މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގައި 3 ވަނަ ހިއްސާކުރާ ސިނާއަތެވެ. މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެއްވެސް ސަރުކާރަކުން މިހާތަނަށް އެންމެ އެދެވޭ މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ. މީގެ އެންމެ އަލިގަދަ ހެއްކަކީ މަސްވެރިންގެ ފަރާތުން އަންނަ ޝަކުވާތަކާއި ކަންބޮޑުވުންތަކެވެ.
މި ސަރުކާރު ވެރިކަމާއި ހަވާލުވީ މަސްވެރިންނަށް ގިނަ ވައުދުތަކަކާއި އެކުގައެވެ. އަދި އެކަންކަން ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ހަފްތާ14 ގައި މަސްވެރިކަމުގެ ސިނާއަތުން ހާސިލްކުރަން ކަނޑައެޅި ގިނަ ކަންކަން ވަނީ ހާސިލްކޮށްފައެވެ.
މިފްކޯގެ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކޮށް ކުރިން އެސްޓީއޯގެ ދަށުން ހިންގަމުން އައި މިފްކޯ ވަނީ %100 ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކޮށްފައެވެ. މަސްވެރިކަމަކީ ޕްރޮފެޝަންއެއްގެ ގޮތުގައި މީގެކުރިން ބަލައިގަންނަ ބައެއް ނޫންނެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު މަސްވެރިންނަކީވެސް ދައުލަތް ބަލައިގަންނަ ބަޔަކަށް ހެދުމަށްޓަކައި ވަނީ މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައި މަސްވެރިން ދަފްތަރުކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ.
މީގެއިތުރުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކޮށް، އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރުކުރުމަށްޓަކައި %100 ސަރުކާރު ހިއްސާވާ ކުންފުންޏެއްވަނީ އުފައްދަވާފައެވެ.
މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން ރެސްކިއު 1 ޑައިވަރަކު ތަމްރީން ކުރުމަކީ މި ސަރުކާރުގެ މުހިންމު އެއް ވައުދެވެ. ހަފުތާ 14ގެ ވަޢުދުތަކުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތެރެއިން ރެސްކިއު ޑައިވަރގެ ފުރަތަމަ ބެޗުގެ ތަމްރީން ގދ. މަޑަވެލީގައި ފަށްޓައި މިހާތަނަށް 56 ދޯންޏަކުން 56 ފަރާތެއް މި ޕްރޮގްރާމްގެ ދަށުން ވަނީ ރެސްކިއު ޑައިވަރ ލެވެލްއަށް ތަމްރީނުވެފައެވެ.
މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް ކަނޑު ފަޅުން ލިބޭ ނަފާ އިތުރުކުރުމުގެ ގޮތުން އެކުއަކަލްޗަރ އަދި މެރިކަލްޗަރގެ މަސައްކަތް ފުޅާކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެކެވެ.
ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރިތައް ޤާއިމުކުރުމަށްޓަކައި، ހެޗަރީތައް ބިނާކުރުމާއި ހެޗަރީގައި އުފައްދާ ބާވަތްތައް މޫދުގެ މާހައުލުގައި ބޮޑުކުރުމަށް، ފޮރިން އިންވެސްޓްމަންޓްތައް ހިމެނޭގޮތަށް އާންމުކޮށް ހުޅުވާލައިގެން މެރިކަލްޗަރ ތަރައްޤީކުރާ ޒޯންތަކެއްގެ ގޮތުގައި ރާއްޖޭގެ 4 ޒޯނެއް ވަނީ ކަނޑައަޅާފައެވެ. މި ޒޯންތަކުގައި ރަށްރަށާއި ފަރުތައް ހިމެނެއެވެ. މިގޮތުން ކަނޑައަޅާފައިވާ ޒޯންތަކަކީ
• ބޮޑުތިލަދުންމަތި (ހދ. އަދި ށ. އަތޮޅު) މެރިކަލްޗަރ ޒޯން
• މާޅޮސްމަޑުލު އުތުރުބުރީ (ރ) އަތޮޅު މެރިކަލްޗަރ ޒޯން
• މުލަކަތޮޅު (މ) އަތޮޅު މެރިކަލްޗަރ ޒޯން
• ކޮޅުމަޑުލު (ތ) އަތޮޅު މެރިކަލްޗަރ ޒޯން.
މި ސަރުކާރުގެ މެނިފެސްޓޯގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތީ ކޮންމެ ބާވަތެއްގެ މަސްވެރިކަމެއްވެސް ބަލައިގަންނާނެކަމެވެ. މިއީ ހަމަ މަސްވެރިކަމުގެ ތެރޭގައި ހިމެނޭ އާއިލާތައްކަން ބަލައިގަނެ އެއިން ކޮންމެ ކަމަކަށް ސިޔާސަތު ބައްޓަންކުރާނެކަމެވެ. އޭގެ ބައެއް މަސައްކަތްތައް މިހާރު ވަނީ ފެށިފައެވެ. އެގޮތުން ފަރުމަސްވެރިކަން ކުރަން ލޯނު ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައެވެ.
މަސްވެރި ވުޒާރާއިން އެސް.ޑީ.އެފް.ސީ އާއި ގުޅިގެން ހުޅުވާލި 30 މިލިއަން ރުފިޔާގެ ކަނޑުފަޅުނަފާ ލޯނަށް ފުރުސަތަށް 121 ފަރާތަކުން އެދިފައިވެއެވެ. މިލޯނުގެ ދަށުން 62 ފަރާތަކަށް ލޯނު ދިނުމަށް ނިންމައި އެފަރާތްތަކާއެކު އެއްބަސްމުގައި ސޮއި ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ދޯނިތަކުގެ އޮޑިވެރިންނަށް މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ދޫނުކުރާހާ ލުއިތަކާއެކު މި ސަރުކާރުންވަނީ އާރްއެސްޑަބްލިޔު އެޅުމަށް އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ފައިސާ ލިބޭނެ ފެސިލިޓީއެއް ހުޅުވާލާފައެވެ. މި މަސައްކަތުގެ ދަށުން މިހާރު އޮޑިވެރިންނަށް ރަހުނަކާ ނުލާ 2 މިލިއަން ރުފިޔާއާ ހަމައަށް ޚަރަދުކުރެވޭ ފެސިލިޓީއަކަށް ވަނީ ހުޅުވާލާފައެވެ.
މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދ. މީދޫ، ދ. ބަނޑިދޫ އަދި ށ. ފުނަދޫގައި 30 ޓަނުގެ އައިސް ޕްލާންޓް އެޅުމަށްޓަކައި މިފްކޯއާ ވަނީ ހަވާލުކޮށްފައެވެ. އަދި ސައުދީ ފަންޑުފޯ ޑިވެލޮޕްމެންޓްގެ ދަށުން ހއ. ދިއްދޫ، އއ. ރަސްދޫ، ގދ. ރަތަފަންދޫ، ހއ. އިހަވަންދޫ، ށ. ކޮމަންޑޫގައި 30 ޓަނުގެ އައިސް ޕްލާންޓް އެޅުމަށްޓަކައި ވަނީ ބީލަމަށް ހުޅުވާލާފައެވެ.
މަސްވެރިންގެ ލާބައާއި މަންފާއަށްޓަކައި ކަނދުފަތި އެޅުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން ޑިސެންބަރ 2023 އިން ފެށިގެން 28 އޮކްޓޯބަރގެ ނިޔަލަށް 11 ސްޕޯޓްސް ފިޝިން އަދި 18 ދޮށީ ކަނދުފަތިވަނީ އަޅާފައެވެ.
މަސްވެރި ސިނާއަތުން އެންމެ ފުރިހަމަ ނަފާ ލިބުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކަކީ މަސްވެރިން ބާނާ މަސް ރައްކާކުރުމާއި އެ މަސް ދިވެހިރާއްޖޭގައި ޕްރޮސެސް ކުރުމުގެ ކެޕެސިޓީ ނެތުމެވެ. ޑރ މުޢިއްޒުގެ ސަރުކާރުގައި މަސްވެރި ވުޒާރާއިން އެންމެ އިސްކަމެއް ދެއްވައިގެން ކުރާ އެއް މަސައްކަތަކީ މި ފަސް އަހަރުގެ ތެރޭގައި މަސް ރައްކާކުރެވޭ ކެޕޭސިޓީ 25000 ޓަނަށް އިތުރުކުރުމާއެކު މަސް ޕްރޮސެސްކުރާނެ އިތުރު ކާރުޚާނާތައް އެޅުމެވެ.
މަސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަކީވެސް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. އެގޮތުން ގައުމީ ޔުނިވަސިޓީގައި މަސްވެރިކަމަށް ހާއްސަ ކޮލެޖެއް ޤާއިމްކޮށް ކޯސްތައް ފެށުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.