ޚަބަރު

ޗެލްސީ އަތުން ލިވަޕޫލް މޮޅުވެއްޖެ


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ލިވަޕޫލުން ކާމިޔާބުކޮށްފިއެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗު ފަށައިގެން ފުރަތަމަ 29 މިނުޓުގެ ތެރޭގައި ޗެލްސީން ވަނީ ގިނައިރު ބޯޅަ ހިފަހައްޓައިގެން ރަގަޅު ކުޅުމެއް ދައްކާ ލިވަޕޫލްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.

ނަމަވެސް މެޗުގެ 29 ވަނަ މިނިޓުގައި ލިވަޕޫލް އަށް ލިބުނު ޕެނަލްޓީއާއިއެކު އެ ޓީމުން ވަނީ މެޗުގެ ކޮންޓްރޯލް އަތުލާފަ އެވެ. މި ޕެނަލްޓީ އަކީ އޭރިޔާ ތެރެއިން ކަރޓިސް ޖޯންސް އަށް ޗެލްސީގެ ޑިފެންޑަރ ލެވީ ކޮލްވިލް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދީފައިވާ ޕެނަލްޓީއެކެވެ.

ލިވަޕޫލް އަށް ލިބުނު ޕެނަލްޓީ އިން މުހައްމަދު ސަލާ އެ ޓީމަށް ކުރި ހޯދަދީފައިވާއިރު, އޭގެ ފަހުން ވެސް ޗެލްސީގެ ކީޕަރު ސަންޗެޒް ލިވަޕޫލްގެ ޖޯންސް އަށް ފައުލް ކޮށްގެން ރެފްރީ ވަނީ ޕެނަލްޓީއެއް ދިނުމަށްފަހު ވީޑިއޯ ބަލައި އެ ނިންމުން ބަދަލުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ޗެލްސީގެ ނިކޮލަސް ޖެކްސަން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރު ކުރި ނަމަވެސް އޭގެ ތިން މިނިޓް ފަހުން ލިވަޕޫލްގެ ކަރޓިސް ޖޯންސް ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް ލިވަޕޫލްއަށް ކުރި ހޯދަދީފަ އެވެ.

މި މެޗުން މޮޅުވުމާއެކު ލިވަޕޫލް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 8 މެޗުން 21 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް 8 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު, މި މެޗުން ބަލިވި ޗެލްސީ މިވަގުތު އޮތީ 8 މެޗުން ލިބުނު 14 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގަ އެވެ.