އިނގިރޭސި ޕްރިމިއަރ ލީގުގައި މާދަމާ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުން ޗެލްސީގެ ފެންވަރާ މެދު ގޮތެއް ނުނިންމޭނެ ކަމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.
ޕްރިމިއާ ލީގުގެ ހަތަރުވަނައިގައި މިވަގުތު އޮތް ޗެލްސީ ލީގުގެ ފުރަތަމަ މެޗުގައި މެންޗެސްޓަރ ސިޓީ އަތުން ބަލިވި މެޗަށްފަހު އަދި ލީގުގައި ބަލިވެފައެއް ނުވެއެވެ. ލީގުގައި މިހާތަނަށް ކުޅުނު 7 މެޗުން 14 ޕޮއިންޓް ޗެލްސީއަށް ލިބިފައިވާއިރު އެއްވަނައިގައި އޮތް ލިވަޕޫލްއަށް 7 މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ.
މަރެސްކާ ބުނެފައިވަނީ ލިވަޕޫލް އާއި ދެކޮޅަށް ނިކުންނައިރު އޭނާ މަސައްކަތް ކުރާނީ ޓީމުން މިހާރު ދައްކަމުންދާ ކުޅުން ތަކުރާރުކޮށް ރަގަޅު ނަތީޖާއެއް އެ މެޗުގައި ހޯދުމަށް ކަމަށާއި މި މެޗުން މޮޅުވެއްޖެނަމަ އެއީ ރަގަޅު ނަތީޖާއެއް ކަމަށާއި އަދި ބަލިވިނަމަވެސް އެކަން ގަބޫލުކޮށް ކުރިއަށް އޮތް ތަނުގައި އިތުރަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި މެޗުގައި ކޮންމެ ނަތީޖާއެއް ނިކުތް ކަމުގައިވީ ނަމަވެސް އެކަމުން ޗެލްސީގެ ފެންވަރާއިމެދު ގޮތެއް ނުނިންމޭނެކަމަށްވެސް މަރެސްކާ ވަނީ ބުނެފަ އެވެ.
މަރެސްކާ އިތުރަށް ބުނެފައިވަނީ ޗެލްސީން ކުޅެން ބޭނުންވާ ގޮތް މިހާރު ސާފު ވެފައިވާ ކަމަށާއި އަދި އެކަމަށް ކުޅުންތެރިން ފަރިތަވަމުން އަންނަ ކަމަށާއި އަދި އެއީ އޭނާއަށް ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ލިވަޕޫލް އާއި ދެކޮޅަށް ކުޅޭ މެޗުން ޗެލްސީން އިތުރަށް ރަގަޅު ކުރަން ޖެހެނީ ކޮން ކަމެއްކަން ސާފުވެގެން ދާނެ ކަމަށެވެ. އަދި ޕްރިމިއާ ލީގުގައި ކޮންމެ ޓީމަކާއި ދެކޮޅަށް ކުޅުނު ނަމަވެސް އެއީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށާއި މި ލީގަކީ ދުނިޔޭގެ އެންމެ ވާދަވެރި ލީގު ކަމަށްވާތީ ކޮންމެ މެޗަކީވެސް އުނދަގޫ މެޗެއް ކަމަށް މަރެސްކާ ވަނީ ބުނެފަ އެވެ.
މަރެސްކާގެ އިރުޝާދުގެ ދަށުން ޗެލްސީން ވަނީ ލީގުގައި މިހާތަނަށް ކުޅުނު 7 މެޗުގައި 16 ލަނޑު ޖަހާފަ އެވެ. އޭގެ ތެރެއިންވެސް ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވަނީ 10 ލަނޑު ޖަހާފަ އެވެ.