ޚަބަރު

ސަރުކާރުގެ ސިޔާސަތަކީ އެންމެ ނިކަމެތި މީހާއަށްވެސް ބޭސްފަރުވާ އެންމެ އެދެވޭ ގޮތުގައި ލިބުން: ވަޒީރު ނާޡިމް


  • 60% ޚަރަދުކޮށްފައި އޮތީ ބޭހަށް

  • ފާސްކުރާ ބަޖެޓަށްވުރެ އިރުރަށް އާސަންދައަށް ޚަރަދުކުރަންޖެހޭ

ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކުގައި މި ސަރުކާރުގެ ސިޔާސަތަކީ އެންމެ ނިކަމެތި މީހާއަށްވެސް ބޭސްފަރުވާގެ ޚިދުމަތް އެންމެ އެދެވޭ ގޮތުގައި ލިބޭކަން ކަށަވަރުކުރުންކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، ކޮންމެ އަހަރެއްގެ ބަޖެޓުން އާސަންދައަށް ކަނޑައަޅާފައި އޮންނަ މިންވަރަށްވުރެ އިތުރަށް ޚަރަދުކުރަންޖެހުމަކީ އިޤްތިޞާދަށް އެކަމުގެ ބުރަ ބޮޑުވާ ކަމެއްކަމަށެވެ.

އައު ޚިދުމަތްތަކާއެކު ހުޅުމާލެ ހޮސްޕިޓަލު ޓަރޝަރީ ފެންވަރަށް ބަދަލުކޮށް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ އާސަންދަ ނިޒާމް ބޭނުންކުރަމުން އަންނަތާ 15 ވަރަކަށް އަހަރުވިނަމަވެސް އެއްވެސް އަހަރަކު އާސަންދައަށް ކަނޑައަޅާފައިވާ ޢަދަދުން ޚަރަދުތައް ހަމަނުޖެއްސޭކަމަށެވެ.

ވަޒީރު ވިދާޅުވީ ރައްޔިތުން އެދެނީ ސިއްޙީ ނިޒާމުގެ ތެރެއިން އާސަންދަފަދަ މުހިންމު ޚިދުމަތްތައް އެންމެ ފައިދާ ހުރި ގޮތުގައި އޭގެ ޙައްޤުވެރި ފަރާތްތަކަށް ލިބޭނެ ނިޒާމަކަށްވެގެން ދިޔުންކަމަށެވެ. އަދި އެ ނިޒާމްގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް ހުރި އެހެނިހެން ކަންކަން ކުރުމަށް ހުރި ގޮންޖެހުމަށް ނުވާނެ ނިޒާމަކަށް ވެގެން ދިޔުމަކީވެސް ރައްޔިތުން އެދޭނެކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސިއްޙަތާ ބެހޭ ވަޒީރު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި އާސަންދައިން ކޮށްފައިވާ ޚަރަދުތަކުގެ ތެރެއިން %60 ޚަރަދުކޮށްފައިވަނީ ހަމައެކަނި ބޭސް ވިއްކުމަށެވެ. ނަމަވެސް ބޭހުގެ އަގުތައް ދުނިޔޭގެ ނިސްބަތުން އަޅާބަލާއިރު ބޮޑުކަމަށާއި މިކަން މިހެންވެފައިއޮތީ އާސަންދަ ނިޒާމުގައި ބަލަންޖެހޭ ކަންކަން ނުބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނެތުމުގެ ސަބަބުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ބޭހަކީ ހަމައެކަނި ފަރުވާއެއް ނޫން. ބޭހަކީ މުޅި މި ނިޒާމްގެ މަދު ބައެއް. ބޭހާ ހަމައަށް އައުމުގެ ކުރިން ކުރަންޖެހޭ ކަންތައްތަކާއި ބޭސް ރައްޔިތުންނަށް ފޯރުކޮށްދެވެނީ އެންމެ ރަނގަޅު ގޮތުގައިތޯ މި ސުވާލު ތަކުރާރުކޮށް ކުރަންޖެހޭ. ބޭހުގެ އަގުތައް ހުރީ ދުނިޔޭގެ ނިސްބަތުންވެސް ބޮޑު އަގުތަކެއްގައި. މިކަން މިހެން ވެފައި މިއޮތޯ މި ނިޒާމްއިން ބަލަންޖެހޭ ކަންކަން ނުބެލެވުމުގެ ސަބަބުން. އަޅަން ޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ ވަގުތަކުގައި އެޅިފައި ނެތުމުގެ ސަބަބުން." ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.

ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ މި ސަރުކާރުން ޤަބޫލުކުރާ ސިއްޙީ ނިޒާމުގެ ސިޔާސަތަކީ ރާއްޖޭގެ އެންމެ ކުޑަ ރަށުގައި ހުރި އެންމެ ނިކަމެތި މީހާއަށް ބޭސްފަރުވާގެ ނިޒާމް އެންމެ އެދެވޭ ގޮތުގައި ލިބުންކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދާއެކު ސިއްޙީ ދާއިރާގެ ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ފަށާފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވަޒީރު ވަނީ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުގެ ކުރިން ދުޅަހެޔޮ އާބާދީއެއް ބިނާކުރުން މުހިންމުކަން ފާހަގަކުރައްވާފެއެވެ. އެގޮތުން ޕަބްލިކް ހެލްތް ޕްރިވެންޝަންގެ ޕްރޮގްރާމެއް މިހާރު 7 އަތޮޅުގައި ފަށާފައިވާކަމަށާއި އަންނަ އަހަރު މުޅި ރާއްޖެއަށް މި ޕްރޮގްރާމް ފުޅާކުރައްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.