ޚަބަރު

ފުޑް ކޯޓުތަކުގެ އަމަލީ މަސައްކަތަށް ޓައިމްލައިނެއް އެކުލަވާލަނީ


މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުގައި ތަރައްޤީ ކުރާ ފުޑް ކޯޓްގެ ޢަމަލީ މަސައްކަތް ފެށުމަށް ޓައިމްލައިނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަނުން ބުނެފިއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ، ޓައިމްލައިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާ، އަމަލީ މަސައްކަތް ފަށާނެ ދުވަސް އިޢުލާން ކުރައްވާނެ ކަމަށެވެ. މާލޭގެ ހުޅަނގު ދެކުނު ބަނދަރު ސަރަހައްދުގައި ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުގެ ދަށުން އެ ސަރަޙައްދަށް ގެންނެވި އެންމެ ބޮޑު ބަދަލެއް ގޮތުގައި ފެނިގެންދަނީ، ކުޑަކުދިން ހިތްފަސޭހަކޮށް މަޖާކޮށްލުމަށް ހުޅުއްވި "ރާވެރިބޭގެ މައިޒާނާއި"، އެކި ދިމަދިމާއިން އެތަނަށް ވަދެވޭނެ ގޮތަށް މަގުތައް ފުޅާކުރެއްވުމެވެ. 

އެ ސަރަޙައްދު ތަނަވަސް މާޙައުލަކަށް ބަދަލު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން، ފުޑްކޯޓް ހެދުމުގެ އަމަލީ މަސައްކަތް ފެށުމަށް އެކަން ހަވާލު ކުރައްވާފައިވާ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯ އިން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޓައިމްލައިނެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެސްޓީއީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވިއެވެ. ޝަހީރު ވިދާޅުވީ، އަމަލީ މަސައްކަތް ފެށޭނެ ތާރީޚެއް އެނގޭނީ، ޓައިމްލައިން އެކުލަވާލާ ނިމުމުން ކަމަށެވެ.

ފުޑް ކޯޓްތައް ހެދުމަށް އެ ސަރަހައްދުގައި ހުރި ކަޑަތައް ނަގާ އެތަން ސާފުކޮށްފައިވަނީ، މެއި މަހުގެ ތެރޭގައެވެ. ފުޑް ކޯޓަކީ، ކޮމަން ސީޓިންގ އޭރިއާ އަކާއެކު ތަފާތު ކުދި ކެފޭތައް ހިމެނޭ ގޮތަށް ހަދާ ތަނެކެވެ. 

މި މަޝްރޫޢުގެ ދަށުން ހުޅަނގު-ދެކުނު ބަނދަރު ސަރަހައްދުގެ ފުޑްކޯޓުގައި 25 އާއި 27 ދެމެދުގެ އަދަދަކަށް ކެފޭ ހެދުމަށް ހަމަޖެހިފައިވެއެވެ. މިތަންތަން އިމާރާތްކުރުމުގެ އިތުރުން އެ ސަރަހައްދު މެނޭޖްކުރުމާއި، މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް އެސް.ޓީ.އޯއާ ހަވާލު ކުރައްވާފައިވަނީ، ޖެނުއަރީ މަހުގެ ތެރޭގައެވެ.