ޚަބަރު

ނޭކުރެންދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމިއްޖެ


  • މިމަޝްރޫޢުގެ މަސައްކަތް ނިންމާފައިވަނީ 13 އޮގަސްޓުގައި

  • މިހާރު މިނިޒާމު ވަނީ ޓެސްކޮށް ކޮމިޝަންވެސް ކޮށްފައި

ހދ. ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ނިންމާލައިފިއެވެ.

ނޭކުރެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނުގެ އެހީއާއި، ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، ބިނާރާއި، ގެދޮރުވެރިކަމާއި، އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ލިމިޓެޑްގެ ޖޮއިންޓް ވެންޗާރ އާއި ޙަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ.

ފެނާއި ނަރުދަމާ ނިޒާމް ޓެސްޓުކޮށް ކޮމިޝަން ކުރުމުގައި ބިނާރާއި، ގެދޮރުވެރިކަމާއި، އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ޓެކްނިކަލް ސްޓާފުންގެ އިތުރުން، ކޮންޓްރެކްޓަރާއި، ފެނަކަ ކޯޕަރޭޝަން އަދި އެރަށު ކައުންސިލުން ވެސް ބައިވެރިފައިވެއެވެ.

ބިނާރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއްވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން، ފެން ޓެސްޓުކުރެވޭ އިކްއިޕްމެންޓްތަކާއެކު، ލެބޯޓަރީއަކާއި، އޮފީސް ޖާގަ ހިމެނޭނެހެން، 30 ކިލޯވޯލްޓްގެ ސޯލަރ ޕެނަލް ހަރުކޮށްފައިވެއެވެ. އަދި އާރު.އޯ ޕްލާންޓުގެ އިމާރާތެއްއް ޤާއިމުކޮށް، 2 ބޯހޯލް ތޮރުފައި، 30 ޓަނުގެ 2 އާރު.އޯ ޕްލާންޓާއި، 135 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކާއި، 200 ޓަނުގެ ވާރޭފެން ރައްކާކުރާ 1 ޓެންކާއި، 3 ނަރުދަމާ ޕަންޕިންގ ސްޓޭޝަނާއިއެކު ސްވަރޭޖް ޓްރީޓްމެންޓް ޕްލާންޓެއްވެސް ޤާއިމުކޮށްފައިވެއެވެ.

މީގެ އިތުރުން، 13.1 ކިލޯ މީޓަރުގެ ފެނުގެ ވިއުގައަކާއި، 10.4 ކިލޯމީޓަރުގެ ނަރުދަމާ ވިއުގަ އަޅާފައިވާއިރު، ސީ އައުޓް ފޯލް އެޅުމުގެ އިތުރުން، ނަރުދަމާ ނިޒާމު ގުޅުވުމަށްޓަކައި ގޭބީސީތަކާއި އެހެނިހެން އިމާރާތްތަކުގެ ތެރޭގައި ޗެކްޕިޓް ބެހެއްޓުމާއި، ފެން މީޓަރުތައް ބެހެއްޓުމުގެ މަސައްކައްތައްވެސް ވަނީ ކޮށް ނިންމާލާފައެވެ.