އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީއަށް ކުޅޭ ސްޕެއިންގެ ކެޕްޓަން ރޮޑްރީ ސްޕެނިޝް ލަލީގާގެ ޗެމްޕިއަން އެފްސީ ބާސެލޯނާއަށް ބަދަލުވުމުން އެކަމުގެ މާލީ ފައިދާ އޭނާ ކުރިން ކުޅުނު ދެޓީމުކަމުގައިވާ އެޓްލެޓިކޯ މެޑްރިޑާއި ވިޔަރެއާލްއަށް ލިބިގެންދާނެއެވެ.
މަޢުލޫމާތުލިބޭގޮތުގައި އެޓްލެޓިކޯ އަދި ވިޔަރެއާލްއަށް މިކަމުން ފައިދާ ލިބިގެންދަނީ ފީފާއިން ހަދާފައިވާ ޓްރެއިނިންގ ކޮމްޕެންސޭޝަން މެކޭނިޒަމްގެ ދަށުންނެވެ. ނަމަވެސް މިފައިދާ މިދެޓީމަށް ލިބިގެންދާނީ ސިޓީ އާއި ބާސާގެ މެދުގައި މިހާރު އެއްބަސްވެފައިވާ ރޮޑްރީގެ ވިޔަފާރި ކޮށްނިމުމުންނެވެ. ފީފާގެ މިމެކޭނިޒަމް އުމުރުން 12 އަހަރާއި 23 އަހަރާއި ދެމެދު ކުޅުންތެރިން ކުޅެފައިވާ ހުރިހާ ކްލަބެއް ހިމެނިގެންދެއެވެ.
މި ކޮމްޕެންސޭޝަންގެ ފުރިހަމަ އަދަދަކީ ޓްރާންސްފަރ ފީގެ ފަހެއް އިން ސައްތައެވެ. ފީފާއިން އެކުލަވާލާފައިވާ މި މެކޭނިޒަމްގެ ދަށުން އުމުރުން 12 އަހަރާއި 15 އަހަރާއި ދެމެދުގެ ކުޅުންތެރިޔަކު އެކްލަބަކަށް ހިދުމަތް ކުރި ކޮންމެ އަހަރަަކަށް 0.25 އިން ސައްތަ ދޭންޖެހެއެވެ. އަދި 16 އަހަރާއި 23 އަހަރާއި ދެމެދުގެ ކުޅުންތެރިއެއްނަމަ އެކުޅުންތެރިޔަކު ހިދުމަށް ކުރި ކޮންމެ އަހަރަށް 0.50 އިން ސައްތަ ދޭންޖެހެއެވެ.
ނިމިގެންދިޔަ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ރޮޑްރީ އޭނާގެ ފުޓްބޯޅަ ކެރިއަރ ފަށާފައިވަނީ ރަޔޯ މަހަޑަހޮންޑާ ކިޔާ ކްލަބަކުންނެވެ. ނަމަވެސް އޭނާގެ އުމުރުން 11 އަހަރުގައި އެކްލަބް ދޫކޮށް ގޮސްފައިވުމުގެ ސަބަބުން އެޓީމަށް މިކަމުގެ ފައިދާއެއް ލިބިގެނެއް ނުދާނެއެވެ.
ރޮޑްރީ އެޓްލެޓިކޯ އާއި ގުޅިފައިވަނީ އޭނާގެ އުމުރުން 11 އަހަރުގައެވެ. އަދި އުމުރުން 17 އަހަރު ވަންދެން އެކްލަބްގައި އޭނާ ހޭދަކުރިއެވެ. އެހެން ކަމުން މިހާރު ކިޔާގޮތަށް 65 މިލިއަން ޔޫރޯއަށް ރޮޑްރީގެ ވިޔަފާރި ނިމިގެންދާނަމަ އެޓްލެޓިކޯއަށް 1.5 މިލިއަން ޔޫރޯ ލިބޭނެއެވެ. އަދި އެހެން ބައިތަކާއެކު އިތުރު 10 މިލިއަނާއެކު 75 މިލިއަން އެއްކޮށް ސިޓީއަށް ލިބޭނަމަ އެޓްލެޓިކޯއަށް ލިބޭ ބައި 2 މިލިއަން ޔޫރޯއަށް އަރާނެކަމަށްވެއެވެ.
ވިޔަރެއާލް އަށް ބަލާލާއިރު ރޮޑްރީ އެކްލަބްގައި ހޭދަކޮށްފައިވަނީ ފަސް ސީޒަނެވެ. އެހެން ކަމުން 65 މިލިއަން ޔޫރޯގެ މަގުން ބަލާއިރު 1.6 މިލިއަން ޔޫރޯ ވިޔަރެއާލްއަށް ލިބިގެންދާނެއެވެ. އަދި އަދި އިތުރު ބައިތަކާއެކު 75 މިލިއަން ޔޫރޯ ނަމަ އެޓީމަށް ލިބޭ ބައި 1.875 މިލިއަން ޔޫރޯއަށް އަރާނެކަމަށް ވަނީ ބެލެވިފައެވެ.
މިދެ ކްލަބަށް ދޭ ފައިސާ އަކީ ބާސާއިން ސިޓީއަށް ދޭ ޓްރާންސްފަރ ފީގައި ހިމެނޭ ބައެއް ނޫންނެވެ. އަދި މިފައިސާ އަކީ ބާސާއިން ފީފާ މެދުވެރިކޮށް މިދެކްލަބަށް ކުރަންޖެހޭ އިތުރު ހޭދައެކެވެ.