ރާއްޖޭގެ ވޮލީގެ އެންމެ އުހުގައި ވ. އަތޮޅުގެ އެތަށް ތަރިންތަކެއް ފިޔަ ޖަހައިފިއެވެ. އޭގެ ތެރެއިން ވެސް ތިން ބެއިން އެއްކޮށް ފިޔަޖެހީ ފެލިދޫ އިންނެވެ. އެއީ ފެލިދޫގެ އިތުރުން މުޅި ދިވެހިރާއްޖެ ވެސް އެ ތިން ކުޅުންތެރިންނަށް ފަޚުރުވެރިވާނެ ތިން ކުޅުންތެރިންނެވެ.
ރާއްޖޭގެ ވޮލީގައި އެ ކުޅުންތެރިން ނުހޯދާ ކާމިޔާބީއެއް ނެތެވެ. ނުލިބޭ މެޑައްޔެއް ނެތެވެ. މިއީ ވ. ފެލިދޫގެ ތިން ބެއިން ކަމުގައިވާ އަލީ ހުޒާމް، ހުސެއިން ވިޝާމް އަދި ހަސަން ނިލާމްގެ ވޮލީގައި ދެކުނު ހުވަފެނުގައި ކުލަ ޖެހުނު ދުވަހެވެ.
"އަހަރެމެން ތިން މީހުންވެސް އަބަދުވެސް ދައްކާ ވާހަކައެއް އެއީ، ކެރިޔަރު ނިންމާލުމުގެ ކުރިން ރަށަށް ވޮލީގައި ތަށްޓެއް ހޯދަދޭން. މި މުބާރާތް އޭރު ބާއްވާނެކަން ވެސް އަހަރެމެން އަށް ނޭނގޭ. އޭރު ބެލީ ބޮޑު މުބާރާތެއްގައި ރަށުގެ ނަމުގައި ބައިވެރިވެ ހޯދާން. އެކަމަކު މިއަދު މި އޮތީ ރާއްޖޭގެ ވޮލީގެ އެންމެ ބޮޑު މުބާރާތް ރަށަށް ހޯދައިދެވިފައި" އުފަލުން ހުރެ، "ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން ތިން ބެއިންގެ ތެރެއިން އެންމެ ހަގު ހަސަން ނިލާމް (ޕާޓޭ) ފާހަގަކުރިއެވެ.
ވ. ފެލިދޫ ވޮލީ ކޯޓުން ވިދާލި މި ކުޅުންތެރިން އެންމެ ފުރަތަމަ ކޯޗުންގެ ލޮލުގައި އަޅައިގަތީ 2009 ވަނަ އަހަރުގެ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ތެރެއިންނެވެ. އެ މުބާރާތުން ފާހަގަވެ، ކޯޗު އަޝްރާ ދިން ފުރުސަތެއްގައި މާލެ އައިސް ހުޒާމް އާއި ވިޝާމް އެސްޓީއޯގެ ޓީމަށް ކުޅުނެވެ. އޭގެ މާ ގިނަ ދުވަސްތަކެއް ނުވެ، ނިލާމްވެސް މާލެ އައިސް ބޮޑެތި މުބާރާތްތަކުގައި ކުޅެންފެށިއެވެ.
ރާއްޖޭގެ ޤައުމީ ވޮލީ ޓީމުގައި އެއްކޮށް މި ތިން ބެއިން ގިނަ އަހަރުތަކެއް ވަންދެން ކުޅުނެވެ. އޭގެ ތެރެއިން ހުޒާމް ވަނީ ޤައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައެވެ. އަދި ރާއްޖެއިން ކާވާ މުބާރާތުގެ ރިހި މެޑަލް ނެގި ޓީމުގައި ވެސް ހުޒާމް ވަނީ ހިމެނިފައެވެ.
ރާއްޖޭގެ ވޮލީގައި މި ތިން ބެއިންއަށް އާދީއްތަ ދުވަހާ ހަމައަށް ހަމައެކަނި ނުހޯދި އޮތީ އެންމެ ކާމިޔާބީއެކެވެ. އެއީ އުފަން ރަށަށް ރާއްޖޭގެ ބޮޑު މުބާރާތެއް ކާމިޔާބުކޮށްދިނުމެވެ.
"ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން ވ. ފެލިދޫ ކައުންސިލްގެ ރައީސްގެ މަގާމުވެސް އަދާކުރައްވަމުން އަންނަ ވިޝާމް ވިދާޅުވީ، ހުޒާމް އާއި ޕާޓޭ އަދި ވިޝާމްވެސް ވޮލީގެ ކެރިއަރު ނިންމާލުމުގެ ކުރިން މި ކާމިޔާބީ ހޯދުން އެއީ ފެލިދޫގެ ރައްޔިތުން ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި އެ ހުވަފެނުގައި ކުލަޖައްސައިދެވިއްޖެ ކަމަށް ވިޝާމް ވިދާޅުވިއެވެ.
ވިޝާމް އަށް މި ކާމިޔާބީ ދެ ގޮތުން ހާއްސައެވެ. ވިޝާމް އަކީ މިވަގުތު ރަށުގެ ހިންގުމާ ހަވާލުވެ ހުންނެވި އެންމެ އިސްފަރާތްވެސްމެއެވެ.
"ދެ ކާމިޔާބީއެއްކޮށް ލިބުނު ކަހަލަ ގޮތަކަށް އަޅުގަނޑު ހަމަ ސިފަ ކުރާނީ. އަޅުގަނޑު މިވަގުތު ރަށާ ހަވާލުވެ، ރަށް ހިންގުމަށްހުރިއިރު، އަޅުގަނޑު ކެރިޔަރު ފެށުނީ ވޮލީއިން ރަށުގައި ހުރިއިރު، އޭގެ ތެރެއިން އައިސް އަޅުގަނޑު މިހުރީ. އެހެންވެ ދެ ކާމިޔާބީ އެއްކޮށް ރަށަށްޓަކާ ހޯދަދެވުނީމަ ވަރަށް އުފާކުރަން"
ވިޝާމް ވިދާޅުވީ، މިއީ ހަމައެކަނި ފެލިދުއަށް ލިބުނު ކާމިޔާބީއެއް ނޫން ކަމަށެވެ. މިއީ މުޅި ވާވަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. ވާވު އަތޮޅަކީ ކިތަންމެ ކުޑަ އަތޮޅެއް ވިޔަސް ވޮލީގެ ތާރީޚުގައި ވަރުގަދަ އަތޮޅެއްކަން މި ފަހަރުގެ މުބާރާތުގައި ވެސް ދައްކުވައިދީފި ކަމަށް ވިޝާމް ވިދާޅުވިއެވެ.
ވޮލީގައި ތިން ބެއިންގެ ތެރެއިން އެންމެ ވަރުގަދަ ނަމަކީ ހުޒާމްއެވެ. ހުޒާމްވެސް ފާހަގަކުރީ ކެރިޔަރުގައި ހަމައެކަނި ނުލިބި އޮތް ކާމިޔާބީ ހޯދުނު ވާހަކައެވެ.
"ވޮލީގައި އަޅުގަނޑުމެން އަށް ކާމިޔާބީއެއް ހޯދައި ނުދެވި އޮތީ ހަމައެކަނި ރަށަށް މި ވަރުގެ ބޮޑު މުބާރާތެއްގައި. އެހެންވެ އަޅުގަނޑުމެން ތިން ބެއިން އެއްކޮށް މި ކާމިޔާބީގައި ހިއްސާވާތީ ވަރަށް އުފާވޭ" ހުޒާމް ބުންޏެވެ.
ހުޒާމްއާ ވިޝާމްގެ އިތުރުން ނިލާމް ވެސް ފާހަގަކުރީ ކެރިޔަރު ނިންމާލުމުގެ ކުރިން ރަށަށް ހޯދަދޭން ބޭނުންވި ކާމިޔާބީ ހޯދަދެވުނު ވާހަކައެވެ.
ނިލާމް ބުނީ، މިއީ ވަރަށް ކުރިއްސުރެ، ތިންބެއިން ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި އެ ހުވަފެން ހަގީގަތަކަށް ހަދައިދެވުނީތީ އުފާކުރާ ކަމަށް ނިލާމް ބުންޏެވެ.
"ތިން ބެއިން އެއްކޮށް ކެރިއަރު ނިމުމުގެ ކުރިން އެންމެންވެސް ކީ ހަމަ އެއްކަލަ ރަށަށް ރީތި ނަމެއް ހޯދަދީފައޭ ކެރިއަރު ނިންމާލަންވާނީ. އެގޮތުގެ މަތިން މި ރާއްޖެ ވޮލީ މުބާރާތް އިއުލާންކުރީއްސުރެ، މުޅި ޓީމު އެއްކޮށް ރެޑީވަމުން އައީ" ނިލާމް ބުންޏެވެ.
މި ކާމިޔާބީ ހަމައެކަނި ހާއްސަވަނީ މި ތިން ބެއިންނަށް އެކަންޏެއް ނޫނެވެ. ރާއްޖޭގެ އެންމެ އާބާދީ މަދު ވާވު އަތޮޅަށްވެސް މި ކާމިޔާބީ ހާއްސައެވެ. މި ކާމިޔާބީއާއެކީ ވ. ފެލިދޫ އިން ދައްކުވައިދެނީ ދިވެހި ވޮލީގައި އަދިވެސް ރަސްކަން ކުރަމުން އަންނަީ ވާވު އަތޮޅު ކަމެވެ.