ޖަރުމަން ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ފަހު ވަގުތު ސެރްހޫ ގިރާސީ ޖެހި ލަނޑުން ސެއިންޓް ޕައުލީ އަތުން 1-2 ގެ ނަތީޖާއަކުން ބޮރޫޝިއާ ޑޯޓްމުންޑް މޮޅުވެއްޖެއެވެ.
ރޭގެ މެޗު ފެށިގެން ޑޯޓްމުންޑް ޑޮމިނޭޓްކޮށްފައިވާއިރު، ލިބުނު ގިނަ ފުރުޞަތުތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ބޭނުމެއްނުކުރެވުނެއެވެ. އެގޮތުން، އެ ޓީމުގެ ގިނީ ފޯވާޑް، ގިރާސީ ފޮނުވާލި ދެ ހަމަލާއެއް ސެއިންޓް ޕައުލީގެ ގޯލްކީޕަރު، ނިކޮލާ ވަސިލްޖް ވަނީ ހުއްޓުވާފައެވެ.
ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ޑޯޓްމުންޑުން ލީޑްނެގީ ރާމީ ބެންސެބައިނީ ޖެހި ގޯލުންނެވެ. މެޗުގެ 43 ވަނަ މިނެޓުގައި އޭނާ މި ލަނޑުޖެހީ ޕަސްކަލް ގްރޮސް ނަގައިދިން ހުރަހެއްގެ އެހީގައި ބޮލުންނެވެ.
އޭގެކުރީން، މެޗުގެ 30 ވަނަ މިނެޓުގައި ސެއިންޓް ޕައުލީގެ މޯގަން ގީލަވޮގީ ޖެހި ގޯލް ވީއޭއާރް އިން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމައި، ރެފްރީ ވަނީ ބަލައިނުގަތުމަށް ނިންމާފައެވެ.
މެޗުގެ 78 ވަނަ މިނެޓުގައި ސެއިންޓް ޕައުލީ އިން އެއްވަރުކުރީ އެރިކް ސްމިތު ފޮނުވާލި ބާރު ހަމަލާއަކުންނެވެ. އޭގެ ފަސް މިނެޓުފަހުން، ޑޯޓްމުންޑް މި މެޗުން މޮޅުވި ލަނޑު، ގިރާސީ ޖެހީ ފަހު ހާފުގެ ކުރީކޮޅު ކުޅެން ނިކުތް އިނގިރޭސި ޒުވާން ވިންގް، ޖެމީ ގިޓެންސް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ.
މި ނަތީޖާއާއެކު ޑޯޓްމުންޑް ވަނީ ހަތް މެޗުން 13 ޕޮއިންޓް ހަމަކޮށް ހަތަރުވަނަ އަށް ޖެހިލައިފައެވެ. މި މެޗުން ބަލިވި ސެއިންޓް ޕައުލީ އޮތީ ހަތް މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.
ޑޯޓްމުންޑަށް ދެން އޮތީ މި މަހުގެ 23 ވަނަ ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ސްޕެއިނުގެ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އެއަށްފަހު، ލީގުގައި އަންނަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ނިކުންނާނީ އައުސްބާގާ ދެކޮޅަށެވެ.