ނިއުކާސަލް ޔުނައިޓެޑްގެ ސެއިންޓް ޖޭމްސް ޕާކުގައި ފަންސާސް ދެހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 12 ވަނަ މިނިޓުގައި ނިއުކާސަލް ޔުނައިޓެޑަށް ކާމިޔާބުކޮށްދީފައިވަނީ އެލެކްސެންޑަރ އިސާކް އެވެ.
ލީގު ޗެމްޕިއަންކަމަށް މި ސީޒަނުގައި ވާދަކުރާ އާސެނަލް އިން މި މެޗު ފަށައިގެން ރަގަޅު ކުޅުމެއް ދެއްކި ނަމަވެސް އިސާކް ލަނޑު ޖެހުމާއިއެކު އެ ޓީމަށް މައްސަލަތަކާއި ކުރިމަތިލާން ވަނީ ޖެހިފަ އެވެ. އަދި މެޗުގެ ކޮންޓްރޯލް ގެއްލި އަލުން މެޗުގެ ތެރެއަށް އައުމަށް އެ ޓީމަށްވަނީ ދަތިވެފަ އެވެ.
މެޗުގެ ދެވަނަ ހާފްގައި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވަނީ އެ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. ނަމަވެސް ނިއުކާސަލް ޔުނައިޓެޑްގެ ޑިފެންސްލައިން ފޫއަޅުވާލުމަށް އެ ޓީމަށް ވަނީ ނުކުޅެދިފަ އެވެ. އަދި މުޅި މެޗުގެ 90 މިނިޓުގެ ތެރޭގައި އާސެނަލް އަށް ނިއުކާސަލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލައެކެވެ.
މި މެޗުން މޮޅުވުމާއެކު ނިއުކާސަލް ޔުނައިޓެޑް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ދިހަ މެޗުން 15 ޕޮއިންޓާއެކު ތާވަލުގެ ނުވަވަނަ އަށް ޖެހިލާފަ އެވެ. އަދި އާސެނަލް އަށް ދިހަ މެޗުން ލިބުނު 18 ޕޮއިންޓާއެކު އެ ޓީމު އޮތީ ހަތަރުވަނައިގަ އެވެ.
ޕްރިމިއާ ލީގުގައި ރޭ ވެސްޓްހޭމް ޔުނައިޓެޑާއި ދެކޮޅަށް ނޮޓިންހަމް ފޮރެސްޓް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ނޮޓިންހަމް އިން ވަނީ ކާމިޔާބުކޮށް ތާވަލުގެ ތިންވަނަ މަގާމް ހޯދާފަ އެވެ.
މެޗުގެ ދެވަނަ ހާފްގައި އެއް ކުޅުންތެރިއަކު މަދުކޮށް ވެސްޓްހޭމް އިން ކުޅެފައިވާއިރު މި މެޗުން މޮޅުވުމާއެކު ނޮޓިންހަމް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ދޮހަ މެޗުން 19 ޕޮއިންޓް ލިބިފަ އެވެ.