ޚަބަރު

ބްރައިޓަން އަތުން ލިވަޕޫލަށް އުނދަގޫ މޮޅެއް


އިނގިރޭސި ލީގު ކަޕުގެ ގަދަ 16 ބުރުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ލިވަޕޫލުން ހޯދައިފިއެވެ.

ބްރައިޓަންގެ އެމެރިކަން އެކްސްޕްރެސް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވާއިރު، ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ފުރަތަމަ ހާފާ އަޅާބަލާއިރު ތަފާތު މޮޅު ކުޅުމެކެވެ.

ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ފުރަތަމަ މިނިޓުގައި ލިވަޕޫލްގެ ކޯޑީ ގަކްޕޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ 17 މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް ބްރައިޓަންގެ ސައިމަން އަޑިންގްރާ ވަނީ ލަނޑެއް ޖަހާ މެޗުގެ އޮއެވަރު ބަދަލުކޮށްފައެވެ. ނަމަވެސް އިތުރު ލަނޑެއް ބްރައިޓަންއިން ޖެހުމުގެ ކުރިން ލިވަޕޫލްގެ ލުއިސް ޑިއާޒް ވަނީ އޭގެ ހަތަރު މިނިޓު ފަހުން ލަނޑެއް ކާމިޔާބުކޮށް، ލިވަޕޫލްގެ ލީޑު ދަމަހައްޓަދީފައެވެ.

ބްރައިޓަންއިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ ފަހު މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ތާރިގް ލަމްޓޭއެވެ.

ލިވަޕޫލުން މި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދާފައިވާއިރު, އަންނަ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހު ކުއާޓާގައި އެ ޓީމު ނިކުންނާނީ ސައުތެމްޓަނާ ދެކޮޅަށެވެ.