޅުނު ތިން މެޗުން އަހަރެމެންނަށް ހޯދިފައިވަނީ އެންމެ ޕޮއިންޓެއް." ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަމުން ސާހިން ބުންޏެވެ.
"ރަށުން ބޭރުގައި ކުޅޭ މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ތާވަލުގައި 16 ވަނައިގައި އޮވެގެން އަހަރެމެން ބޭނުންވާ ލަނޑުދަނޑިތަކެއް ހާސިލެއް ނުކުރެވޭނެ." ސާހިން ބުންޏެވެ.
ސާހިން އިތުރަށް ބުނީ، އައުސްބާގާ ދެކޮޅަށް ރަށުން ބޭރުގައި ނިކުތުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން ޑޯޓްމަންޑްގެ ފޯމާއި ކުޅުން ރަނގަޅުކޮށްގެން، އެކަން ކުރެވިދާނެ ކަމަށެވެ.
އަދި، އޭރުން އެކަމާ ބެހޭގޮތުން ވާހަކަދެއްކިދާނެ ކަމަށާއި، އެކަމަކު މިވަގުތަށް އެންމެ ބޮޑު ސަމާލުކަމެއް ދޭނީ އަމިއްލަ ދަނޑުގައި ސެއިންޓް ޕައުލީއާ ދެކޮޅަށް ކުރިއަށް އޮތް މެޗަށް ކަމަށެވެ.