ޚަބަރު

ސިޔާސަތުތައް ތަންފީޒުކުރުމަށް ފަސްޖެހޭ ބަޔަކަށް ސިވިލް ސަރވަންޓުން ނުވުމަށް މެޑަމް ސާޖިދާ އިލްތިމާސްކުރައްވައިފި


  • ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ބަޔަކީ ފަންނީ ޤާބިލު ބައެއް

ސިޔާސަތުތައް ތަންފީޒުކުރަން ފަސްޖެހޭ ބަޔަކަށް ސިވިލް ސަރވަންޓުން ނުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސްގެ އަނބިކަނބަލުން މިކަމަށް އިލްތިމާސްކުރެއްވީ މިސަރުކާރުގެ ވޭތުވެދިޔަ 52 ހަފްތާގައި ސިއްޙަތާ ބެހޭ ވުޒާރާގައި މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުން ކުރި މަސައްކަތުގެ އަގުވަޒަން ކުރުމަށް ބޭއްވި ހަފްލާގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ އެކަމަނާ ސިއްޙީ ދާއިރާގައި މަސައްކަތްކުރެއްވިއިރު ފާހަގަވި ކަންތައްތަކަށް އަލިއަޅުވާލައްވާފައެވެ. ސާޖިދާ ވިދާޅުވީ އެދާއިރާގއި މަސައްކަތް ކުރާ މީހުންނަކީ ފަންނީ ޤާބިލު ބައެއްކަމަށާއި ކުރާ މަސައްކަތެއް ކުރަނީ އެމީހުންގެ އަމިއްލަ މަސައްކަތެއްގެ ގޮތުގައި ދެކިގެންކަމަށެވެ. އަދި ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަކީ މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކަށް މަސައްކަތް ކުރާ ބައެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

"މިހާރުވެސް މަސައްކަތް ކުރަމުންދާގޮތަށް ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރައްވާ
ބައެއް ފަހަރު މަސައްކަތް ކުރާއިރު ހިތްހަމަ ނުޖެހޭ ކަންތައްތަކާ ކުރިމަތިލާން ޖެހުނުނަމަވެސް މިފަދަ ދާއިރާއެއްގައި މަސައްކަތް ކުރާއިރު ހިތްހަމަ ނުޖެހުނުނަމަވެސް އެކަންކަން އެއްފަރާތްކުރައްވާ.
ހިތްހަމަ ނުޖެހޭ ކަންކަން ހުރިނަމަ ކަމާ ބެހޭ ފަރާތްތަކާ ވާހަކަދައްކައިގެން ހައްލުކޮށް މަސައްކަތާއިގެން ކުރިއަށް ގެންދަވާ." ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

ސާޖިދާ ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތްނަމަވެސް ސިވިލް ސަރވެންޓުންނަކީ އެއިރެއްގައި އަމަލުކުރަމުން އޮންނަ ސިޔާސަތުތަކާ އެއްގޮތަށް އަމަލުކުރަމުންދާ ބައެއްކަމަށެވެ. އަދި ހިތްހަމަ ނުޖެހޭ ގޮތަށް ސިޔާސަތުތައް އޮތްނަމަވެސް އެކަން ތަންފީޒުކުރުމަށް ފަސްޖެހޭ ބަޔަކަށް ސިވިލް ސަރވަންޓުން ނުވުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. ޚާއްސަގޮތެއްގައި ސިއްޙަތާ ގުޅިފައިވާ ކަންކަން ތަންފީޒް ކުރުމުގައި އެއްބާރުލުން ދިނުމަށް އިލްތިމާސްކުރެއްވިއެވެ.

ސިއްޙަތާ ބެހޭ ވުޒާރާގައި މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުންގެ ވޭތުވެދިޔަ 52 ހަފްތާތެރޭގައި ކުރި މަސައްކަތުގެ އަގުވަޒަން ކުރުމަށް ބޭއްވި ހަފްލާގައިވަނީ މުވައްޒަފުންނަށް ޝުކުރުގެ ބެޖް ހަވާލުކޮށްދެއްވާފައެވެ. މިބެޖް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ.