ޚަބަރު

ވޭލްސްއާ އެއްވަރުވި ނަމަވެސް ތުރުކީ ކުއާޓާ ފައިނަލަށް


ޔުއެފާ ނޭޝަންސް ލީގުގައި ރޭ ވޭލްސްއާ ދެކޮޅަށް ތުރުކީން ކުޅުނު މެޗުގައި ފޯރިގަދަ ކުޅުމަކަށްފަހު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެއްޖެއެވެ.

ތުރުކީގައި ކުޅުނު މި މެޗު އެއްވަރުވެފައިވާއިރު ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުނު 11 ޕޮއިންޓާއެކު ތުރުކީއަށް ވަނީ ކުއާޓަރ ފައިނަލުގެ ޖާގައެއް ލިބިފަ އެވެ. އަދި އަދި އެ ޓީމު ވަނީ ނޭޝަންސް ލީގުގެ އޭ ކެޓަގަރީއަށް ކޮލިފައިވެފަ އެވެ. ވޭލްސް އަށް މި މެޗުން ލިބުނު ޕޮއިންޓާއެކު އެ ޓީމަށް ވަނީ ޖުމްލަ 9 ޕޮއިންޓާއެކު ދެވަނަ މަގާމު ލިބިފަ އެވެ.

އެހެންކަމުން ގްރޫޕުގެ ފަހު މެޗުގައި މި ހަފްތާގައި ވޭލްސް އަމިއްލަ ގައުމުގައި އައިސްލޭންޑާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް ތުރުކީ މޮންޓެނޭގްރޯ އަތުން ބަލިވެއްޖެނަމަ އެ ޓީމަށް ގްރޫޕުގެ އެއްވަނަ މަގާމު ލިބޭނެ އެވެ.

ދެ ޓީމުގެ ފަރާތުވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެފަ އެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ވޭލްސްގެ ހެރީ ވިލްސަން ފޮނުވާލި ހަމަލައެއް ގޯލުގެ ދަނޑިއަށް ވަނީ އަމާޒުވެފަ އެވެ.

އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ތުރުކީ އެނެސް އުނާލް އަށް ލިބުނު ފުރުސަތު އޭނާ ނަގާލާފައިވާއިރު މެޗުގެ ފަހު މިނިޓުގައި ރެފްރީ ވަނީ ތުރުކީއަށް ޕެނަލްޓީ އެއް ދީފަ އެވެ. ނަމަވެސް މި މުބާރާތުގައި ތުރުކީއަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކެރެމް އަކްތޫރްކޮގްލޫ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލަށް އަމާޒުނުވެ ބޭރަށެވެ.

މަޝްހޫރު ފޯވަޑް ކްރެއިގް ބެލަމީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ވޭލްސް އިން ވަނީ ބެލަމީ ކޯޗުކަމާއި ހަވާލުވުމަށްފަހު ރަގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އަދި ގިނަ ބަޔަކު ވަނީ ބެލަމީގެ އިރުޝާދުގެ ދަށުން ވޭލްސް އިން ކުޅެމުންދާ ސްޓައިލަށް ތައުރީފުކޮށްފަ އެވެ.

ބެލަމީގެ އިރުޝާދުގެ ދަށުން މިހާތަނަށް ވޭލްސް އިން ހަތަރު މެޗު ކުޅެފައިވާއިރު ދެ މެޗުން މޮޅުވެ ދެ މެޗު ވަނީ އެއްވަރުވެފަ އެވެ.