މޯލްޑިވްސް ސްޕޯޓްސް އެވޯޑްގެ، ހުސްވި އަހަރު އެންމެ ރަނގަޅަށް ކުޅިވަރު ޚަބަރު ގެނެސްދިން އޮންލައިނަށް ދޭ އެވޯޑް ޕީއެސްއެމް ނިއުސްއަށް ލިބިއްޖެއެވެ.
ޕަބްލިކް ސަރވިސް މީޑިޔާގެ ނިއުސް ޗެނަލް ޕީއެސްއެމް ނިއުސް އުފެދިގެން ނިއުސްރޫމުގެ މަސައްކަތް ޒަމާނީ ފެންވަރެއްގައި ބައްޓަން ކުރުމުގެ ގޮތުން އެކި ޑެސްކުތައް ވަކި ކުރެވިގެން ހިންގަން ފެށުނުއިރު ސްޕޯޓްސް ޑެސްކުވެގެން ދިޔައީ މުހިންމު ކޮންޓެންޓުތަކެއް ނިއުސްއަށް ފޯރުކޮށްދޭ ޑެސްކަކަށެވެ.
ޕީއެސްއެމް ކުޑައިގެ ދަށުގައި ވަކި ބްރޭންޑެއްގެ ގޮތުގައި ޕީއެސްއެމް ސްޕޯޓްސް މަސައްކަތް ކުރި ޒަމާނެއްވެސް ދިޔައެވެ. އެހެންނަމެވެސް ކޮންމެ ފަހަރަކުވެސް ނިއުސްއަށް ފޯރުކޮށްދޭން ޖެހޭ ކޮންޓެންޓް ސްޕޯޓްސް ޓީމުން ދިޔައީ ފޯރުކޮށްދެމުންނެވެ.
ހުސްވި އަހަރަކީ ކުޅިވަރުގެ ގިނަ މައުލޫމާތުތަކެއް ޕީއެސްއެމް ނިއުސްގެ ވެބްސައިޓް މެދުވެރިކޮށް ކިޔުންތެރިންނާ ހަމަޔަށް ފޯރުކޮށްދެވުނު އަހަރެކެވެ. ތަފާތު އެކި ކުޅިވަރު މުބާރާތްތަކުގެ އެންމެ ފަހުގެ އަދާހަމަ ކުރުންތަކާއި ހަމައެހެންމެ ކުޅިވަރު މުބާރާތްތަކާއި ގުޅުންހުރި ތަފާތު މައުލޫމާތާއި އެތުލީޓުންނާ ގުޅުންހުރި ތަފާތު މައުލޫމާތު ހުސްވި އެއް އަހަރުތެރޭގައި ޕީއެސްއެމް ނިއުސްއިން ވަނީ ގެނެސްދީފައެވެ.
ކުޅިވަރު ޚަބަރުގެ ކޮންޓެންޓު އުފައްދައި ގެނެސްދެމުންދަނީ މަދު މުވައްޒަފުން ކޮޅަކާއެކު ސްޕޯޓްސް ޓީމުން ކުރަމުން އަންނަ މިންނެތް މަސައްކަތުންނެވެ. ނިއުސް ޗެނަލްގައި ކޮންމެ ދުވަހަކު 20 މިނިޓުގެ ކުޅިވަރު ބްލެޓިންއެއް ގެނެސްދެއެވެ. އަދި އެކި ގަޑިތަކުގައި އެންމެ ފަހުގެ ތަފްސީލާއެކު ކުޅިވަރު ޚަބަރުތައް އަދާހަމަކުރުމަކީ މިޓީމުގެ މުހިންމު މަސައްކަތެކެވެ. އަދި ހަމަ އެހެންމެ ނިއުސް ޗެނަލުން ގެނެސްދޭ ކުޅިވަރާ ގުޅުންހުރި އެކި ޕްރޮގްރާމްތަކާއި އެހެނިހެން ޕްރޮގްރާތަކުން އުފައްދާ ޚަބަރުތައް ނުހަނު ގިނައެވެ. އެގޮތުން ސްޕޯޓްސް ޓީމުން އުފައްދަމުންދާ ޕްރޮގްރާމްތަކުން ކޮންމެ ދުވަހެއްގެ ކުޅިވަރު ޚަބަރުތައް އިތުރަށް މުއްސަނދިވެގެން ދެއެވެ. މިޕްރޮގްރާމްތަކުގެ ޚަބަރުތައް ވާދަވެރި އެހެން މީޑިއާތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދުމަކީ އަޅުގަނޑުމެން ޓީމުން ނުހަނު ފަޚުރުވެރިކަމާއެކު ބަލައިގަންނަކަމެކެވެ.
މިއަދު ދިވެހި ކުޅިވަރުގެ އުދަރެހުން ޕީއެސްއެމް ނިއުސްގެ ނަން ވިދަމުންދަނީ ކުރު މުއްދަތެއްގެ ތެރޭގައި ހޯދި ކުރިއެރުމާއި ބެލުންތެރިންނާއި ކިޔުންތެރިންގެ އިތުބާރުންނެވެ. އަދި މިއިތުބާރާއެކު ކުޅިވަރުގެ މަސްލަހަތު އިސްކޮށް ގެނެސްދިން ތަފާތު މައުލޫމާތުތަކުންނެވެ.
ދިވެހި ދަނޑުތަކުން ކުޅިވަރުގެ ވިންދު ޖަހާހާ ހިނދަކު އަޅުގަނޑުމެންގެ މަސައްކަތަށް ނިމުމެއް ނެތެވެ.
ޕީއެސްއެމް ނިއުސްގެ ސްޕޯޓްސް ޓީމަށް އައްސަރިބަހާއި ސާބަހެވެ.