ޚަބަރު

ދީން ފެތުރުމުގައި މީޑިޔާގެ ޒަމާނީ ވަސީލަތްތަކުގެ ދައުރު ބޮޑު


އިސްލާމްދީން ފެތުރުމާއި އުނގަންނައި ދިނުމުގައި މީޑިޔާގެ ޒަމާނީ ވަސީލަތްތައް މުޙިންމު ދައުރެއް އަދާކުރާކަމަށް އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް، ދިރުވުމުގެ ޕްރޮގްރާމްގެ 3 ވަނަ ފޯރަމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް، ދިރުވުމުގެ ޕްރޮގްރާމްގެ ދަށުން ބޭއްވެވި ތިންވަނަ އިޙްޔާ ފޯރަމްގައި މަޢުލޫމާތު ދެއްވީ " އިސްލާމްދީނާއި މީޑިޔާ" މި މައުޟޫގެ މައްޗަށެވެ. މި މައުޟޫއަށް ވާހަކަ ދައްކަވަމުން ޑރ މުޙައްމަދު ޝަހީމް ވިދާޅުވީ ދީން ފެތުރުމުގައި  އެންމެ ކުރީއްސުރެ ފެށިގެން ބޭނުންކުރެވެމުން އައި ވަސީލަތަކީ އެކެއްގެ ކިބައިގައި ވާ މަޢުލޫމާތު އަނެކަކަށް އަންގައި ދިނުން ކަމަށެވެ. އެހެންކަމުން މިޒަމާނުގައި އެކަމަށް ބޭނުން ކުރެވޭނެ އެންމެ ބާރުގަދަ ވަސީލަތަކަށް ވެގެންދާނީ ސޯޝަލް މީޑިޔާ ފަދަ ޒަމާނީ ގޮތްތައް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މީގެ އަހަރުތަކެއް ފަހުން ހުޅަނގުގެ ބައެއް ޤައުމުތައް ވެގެންދާނީ މެޖޯރިޓީ މުސްލިމް ޤައުމުތަކަށް ކަން ދިރާސާތަކުން ދައްކާ ކަމަށެވެ. އަދި ހުޅަނގުގައި އިސްލާމްދީން ފެތުރުމުގައި އެންމެ ބޮޑު މެދުވެރިޔަކީ ޒަމާނީ މީޑިޔާގެ ވަސީލަތްތައް ކަން ޝަހީމް ފާހަގަ ކުރެއްވިއެވެ.

ޑރ. ޝަހީމްގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެކްޒެކެޓިވް ޝައިޚް މުޙައްމަދު ޤުބާދް ޢަބޫބަކުރުވެސްވަނީ މި މައުޟޫއަށް ވާހަކަ ދައްކަވާފައެވެ. ޤުބާދު ވިދާޅުވީ ޚަބަރު ފަތުރާ ވަސީލަތް ތަކަކީ ތެދުމަޢުލޫމާތު ރައްޔިތުންނަށް ފޯރުވައިދޭ ނަޒާހަތްތެރި އެއްޗަކަށް ވާންޖެހޭ ކަމަށެވެ. އަދި ކޮންމެ ޒަމާނެއްގައިވެސް އެޒަމާނަކާ ގުޅޭގޮތުން މީޑިޔާގެ ބޭނުން ހިފަން ޖެހޭކަމަށް ޤުބާދު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ އިޙްޔާ ފޯރަމް ކުރިއަށްގެންދަނީ ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޯމަ ވިލޭރޭގައެވެ. މިއަހަރުގެ ފޯރަމް ކުރިއަށްގެންދަނީ އިސްލާމީ މަރުކަޒު މައިދާނުގައެވެ.