ޚަބަރު

ނަޑާލްގެ ފަހު މުބާރާތަށް ތައްޔާރުވެއްޖެ


ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ކުރިން ހުރި ސްޕެއިންގެ ރަފައެލް ނަޑާލް، އޭނާގެ ފަހު މުބާރާތް ކަމުގައިވާ ޑޭވިސް ކަޕަށް އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

ކްލޭ ކޯޓުގެ ރަސްގެފާނުގެ ގޮތުގައި ކުރިން ބެލެވުނު ނަޑާލް ވަނީ އަނިޔާގެ ސަބަބުން މި އަހަރުގެ ފްރެންޗް އޯޕަން އާއި ޔޫއެސް އޯޕަންގެ އިތުރުން ލޭވަރ ކަޕްގައި ބައިވެރިނުވެފަ އެވެ. އަދި އަނިޔާގެ ސަބަބުން ނަޑާލްގެ އަސްލު ކުޅުން ދެއްކޭގޮތް ނުވުމާއެކު އޭނާ ވަނީ ދާދި ފަހުން ކުޅުން ހުއްޓާލުމަށް ނިންމާފައިވާކަން އިއުލާން ކޮށްފަ އެވެ. އަދި ޑޭވިސް ކަޕަކީ އޭނާގެ ފަހު މުބާރާތް ކަމަށާއި އޭނާގެ ފަހު މުބާރާތުގައި ސްޕެއިން ތަމްސީލު ކުރުމުގެ ފުރުސަތު ލިބުމަކީ ލިބިގެންދާ ޝަރަފެއް ކަމަށްވެސް ނަޑާލް ވަނީ ބުނެފަ އެވެ.

އުމުރުން 38 އަހަރުގެ ނަޑާލް 22 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއަން އޯޕަން ދެ ފަހަރު, ވިމްބަލްޑާން މުބާރާތް ދެ ފަހަރު އަދި އޭނާ ވަނީ ހަތަރު ފަހަރު ޔޫއެސް އޯޕަން އާއި ޑޭވިސް ކަޕްގެ އިތުރުން އޮލިމްޕިކްސް އިން ރަން މެޑަލް ހަތަރު ފަހަރު ހޯދާފަ އެވެ. ނަޑާލްގެ ދިގު ކެރިއަރުގައި އޭނާ ވަނީ ފްރެންޗް އޯޕަން ޓެނިސް މުބާރާތް 14 ފަހަރު ކާމިޔާބުކޮށްފަ އެވެ.

ނަޑާލް ޓެނިސް ކުޅުން ހުއްޓާލާކަން އިއުލާން ކޮށްފައިމިވަނީ އޭނާ އާއި އެންމެ ވާދަވެރި ސްވިޒަލޭންޑްގެ ރޮޖަރ ފެޑެރަރ މީގެ ދެ އަހަރު ކުރިން ޓެނިސް ކުޅުން ހުއްޓާލާފައިވަނިކޮށެވެ. ފެޑެރަރ ވަނީ 24 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ނަޑާލްގެ ފަހު މުބާރާތް ކަމުގައިވާ ޑޭވިސް ކަޕްގައި މިއަދު ސްޕެއިން އާއި ނެދަލޭންޑްސް ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.