ޚަބަރު

ރަޝިއާގެ އިތުރު އެއާލައިންތައް ގެނައުމުގެ މަޝްވަރާއެއް


  • ވަޒީރު ވަނީ ރަޝިއާގެ ސްޓޭޓް ސެކްރެޓަރީއާ ބައްދަލުކުރައްވާފައި

  • ދެޤައުމުގެ ދެމެދުގެ ވައިގެ ދަތުރުތައް އިތުރުކުރުމަށް އެއްބަސްވެފައިވޭ

ރަޝިއާއިން ރާއްޖެއަށް އިތުރު އެއަރލައިންތައް ގެނައުމާ ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ކުރިއަށްގެންގޮސްފިއެވެ. މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި، ވައިގެ ދަތުރުފަތުރުގެ ގުޅުން ވަރުގަދަ ކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގެ އިސް ވަފުދެއް ރަޝިއާއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެއެވެ.

މި ދަތުރުފުޅުގެ ތެރެއިން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީންއާއި ރަޝިއާގެ ސްޓޭޓް ސެކްރެޓަރީ އަދި ޑެޕިއުޓީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް، ދިމިތުރީ ޒްވެރޭވްއާ ވަނީ މޮސްކޯގައި ބައްދަލުކޮށް މުހިންމު ކަންތައްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ. އަދި ރާއްޖެއަށް އިތުރު އެއަރލައިންތައް ދަތުރުކުރުމާ ގުޅޭގޮތުން ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ.

ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފުދުގެ މި ދަތުރަކީ ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. މޮސްކޯ އަދި ސެއިންޓް ޕީޓަރސްބާގގައި ކުރަމުންދާ މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރު ކުރުމާއި، ވައިގެ ދަތުރުފަތުރުގެ ގުޅުން ވަރުގަދަ ކުރުމުގެ އިތުރުން، ފަތުރުވެރިކަމުގެ ވިޔަފާރީގެ ބައިވެރިވުންތައް ހަރުދަނާ ކުރުމެވެ.

މި ދަތުރުގައި، ވަފުދުގެ ބޭފުޅުން ރަޝިއާ ސަރުކާރުގެ އިސް މަންދޫބުންނާ ބައްދަލުކުރައްވައި، ފަތުރުވެރިކަމާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، ވައިގެ މަގުން ގުޅާލުމާއި، ދެ ގައުމުގެ ދެމެދުގައި ފްލައިޓް ކެޕޭސިޓީ އިތުރު ކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މީގެއިތުރުން މޮސްކޯ އަދި ސެއިންޓް ޕީޓަރސްބާގްގެ އިސް ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއި، ސިނާއީ ޖަމިއްޔާތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ކުންފުނިތަކާއެކު މަތީ ފަންތީގެ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކަކީ، ކުރިއަށް އޮތް ފަތުރުވެރިކަމުގެ މޫސުމާއި 'ވިޒިޓް މޯލްޑިވްސް އިޔަރ 2027' އަށް ތައްޔާރުވުމުގެ ގޮތުން މާކެޓުގެ މަޢުލޫމާތު އެއްކުރުމަށާއި، ދަތުރުވެރިންގެ މެދުގައި މަޤުބޫލުވަމުން އަންނަ ކަންކަން ދެނެގަތުމުގެ އިތުރުން ގުޅިގެން އިޝްތިހާރު ކުރުމުގެ ފުރުސަތުތައް ހޯދުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެއްކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ރަޝިއާގެ ޓްރެވަލް ޓްރޭޑްގެ އިސް މަންދޫބުންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ ބައިވެރިން އަދި މީޑިއާތައް އެއްތަނަކުން ބައްދަލުވާނެ ސިނާއީ ނެޓްވޯކިންގ ދެ އިވެންޓެއް މޮސްކޯ އަދި ސެއިންޓް ޕީޓަރސްބާގްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓުތަކުގައި ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަމުންދާ ބަދަލުތަކާއި ކުރިއެރުންތައް ދައްކާލުމުގެ އިތުރުން، ރަޝިޔާ މާކެޓުން ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި އިސްދައުރެއް އަދާކުރާ ބައިވެރިންނާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރެވިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި ދަތުރުގެ ސަބަބުން ރާއްޖެއަކީ އައު މާކެޓުތަކަށް މަޤުބޫލު މަންޒިލަކަށް ހެދުމަށާއި، ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށާއި، ރަޝިއާއިން ރާއްޖެއަށް އޮންނަ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެދޭނެއެވެ.