ޢަރަބިއްޔާ ސްކޫލްގެ ޢަމަލީ މަސައްކަތް ފެށިގެންދިޔުމުން ދޭހަކޮށްދެނީ ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފެތުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަންމިއްޔަތުކަމާއި އިސްކަންކަމަށް ޢަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ބުނެފިއެވެ.
ޢަރަބިއްޔާ ސްކޫލް ހިންގުމަށް ޒަމާނީ ފެންވަރުގެ ޢިމާރާތެއް ނުލިބި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. މިދިޔަ ސަރުކާރުންވެސް ޢަރަބިއްޔާ ސްކޫލް އިމާރާތްކުރަން ވައުދުވީނަމަވެސް ދައުރު ނިމިގެންދިޔައިރުވެސް އެކަމުގައި ޢަމަލީ ސިފަޖެހިފައި ނުވެއެވެ. ޢަރަބިއްޔާ ސްކޫލް އެޅުމަށް ބައު ޖަމާލުއްދީން ހުރި ބިން މިދިޔަ ސަރުކާރުން ހަމަޖެއްސިއެވެ. އަދި އެތަނުގައި ހުރި ބައު ޖަމާލުއްދީނުގެ އިމާރާތް ތަޅާލުން ފިޔަވައި އިތުރު ކަމެއް ނިމިދިޔަ ސަރުކާރަކަށް ނުވިއެވެ.
ޢަރަބިއްޔާ ސްކޫލް އިމާރާތްކުރުމަށް ބައު ޖަމާލުއްދީން ހުރި ބިން ހަމަޖެއްސުމުން، އެބިމަކީ އައު ސްކޫލެއް އެޅުމަށް އެންމެ އެކަށީގެންވާ ބިމެއް ނޫންކަމަށް ސްކޫލްގެ ބެލެނިވެރިން ދިޔައީ ބުނަމުންނެވެ. އަދި ޖަމާލުއްދީން ސްކޫލަށްވެސް މިހާރު ޖާގައިގެ ދަތިކަން ދިމާވެފައި އޮތުމާއެކު އެތަނުގައި އެހެން ސްކޫލެއް އެޅުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫންކަމަށްބުނެ ބެލެނިވެރިން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނިމިދިޔަ 5 އަހަރު ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނަށް ތަޙައްމަލްކުރަންޖެހުނީ ބޮޑު މާޔޫސްކަމެކެވެ. މި މާޔޫސްކަމަށް ތަސައްލީއެއް ލިބިގެންދިޔައީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އޭރުގެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޔަޤީންކަމަކާއެކުއެވެ.
އެގޮތުން ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު ޖާގަ ތަނަވަސް، ރަނގަޅު ބިމެއްގައި ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ރައީސްގެ ވަޢުދާ އެއްގޮތަށް ސަރުކާރަށް އަހަރުވީ މިމަހުގެ 17 ވަނަ ދުވަހު، ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުނެވެ. 5 އަހަރު ވަންދެން ޢަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުން ދެކެމުން އައި ހުވަފެނުގައި ޙަގީގީ ކުލަ މިއަދު ޖެހެން ފަށައިފިއެވެ.
ސްކޫލްގެ އަމަލީ މަސައްކަތް ފެށުމާ ގުޅިގެން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޢަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ބުނީ ސްކޫލްގެ އިމާރާތް އެޅުމުގެ ޢަމަލީ މަސައްކަތް މިސަރުކާރުން ފެށުމުން ހާމަވެގެންދަނީ ޢަރަބި އިސްލާމީ ތަޢުލީމު ފެތުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަން ކަމަށެވެ. އަދި މިދިޔަ ސަރުކާރުން ޢަރަބިއްޔާ އަޅައިދެއްވާނެކަމަށް ވަޢުދުވިނަމަވެސް، ފެނުނީ ވަޢުދާ އެއްގޮތަށް ކަން ނުވި މަންޒަރުކަމަށް ބެލެނިވެރިން ބުންޏެވެ.
އެމްޑީޕީން ރާއްޖޭގެ ވެރިކަމާ ހަވާލުވި ކޮންމެ ފަހަރަކު، ޢަރަބި އިސްލާމީ ތަޢުލީމު ރާއްޖޭގައި ކިޔަވައިދިނުން ހުއްޓުވުމަށް މަސައްކަތްކުރިކަމަށް ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބެލެނިވެރިން ތުހުމަތުކުރިއެވެ.
"އެމްޑީޕީގެ ސަރުކާރުން މަޢުހަދަތުލް އިސްލާމިއްޔާ އުވާލުމާއި ކިޔަވަ ކިޔަވާ ހުއްޓާ ޢަރަބިއްޔާ ތަޅާލުމާއި ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުން އެކި ސްކޫލްތަކަށް ބަހާލުމަށް މަސައްކަތްކުރުމާއި މިދޔަ 5 އަހަރު ޢިމާރާތެއްނެތި މަގުމަތިކޮށްލާފައި އޮތްއޮތުމުން ޢަރަބި އިސްލާމީ ތަޢުލީމު ނައްތާލުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކޮށްލެވޭ." ބެލެނިވެރިޔަކު ބުންޏެވެ.
"ރައީސް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވިއިރު، ތި ބޭފުޅުން ޤަބޫލުކުރައްވާށޭ ވެރިކަމުގެ ފުރަތަމަ އަހަރު ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށާނަމޭ. މި މަސައްކަތަށް ރައީސް ޑރ. މުޢިއްޒާއި ތަޢުލީމީ ވަޒީރު ޚާއްސަ އަހަންމިއްޔަތުކަމަކާއި އިސްކަމެއް ދެއްވި." އެހެން ބެލެނިވެރިޔަކު ބުންޏެވެ.
ޢަރަބިއްޔާ ސްކޫލް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވަނީ މީގެ ކުރިން މާލެ ސަރަހައްދުގައި އަޅާފައިވާ އެހެން ސްކޫލްތަކާ ޚިލާފަށެވެ. މިގޮތުން ޢަރަބިއްޔާ އިމާރާތްކުރަނީ އިޢާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ ގޮތަށް ސޯލަރ ނިޒާމަކާއެކުއެވެ. އަދި ޢިމާރާތުގެ އަންޑަރގްރައުންޑް ޕާކިންއެއްވެސް ހުންނާނެއެވެ.
ޢަރަބިއްޔާ ސްކޫލް އިމާރާތްކުރުމަށް ކުރީ ސަރުކާރުން ކަނޑައެޅި މަސައްކަތުގެ ސްކޯޕަށްވެސް މިސަރުކާރުން ވަނީ ބަދަލު ގެންނަވާފައެވެ. އެގޮތުން ކުރިން 6 ފަންގިފިލާއަށް ޢިމާރާތް ކުރުމަށް ނިންމި ނަމަވެސް، މިހާރު ޢަރަބިއްޔާ ސްކޫލް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 10 ފަންގިފިލާއަށް، 42 ކުލާސްރޫމް ހިމެނޭހެންނެވެ.