ޚަބަރު

ސެމީގައި ރާއްޖެ އާއި ބޫޓާނުގެ ކުރިމަތިލުމެއް


ބޫޓާން ޓީ20 އިންޓަނޭޝަނަލް ކުއަޑްރަންގިއުލާ ސީރީސްގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ކުޅުނު ތިންވަނަ މެޗުގައި ތައިލެންޑް އަތުން ބަލިވެއްޖެއެވެ.

ބޫޓާންގެ ފުރަތަމަ ކްރިކެޓް ދަނޑު ހުޅުވުމުގެ ގޮތުން ބާއްވާ މި މުބާރާތުގައި އެ ގައުމުގެ އިތުރުން ދެން ވާދަކުރަނީ ރާއްޖެ އާއި، އިންޑޮނޭޝިއާ އަދި ތައިލެންޑެވެ. މުބާރާތުގައި މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވީ ތައިލެންޑް އަތުން 44 ލަނޑުންނެވެ.

މި މެޗުގެ ގުރު ދިމާވުމުން ތައިލެންޑް އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ވަނީ 154 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 44 ބޯޅައިން 53 ލަނޑު ހެދި ޓީމުގެ ކެޕްޓަން އޯސްޓިން ލަޒާރަސްއެވެ. އަދިއެ ޓީމުގެ ޗަލޯމްވޮންގް ވަނީ 34 ބޯޅައިން 41 ލަނޑު އެއްކޮށްފައެވެ.

ޖަވާބުގައި ރާއްޖެ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 110 ލަނޑެވެ. ރާއްޖެއިން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 58 ބޯޅައިން 57 ލަނޑު ހެދި ޓީމުގެ ކެޕްޓަން އަޒްޔާން ފަރުހަތެވެ.

މި މެޗުން ރާއްޖެ ބަލިވިއިރު، މިއީ މި މުބާރާތުގައި ރާއްޖެ ބަލިވި ދެވަނަ މެޗެވެ. އެގޮތުން ދެވަނަ މެޗުގައި ވަނީ ބޫޓާން އަތުން ހަތަރު ވިކެޓުން ބަލިވެފައެވެ. އެކަމަކު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ 23 ލަނޑުން އިންޑޮނޭޝިއާ ބަލިކޮށްފައެވެ. މި ނަތީޖާތަކާއެކު ރާއްޖެ އޮތީ ތާވަލުގެ ތިންވަނައިގައި ދެ ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ތައިލެންޑަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ބޫޓާނަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި ފުލުގައި އޮތް އިންޑޮނޭޝިއާއަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މުބާރާތް ރޭވިފައިވާ ގޮތުން ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ތާވަލުގެ އެންމެ ކުރީގައި އޮންނަ ޓީމާއި، އެންމެ ފުލުގައި ނިންމާ ޓީމެވެ. އަދި ދެވަނަ ސެމީގައި ބައްދަލުކުރާނީ ދެވަނަ އާއި ތިންވަނަ ހޯދާ ޓީމުތަކެވެ. އެހެންކަމުން މާދަމާ ކުޅޭ ސެމީ ފައިނަލް ދެވަނަ މެޗުގައި ރާއްޖެ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.