ދުނިޔޭގެ ގިނަ ބަޔަކު އެ މެޗަކަށް އިންތިޒާރުކުރާ ސްޕެއިންގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ ކުރިމަތިލުން ނުވަތަ އެލް ކްލަސިކޯގައި މިރޭ މި ދެ ޓީމު ބައްދަލުކުރާއިރު، ރެއާލްގެ ފޯވާޑް ފްރާންސްގެ ކިލިއަން އެމްބާޕޭގެ ފަރާތުން ތަފާތުތަކެއް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.
މި ސީޒަނުގައި އަލަށް ރެއާލް މެޑްރިޑާއި ގުޅުނު އެމްބާޕޭ މިއީ އެލް ކްލަސިކޯ ގައި ކުޅޭ ފުރަތަމަ ފަހަރެވެ.
އަންޗެލޮޓީ ބުނެފައިވަނީ މިއީ އެމްބާޕޭގެ ފުރަތަމަ އެލް ކްލަސިކޯ ކަމުގައިވީ ނަމަވެސް އޭނާ މެޗަކަށް ތައްޔާރުވާ ގޮތަށް ބަލާއިރު އޭނާގެ ފަރާތުން މި މެޗުގައި ތަފާތުތަކެއް ފެނިގެންދާނެ ކަމަށެވެ. އަދި މި ސީޒަނުގައި މިހާތަނަށް އެމްބާޕޭގެ ފަރާތުން ފެނިގެންދިޔަ ފަދަ ކުޅުމެއް ނުވަތަ އެއަށްވުރެ ރަގަޅު ކުޅުމެއް މި މެޗުގައި ދައްކާ އޭނާގެ ފަރާތުން ރަގަޅު ކަންތައްތަކެއް ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށްސް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.
އަންޗެލޮޓީ އިތުރަށް ބުނެފައިވަނީ މި މެޗަށް ނިކުންނައިރު އޭނާ ބާސެލޯނާ ދެކެ ބިރު ނުގަންނަ ކަމަށާއި ނަމަވެސް ހެންސީ ފްލިކްގެ ބާސެލޯނާއަށް ފުރިހަމައަށް އިހުތިރާމް ކުރާ ކަމަށެވެ.
މި މެޗަށް މި ދެ ޓީމު ނިކުންނައިރު ބާސެލޯނާ އޮތީ ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން 27 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގަ އެވެ. އަދި ރެއާލް މެޑްރިޑަށް 10 މެޗުން ލިބިފައިވަނީ 24 ޕޮއިންޓާއެކު ދެވަނަ އެވެ. ލީގުގައި ދިހަ މެޗު ރެއާލް މެޑްރިޑް ކުޅެފައިވާއިރު މި ސީޒަނުގައި އަދި މިހާތަނަށް އެ ޓީމު ލީގުގައި ބަލިވެފައެއް ނުވެއެވެ.
ބާސެލޯނާގެ ކޯޗު ކަމާއި އަލަށް ހަވާލުވި ހެންސީ ފްލިކްގެ ފުރަތަމަ އެލް ކްލެސިކޯ އަށް ނިކުންނައިރު މި ސީޒަނުގައި ބާސެލޯނާއިން ދައްކާ ކުޅުމަށް ބަލާފައި ގިނަ ބަޔަކު ވަނީ ފްލިކް އަށް ތައުރީފުކޮށްފަ އެވެ.
އަދި ބާސެލޯނާގެ ލަ މާސިއާގެ ކުޅުންތެރިންނަށް ފުރުސަތު ދީ އެ ކުޅުންތެރިންގެ ބޭނުން ހިފާތީ ޓީމުގެ ސަޕޯޓަރުން ވަނީ އެކަމަށް ތާއިދުކޮށްފަ އެވެ.
ރެއާލް މެޑްރިޑާއި ދެކޮޅަށް ބާސެލޯނާ ނިކުންނައިރު އެ ޓީމުގެ ފޯވަޑް ރޮބަޓް ލެވަންޑޯސްކީ ދަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ލީގުގައި އޭނާ ވަނީ މިހާތަނަށް 12 ލަނޑު ޖަހާފަ އެވެ.