ޚަބަރު

ޓްރަމްޕާ ގުޅިގެން މަސައްކަތް ކުރަން ޗައިނާ ތައްޔާރު: ޝީ


އެމެރިކާގެ އިންތިޚާބީ-ރައީސް ޑޮނަލްޑް ޓްރަމްޕްގެ އައު ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ޗައިނާއިން ތައްޔާރަށް އޮތް ކަމުގައި އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގ ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި ވަނީ، ޕެރޫގެ ވެރިރަށް ލީމާގައި ކުރިއަށްދާ އޭޝިޔާ-ޕެސިފިކް އިކޮނޮމިކް ކޯޕޮރޭޝަން (އޭޕެކް)ގެ ބައްދަލުވުމުގެ ހަވާސާގައި އެމެރިކާގެ ރައީސް ޖޯ ބައިޑަނާ ބައްދަލު ކުރެއްވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުންނެވެ.

ނޮވެންބަރު 5ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު، ކުރީގެ ރައީސް ޓްރަމްޕް ކުރި ހޯއްދަވާފައި ވަނީ ބައިޑަންގެ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު އަދި އޭނާގެ ނައިބު ރައީސާ ކަމަލާ ހެރިސްގެ މައްޗަށެވެ. 2025 ޖަނަވަރީ 20ވަނަ ދުވަހު ޓްރަމްޕް އެމެރިކާގެ ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާއިރު، އޭނާގެ އައު ސަރުކާރުގައި އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

"ޗައިނާއާއި އެމެރިކާއާ ދެމެދު ދުޅަހެޔޮ ގުޅުންތަކެއް ބާއްވަން ޗައިނާއިން ގެންގުޅޭ އަމާޒަށް ބަދަލެއް ނާންނާނެ. އެމެރިކާގެ އައު ސަރުކާރާ އެކު މުއާޞަލާތުކޮށް، ގުޅުންތައް ހަރުދަނާކޮށް، ތަފާތުތައް ނައްތައިލަން ގުޅިގެން މަސައްކަތް ކުރަން ޗައިނާއިން ތައްޔާރު،" އެމެރިކާގެ ވެރިކަމުން ފައިބައި ވަޑައިގަންނަވާ ބައިޑަނާ ބައްދަލު ކުރެއްވުމުގެ ކުރިން ޝީ ވިދާޅުވިއެވެ.

މިއީ، ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި ދެ ބޭފުޅުން ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ. އަދި، ބައިޑަންގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން އެ ދެ ބޭފުޅުން ބައްދަލު ކުރައްވާނެ ފަހު ފަހަރެވެ. ބައިޑަނާއި ޝީގެ މަޝްވަރާތަކުގައި އަލިއަޅުވައިލައްވާފައިވާ ބައެއް ދާއިރާތަކުގެ ތެރޭގައި ތައިވާނުގެ މިނިވަން ކަމާ ގުޅޭ މައްސަލައާއި، ސައިބަރ ސެކިޔުރިޓީ އަދި އެމެރިކާއާއި ޗައިނާއާ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތަކުގެ އިތުރުން ރަޝިޔާއާ ގުޅޭ މައްސަލަތައް ހިމެނެއެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބައިޑަން ވިދާޅުވީ، ދެ ބޭފުޅުންގެ ދެމެދުގައި އަބަދުވެސް ދެބަސްވުންތަކެއް އޮތް ނަމަވެސް، ދެ ބޭފުޅުން އަބަދުވެސް ތެދުބަހުން ވާހަކަފުޅު ދައްކަވައި، އިޚުލާސްތެރިކަން އިސްކުރައްވާފައިވާ ކަމުގައެވެ. ދެ ޤައުމުގެ ދެމެދުގައި އުފެދިފައި އޮތް ދެބަސްވުންތައް ހައްލު ކުރައްވަން ބައިޑަންގެ ސަރުކާރުގައި މަސައްކަތްތަކެއް ކުރައްވާފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ޓްރަމްޕުގެ ވެރިކަމުގައި، އެމެރިކާއާއި ބޭރު ދުނިޔެއާ ދެމެދު އޮތް ގުޅުންތައް، ޚާއްޞަކޮށް ވިޔަފާރީގެ ގުޅުންތަކަށް ބޮޑެތި އިސްލާޙުތަކެއް ގެންނަވާނެ ކަމުގައި ޓްރަމްޕް ވިދާޅުވެފައިވެއެވެ. މި ގޮތުން، ޗައިނާއިން އެތެރެކުރާ މުދަލުން %60ގެ ޑިޔުޓީއެއް ނެގުމަށް އޭނާ ވަނީ ވަޢުދުވެ ވަޑައިގަންނަވާފައެވެ. މިއީ، އެމެރިކާގެ އުފެއްދުންތެރިކަން އިތުރު ކުރުމުގެ ސިޔާސަތުގެ ދަށުން އަޅާނެ ފިޔަވަޅެއް ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ.

ޗައިނާއާ ދެކޮޅު ވިސްނުން ގެންގުޅުއްވާ ބައެއް ބޭފުޅުން ޓްރަމްޕްގެ ސަރުކާރުގެ އިސް މަޤާމުތަކުން ފެނިގެންދާނެ ކަމަށް ބެލެވެއެވެ. މި ގޮތުން، ޓްރަމްޕްގެ ޚާރިޖީ ވަޒީރު ކަމުގެ މަޤާމުން ފެނިގެންދާނީ ޗައިނާއާ ދެކޮޅު ސިޔާސަތުތައް ކުރިއަރުވާ ސެނެޓަރު މާކޯ ރޫބިޔޯއެވެ. އަދި، ޤައުމީ ސަލާމަތާ ބެހޭ މުޝީރުގެ މަޤާމަށް ޓްރަމްޕް ޢައްޔަން ކުރައްވާނެ މައިކް ވޮލްޓްޒަކީ ވެސް ޗައިނާއާ ދެކޮޅު ވިސްނުމުގެ ބޭފުޅެކެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދު މި ވަގުތު ޚިޔާލުތަފާތުވުން އުފެދިފައިވާ އެންމެ ބޮޑު މައްސަލައަކީ ތައިވާނުގެ މިނިވަންކަމާ ގުޅޭ މައްސަލައެވެ. ތައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި އެ ޤައުމުން ޤަބޫލު ކުރެއެވެ. ނަމަވެސް، އެމެރިކާއިން ދަނީ ތައިވާނުގައި ވެރިކަން ކުރާ ސަރުކާރަށް އެކި ދާއިރާތަކުން، ޚާއްޞަކޮށް ދިފާޢީ އަދި އަސްކަރީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި، ހަތިޔާރު ފޯރުކޮށްދެމުންނެވެ. މިއީ، ޗައިނާގެ ސަރުކާރުން ރުހޭ ކަމެއް ނޫނެވެ.

ޝީއާއި ބައިޑަން ބައްދަލު ކުރައްވާފައި މި ވަނީ، ޗައިނާއާ ދެކޮޅު ސިޔާސަތުތައް ކުރިއެރުވުމަށް ބައިޑަން ޖަޕާނާއި ދެކުނު ކޮރެޔާގެ ވެރިންނާ ބައްދަލު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. ބައިޑަންގެ އިތުރުން ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާއާއި ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުލް ޔޯލާ ދެމެދު ބޭއްވި ބައްދަލުވުމުގައި އެންމެ ބޮޑަށް އަލިއަޅުއްވައިލައްވާފައިވާ އެއް ކަމަކީ، އޭޝިޔާ-ޕެސިފިކް ސަރަޙައްދުގައި ބާރާއި ނުފޫޒު ގަދަކުރަން ޗައިނާއިން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމެވެ.