ޚަބަރު

ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރުމުގެ އުސޫލު މުރާޖާކޮށް ރަޝިޔާއިން އެމެރިކާއަށް އިންޒާރުދީފި


ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރުމުގެ އުސޫލު މުރާޖާކޮށް، ރަޝިޔާއިން އެމެރިކާއަށް ނުރައްކާތެރި އިންޒާރެއް ދީފިއެވެ. ރަޝިޔާާއިން އެ ޤައުމުގެ ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރުމުގެ އުސޫލު އިސްލާޙު ކޮށްފައި މި ވަނީ، އެ ޤައުމުގެ ރަށްތަކަށް ނުރައްކާތެރި ޙަމަލާތަކެއް ދިނުމުގެ ހުއްދަ އެމެރިކާއިން ޔޫކްރެއިނަށް ދިނުމާ ގުޅިގެންނެވެ.

2022ވަނަ އަހަރު ފަށާފައިވާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދީ، އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންދާ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި، މި ހަނގުރާމައަކީ، ޕްރޮކްސީއެއް ނުވަތަ މެދުވެރިއެއްގެ ގޮތުގައި ޔޫކްރެއިން ބޭނުންކޮށް، އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައެކެވެ.

މި ހަނގުރާމައިގެ ދަށުން ޔޫކްރެއިންގެ ސިފައިން ވެސް ދަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާގެ ވެރިރަށް މޮސްކޯގެ އިތުރުން ބޮޑެތި އެހެން ރަށްތަކަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ. ރަޝިޔާގެ ރަށްތަކަށް ދެމުންދާ ޙަމަލާތަކުގައި އެމެރިކާއިން ފޮނުވަމުންދާ ދުރު-ރާސްތާ ހަތިޔާރު ބޭނުން ކުރުން އެމެރިކާއިން މީގެ ކުރިން އޮތީ މަނާ ކޮށްފައެވެ. ނަމަވެސް، ނޮވެންބަރު 5ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީއަށް ލިބުނު ނާކާމިޔާބީއަށް ފަހު، ރައީސް ޖޯ ބައިޑަން ވަނީ، އެ ކަމުގެ ހުއްދަ ޔޫކްރެއިނަށް ދީފައެވެ. ނަމަވެސް، އެމެރިކާއިން ރަސްމީ ސިފައެއްގައި އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ.

ނަން ހާމަކޮށްފައި ނުވާ އެމެރިކާ ސަރުކާރުގެ ދެ އޮފިޝަލަކާއި އިތުރު މަޞްދަރަކުން ވަނީ، އެމެރިކާއިން ފޮނުވަމުންދާ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާއަށް ޙަމަލާ ދިނުމުގެ ހުއްދަ ޔޫކްރެއިންގެ އަސްކަރިއްޔާއަށް ދީފައިވާ ކަން ހާމަކޮށްފައެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާއިން ފޮނުވަމުންދާ ދުރު-ރާސްތާ މިސައިލް ފަދަ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދޭން ފަށާނެ ކަމުގައި ވެސް އެ މަޞްދަރުތަކުން ބުންޏެވެ.

މި ކަމުގެ ހުއްދަ، ބައިޑަން ޔޫކްރެއިނަށް ދެއްވާފައި މި ވަނީ، އޭނާގެ ވެރިކަން ނިމުމަކާ ގާތްވެފައިވާ ދަނޑިވަޅެއްގައެވެ. ނޮވެންބަރު 5ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އޭނާއަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ އިތުރުން އެމެރިކާއިން ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމާ ދެކޮޅު ބޭފުޅެކެވެ. އަދި، އޭނާގެ ވެރިކަމުގައި ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓައިލުން، ނުވަތަ ހަތިޔާރު ފޮނުވާ މިންވަރު މަދު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ރަޝިޔާގެ ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރުމުގެ އުސޫލަށް ރައީސް ވްލަޑިމިޔަރ ޕުޓިން ގެންނަވާފައިވާ ބަދަލުތަކާ އެކު، ނިއުކްލިޔަރ ބާރަކުން ޔޫކްރެއިނަށް ފޯރުކޮށްދޭ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުމަކީ، އޭގެ ރައްދުގައި ނިއުކްލިިޔަރ ހަތިޔާރު ބޭނުން ކުރެވިދާނެ އަމަލެއްގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ. އެ ފަދަ ހަތިޔާރުގެ ތެރޭގައި ދުރު-ރާސްތާ މިސައިލް ފަދަ ކޮންވެންޝަނަލް ހަތިޔާރާއި އަސްކަރީ ޑްރޯން އަދި އަސްކަރީ މަތިންދާބޯޓު ވެސް ހިމެނެއެވެ. މީގެ އިތުރުން، ދިފާޢީ އިއްތިޙާދެއްގެ މެންބަރު ޤައުމަކުން ރަޝިޔާއަށް ޙަމަލާއެއް ދިނުމަކީ، އެ އިއްތިޙާދެއްގައި ހިމެނޭ ހުރިހާ މެންބަރު ޤައުމަކުން ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރުމާ އެއްފަދަ އަމަލެއްގެ ގޮތުގައި ބަލާނެ ކަމުގައި ވެސް އައު އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އެމެރިކާ އަދި ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)އާއި ރަޝިޔާއާ ދެމެދު ނިއުކްލިޔަރ ހަނގުރާމައެއް ފެށުމުގެ ބިރު ވަނީ އެތަކެއް ގުނައަކަށް ބޮޑުވެފައެވެ. ރަޝިޔާއަށް ޙަމަލާ ދިނުމަށް އެމެރިކާގެ ހަތިޔާރު ބޭނުން ކުރުމުގެ ހުއްދަ ދިނުމަކީ ވަރަށް ނުރައްކާތެރި ނިންމުމެއްގެ ގޮތުގައި ސިފަ ކުރައްވައި، ރަޝިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމުގައިވާ ވްލަޑިނިޔަރ ޖްރަބާރަފް ވަނީ އެ ފަދަ ޙަމަލާއެއް ދިނުމަކީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފެށުން ކަމަށް ވެދާނެ ކަމަށް ވިދާޅުވެ އެމެރިކާއަށް އިންޒާރު ދެއްވާފައެވެ.

2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ފެށި ހަނގުރާމައިގެ ތެރެއިން ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ ބިމުން %18ށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި, އިރުމަތީ ދޮންބާސްގެ %80އާއި, ދެކުނުގައި އޮތް ޒަޕޮރީޜިޔާއާއި ޚަރްސަންގެ %70 ހިމެނެއެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަށް ރަޝިޔާއިން އަތްގަދަ ކޮށްފައި ވަނީ 2014ވަނަ އަހަރުއެވެ. ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކް ސަރަޙައްދަށް އަރައިގަނެ، ޔޫކްރެއިންގެ ސިފައިން ވެސް ވަނީ ރަޝިޔާގެ ބިންތަކަށް ވެރިވެގަންނަވަމުންނެވެ.