އެމެރިކާގެ މޭޖަރ ލީގު. ސޮކަރ (އެމްއެލްއެސް) ގައި އިއްޔެ ނިއު އިންގްލަންޑް ރިވޮލިއުޝަނާ ދެކޮޅަށް ކުޅުނު މެޗުގައި ލިއޮނެލް މެސީ ހެދި ހެޓްރިކާއިއެކު 6-2 ގެ ނަތީޖާއަކުން އިންޓަރ މަޔާމީ މޮޅުވެއްޖެއެވެ.
މި މެޗުން އިންޓަރ މަޔާމީ މޮޅުވިއިރު އެ ޓީމަށް ވަނީ ލީގުގައި ކުޅުނު 34 މެޗުން 74 ޕޮއިންޓް ހޯދައިގެން މޭޖަރ ލީގުގެ ތާރީޚުގައިވެސް ކްލަބަށް ހޯދިފައިނުވާ އަދަދަށް ޕޮއިންޓް ހޯދާފަ އެވެ. މީގެ ކުރިން މޭޖަރ ލީގުގައި އެންމެ ގިނަ ޕޮއިންޓް ހޯދާފައިވަނީ 2021 ވަނަ އަހަރުގެ ސީޒަނުގައި 73 ޕޮއިންޓް ހޯދައިގެން ރިވޮލިއުޝަން އެވެ.
އިންޓަރ މަޔާމީ އިން ފުރަތަމަ ފަހަރަށް އެމްއެލްއެސް ސަޕޯޓަރސް ޝީލްޑް ހޯދާފައިވާއިރު އެމްއެލްއެސް ކަޕްގެ ޕްލޭއޮފް ގައި އަންނަ ހުކުރު ދުވަހު އެ ޓީމު ބައްދަލުކުރާނީ އީސްޓަރން ކޮންފަރެންސްގެ ވައިލްޑް ކާޑް މެޗުގައި އެޓްލާންޓާ ޔުނައިޓެޑާއި މޮންޓްރިއާލް އެފްސީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.
އިންޓަރ މަޔާމީގެ ޗޭސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ދެވަނަ މިނިޓުގައި ނިއު އިންގްލެންޑްގެ ލޫކާ ލަންގޯނީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި 34 ވަނަ މިނިޓޫގައި ޑައިލަން ބޮރޭރޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް 2-0 ގެ ލީޑެއް ހޯދަދީފަ އެވެ.
ނަމަވެސް ފުރަތަމަ ހާފްގެ ކުޅުން ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ލުއިސް ސުއަރޭޒް ވަނީ ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ. އަދި އޭގެ ދެ މިނިޓް ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ދެވަނަ ހާފްގެ ކުޅުން ފެށުނުތާ 13 ވަނަ މިނިޓުގައި އިންޓަރ މަޔާމީގެ ބެންޖަމިން ކްރެމާޝީ ވަނީ ލަނޑެއް ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް އިންޓަރ މަޔާމީ އަށް ކުރި ހޯދަދީފަ އެވެ.
މި މެޗުގެ 78 ވަނަ މިނިޓުގައި ލިއޮނެލް މެސީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފަ އެވެ. އަދި އޭގެ ދެ މިނިޓު ފަހުން އޭނާ އިތުރު ލަނޑެއް ކާމިޔާބުކޮށްފައިވާއިރު މެޗުގެ 89 ވަނަ މިނިޓުގައި މެސީ ވަނީ ހެޓްރިކް ހަދާފަ އެވެ.
މި މެޗުން މޮޅުވެ ލީގު ޗެމްޕިއަންކަން އިންޓަރ މަޔާމީ އިން ހޯދާފައިވާއިރު އެ ޓީމަށް ވަނީ އަންނަ އަހަރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރުމުގެ ފުރުސަތުވެސް ލިބިފަ އެވެ.
އަންނަ އަހަރުގެ ޖުލައި 15 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވާދަކުރާ 36 ކްލަބް މިހާރު ފީފާއިން ފައިނަލް ކޮށްފައިވާއިރު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފައިވަނީ އެމެރިކާގައި މިވަގުތު އޮތް އެންމެ ވަރުގަދަ އަދި މޮޅު ކްލަބަކީ އިންޓަރ މަޔާމީ ކަމަށާއި އެހެންކަމުން އެ ކްލަބަށް ފީފާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.