އަންނަ އަހަރު ބާއްވާ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި އެންގޯލާއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ގާނާ ކެޓިއިރު، ކޮމޯރޯސް، މާލީ، ޒެމްބިއާ އަދި ޒިމްބާބްވޭ މުބާރާތަށް ކޮލިފައިވެއްޖެއެވެ.
އެންގޯލާއާ ދެކޮޅަށް ކުޅުނު މެޗަށް ގާނާ ނިކުތްއިރު އެ ގްރޫޕުގެ ފަހު މެޗުތަކާ ކުރިމަތިލާއިރު އެ ޓީމަށް މޮޅުވުން ނޫން ގޮތެއް ނެތެވެ.
އެންގޯލާގެ ވެރިރަށް، ލުއަންޑާގައި ކުޅުނު މި މެޗުގެ 18 ވަނަ މިނެޓުގައި ގާނާ އިން ލީޑްނެގީ ލިބުނު ހިލޭޖެހުމަކުން ލެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ފޯވާޑް، ޖޯޑަން އަޔޫ އެވެ. އޭގެފަހުން، ފުރަތަމަ ހާފު ނިމުމުގެކުރީން އެންގޯލާއަށް އެއްވަރުކޮށްދޭން ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން އެންގޯލާގެ އެމްބާލާ އެންޒޯލާ ފޮނުވާލި ޕެނަލްޓީ ގާނާގެ ގޯލްކީޕަރު، އަބްދުލް މަނާފް ނޫރުދީން ވަނީ މަތަކޮށްފައެވެ.
މެޗުގެ 63 ވަނަ މިނެޓުގައި އެންގޯލާ އިން އެއްވަރުކުރީ ޒީނީ ކާމިޔާބުކުރި ގޯލުންނެވެ. މި ލަނޑާއެކު މެޗު ނިމިގެންދިޔައީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މިއާއެކު، އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ގާނާ އަށް ވަނީ 20 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެ މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ގެއްލިފައެވެ.
އެންގޯލާ އާއި ގާނާ ހިމެނޭ ގްރޫޕް އެފްގައި ދެން ހިމެނެނީ ސޫދާން އަދި ނައިޖާއެވެ. މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ފަސް މެޗުން ހޯދީ 13 ޕޮއިންޓާއެކު އެންގޯލާ ކޮލިފައިވެފައިވާއިރު، ދެވަނައިގައި އޮތް ސޫދާންގެ އިތުރުން ތިނެއްގައި އޮތް ނައިޖާއަށްވެސް ކޮލިފައިވުމުގެ ދޮރު އޮތީ ހުޅުވިފައެވެ. ސޫދާނަށް ފަސް މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ނައިޖާއަށް ފަސް މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ގާނާ އޮތީ ތިން ޕޮއިންޓާއެކު ފުލުގައެވެ.
މޮރޮކޯގައި އަންނަ އަހަރު ބާއްވާ 24 ޓީމު ވާދަކުރާ މުބާރާތުގައި އަދިވެސް ފަސް ޓީމަކަށް ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. މި މުބާރާތް ކުރިއަށްދާނީ އަންނަ އަހަރުގެ ޑިސެންބަރު މަހުގެ 21 އިން 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 18 ގެ ނިޔަލަށެވެ.