ޚަބަރު

ސައުދީ އަރަބިއްޔާގެ ކޯޗުކަމުން މަންޗިނީ ވަކިކޮށްފި


ސައުދީ އަރަބިއްޔާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުން 14 މަސް ދުވަސް ފަހުން އިޓަލީގެ ރޮބާޓޯ މަންޗިނީ ވަކިކޮށްފިއެވެ.

އުމުރުން 59 އަހަރުގެ މަންޗިނީ ސައުދީގެ ގައުމީ ޓީމާ ހަވާލުވެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު، ކުރިން އެ މަގާމުގައި ހުރި ހާވޭ ރެނާޑް އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

ސައުދީ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފައިވަނީ މަންޗިނީ އާއި ސައުދީ ފެޑަރޭޝަނާ ދެމެދު ހަދާފައިވާ އެއްބަސްވުން ދެ ފަރާތުން މަޝްވަރާ ކުރުމަށްފަހު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

މަންޗިނީގެ އިރުޝާދުގެ ދަށުން ސައުދީ އަރަބިއްޔާއަށް އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މުބާރާތް ކަމުގައިވާ އޭޝިއަން ކަޕްގެ ދެވަނަ ބުރުން ސައުދީ ވަނީ ދެކުނު ކޮރެއާ އަތުން ބަލިވެ މުބާރާތުން ކަޓާފައެވެ.

އަދި 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ކޮލިފައިންގައި އަމިއްލަ ގައުމުގައި ޖަޕާން އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ބަހްރެއިންއާ އެއްވަރުވެފައިވަނީ ލަނޑެއް ނުޖެހިއެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާއަށް ވުރެ ރޭންކިންގައި ދަށުގައި އޮތް އިންޑޮނޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުވެސް ނިމިފައިވަނީ ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެގެންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ބައްރުގެ ގްރޫޕް ސީގެ ތިންވަނައިގައި ސައުދީ އަރަބިއްޔާ މިވަގުތު އޮތްއިރު، މުބާރާތަކަށް ކޮލިފައިވާނީ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ. އަދި ތިންވަނަ ޓީމާއި ހަތަރުވަނަ ޓީމަށް ޖެހޭނީ ޕްރިލިމިނަރީ މެޗުތަކެއް ކުޅުމަށެވެ.