ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރި ވާދަވެރި މެޗުގައި، ބާސެލޯނާގެ ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކޮށްފައިވާ މައްސަލައިގެ ތެރެއަށް ސްޕެއިންގެ ސަރުކާރު ވަދެއްޖެއެވެ.
ސްޕެއިންގެ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ބާސެލޯނާގެ ކުޅުންތެރިންނާއި ނަސްލީ ގޮތުން ދިމާކޮށްފައިވާއިރު މި މެޗުގައި ބާސެލޯނާގެ ޒުވާން ފޯވަޑް ލަމީން ޔަމާލް އާއިވެސް ވަނީ ދިމާކޮށްފަ އެވެ. ލަމީން ޔަމާލް އަކީ ގިނީ އާއި މޮރޮކޯގެ ނަސްލަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.
ސްޕެއިންގެ ސުޕްރީމް ސްޕޯޓްސް ކައުންސިލް އިން މި މައްސަލަ ކުށްވެރިކޮށްފައިވާއިރު, ސްޕެއިންގެ ފުލުހުންނާއި ލަލީގާގެ އިތުރުން ސްޕެއިން ފުޓްބޯލް ފެޑަރޭޝަނާއި ސްޕެއިންގެ އެޓަރނީ ޖެނެރަލްގެ އޮފީހުން ވަނީ މި މައްސަލަ ބެލުމުގެ މަސައްކަތް ފަށާފަ އެވެ.
އަދި ކުޅުންތެރިންނާއި ނަސްލީ ގޮތުން ދިމާކޮށްފައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރެއާލް މެޑްރިޑްއިން ބުނެފައިވާއިރު ދާދި ފަހުން ސްޕެއިންގެ ފުލުހުން ވަނީ ރެއާލް މެޑްރިޑްގެ ފޯވަޑް ވިނިޝިއަސް ޖޫނިއާ އާއި ނަސްލީ ގޮތުން ދިމާކޮށްފައިވާ މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށް އެ މައްސަލަ ބަލަން ފަށާފަ އެވެ.
ފުޓްބޯޅައިގައި ފަހަކަށް އައިސް ނަސްލީ ގޮތުން ކުޅުންތެރިންނާއި ދިމާކުރުމުގެ މައްސަލަ ބޮޑުވެފައިވާތީ އެކަމަށް ހައްލެއް ގެނައުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން ފިޔަވަޅު އެޅުމަށް ފީފާއިންވަނީ ގޮވާލާފަ އެވެ. އަދި މިފަދަ ކަންތައްތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެފަރާތުން ވަނީ ބުނެފަ އެވެ.
ފަހަކަށް އައިސް އެންމެ ގިނައިން މި މައްސަލަ އާއި ކުރިމަތިލާން ޖެހިފައިވާ ބްރެޒިލްގެ ވިނިޝިއަސް ޖޫނިއާ ވަނީ އޭނާ އާއި އެފަދަ ކަމެއް ދެން ކުރިމަތިވެއްޖެނަމަ މެޗު ނުކުޅެ ދަނޑުން ފައިބާނެ ކަމަށް ބުނެފަ އެވެ.