ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމަށް މީގެ ކުރީގެ އެއްވެސް ސަރުކާރުން މަސައްކަތްކޮށްފައިނުވާ މިންވަރަށް ވޭތުވެދިޔަ އެއް އަހަރު ދުވަހު މަސައްކަތްކޮށްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ނިމިގެންދިޔަ ސަރުކާރުން، 5 އަހަރު ނިންމާލާފައިވަނީ މުޅި އިގްތިޞާދު ފުނޑާލުމަށްފަހު އަލަށް އަންނަ ވެރިއަކަށް ޤައުމު ނަގައި ކޮޅަށް ޖެހުމަކީ ފަސޭހަކަމަކަށް ނުވާވަރު ކޮށްފަކަމަށެވެ. ވޭތުވެދިޔަ 50 އަހަރު ރާއްޖޭގެ އިޤްތިޞާދަށް ދިމާވި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުތަކުން މަސައްކަތްކޮށްފައި ނުވިނަމަވެސް މިދިޔަ އެއް އަހަރުގެ ތެރޭގައި އިޤްތިޞާދު ހަރުދަނާ ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"އޭގެ ތެރޭގައި ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް ބަދަލުތަކެއް ގެނައުން ހިމެނޭ. ދިގު ޒަމާންތަކެއް ވަންދެން ކުރިއަށް ގެންދިޔަ ނާކާމިޔާބު އަދި ދެމެހެއްޓެނިވި ނޫން ސަބްސިޑީތައް ހައްލުކުރުމާއި، ސިޔާސީ ގޮތުން ޚަރަދު ބޮޑު ހަރަދުތައް ރޭޝަނަލައިޒް ކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުން ހިމެނޭ." އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ޑިވެލޮޕްމަންޓް ބޭންކްއަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމުކުރާ ޑިވެލޮޕްމެންޓް ބޭންކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން އިޤްތިޞާދު ސިންދަފާތު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ.
އެގޮތުން މި ބޭންކަކީ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށް ފައިނޭންސް ދިނުމާއި، އަމިއްލަ ވިޔަފާރިތަކަށް އެހީތެރިވުމާއި، އިޤްތިޞާދީ ކުރިއެރުމަށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކުރާނެ ބޭންކެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ރައްޖޭގެ އިޤްތިޞާދުގެ މުހިއްމު ތަނބަކަށް ވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ އެ ބޭންކަކީ ކާމިޔާބު ބޭންކަކަށް ހެދުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށާއި ޑިވަލޮޕްމެންޓް ބޭންކާއެކު އެހެން މާލީ ޚިދުމަތްތައް ފުޅާ ކުރުމަށްވެސް އެހީތެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި އިންވެސްޓްމެންޓް ބޭންކިންއާއި ހޯލްސޭލް ބޭންކިންއާއި އެސެޓް މެނޭޖްމެންޓް ކުންފުނިތަކާއި ހެޖް ފަންޑުތަކާއި މެރިޓައިމް އިންޝުއަރެންސް ސަރވިސަސްއާއި އިސްލާމިކް ފައިނޭންސް ފަދަ ޚިދުމަތްތައް ފެށުމަށް އެހީތެރިވާނެ ކަމަށެވެ.
އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު ވިދާޅުވީ މާލީ ދާއިރާ ފުޅާކޮށް، ފަހި މާހައުލެއް ޤާއިމް ކުރުމަށް ފައިނޭންޝަލް ސެންޓަރާ ގުޅޭ ޤާނޫނެއް ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި މަޖިލީހަށް ފޮނުވާނެ ކަމަށެވެ. އަދި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު ހެދުމަށް ޤަޠަރު ފައިނޭންޝަލް ސެންޓަރާއި ދުބާއީ ފައިނޭންޝަލް ސެންޓަރާއި އަބޫދާބީ ގްލޯބަލް މާކެޓުގެ އެހީތެރިކަން ލިބޭނެކަމަށް ސައީދު ވިދާޅުވި އެވެ.