ޚަބަރު

އެމެރިކާގެ ހަތިޔާރު ބޭނުންކޮށް ޔޫކްރެއިނުން ރަޝިޔާއަށް ޙަމަލާދީފި


ޔޫކްރެއިނަށް އެމެރިކާއިން ފޮނުވާފައިވާ އޭޓީއޭސީއެމްއެސް މަރުކާގެ މިސައިލްތަކެއް ބޭނުންކޮށްގެން ރަޝިޔާގެ ރަށްތަކަށް ނުރައްކާތެރި ޙަމަލާތަކެއް ދީފިއެވެ. ޔޫކްރެއިނުން ރަޝިޔާއަށް ޙަމަލާ ދީފައި މި ވަނީ، 2022ވަނަ އަހަރު ފެށި ރަޝިޔާ-ޔޫކްރެެއިން ހަނގުރާމައަށް 1,000 ދުވަސް ފުރުމާ ދިމާކޮށެވެ. ރަޝިޔާގެ ރަށްތަކަށް ދެމުންދާ ޙަމަލާތަކުގައި އެމެރިކާގެ ހަތިޔާރު ބޭނުން ކުރުމުގެ ހުއްދަ ޔޫކްރެއިނަށް ދީފައި ވަނީ ހުސްވި ހަފުތާގައެވެ.

ރަޝިޔާއިން ބުނީ، އެ ޤައުމުގެ ބްރިޔަންސްކް ސަރަޙައްދަށް ޙަމަލާ ދިނުމަށް ހަ މިސައިލް ބޭނުން ކޮށްފައިވާ ކަމުގައެވެ. އަދި، އޭގެ ތެރެއިން ފަސް މިސައިލް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. އޭގެ ތެރެއިން އެއް މިސައިލުގެ ބައިތަކެއް ވެއްޓި، ރަޝިޔާގެ އަސްކަރީ މަރުކަޒެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. ނަމަވެސް، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި ރަޝިޔާއިން ބުންޏެވެ.

ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިންގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. މިއީ، 'ޕްރޮކްސީ'އެއް ނުވަތަ މެދުވެރިއެއްގެ ގޮތުގައި ޔޫކްރެއިން ބޭނުން ކޮށްގެން، އެމެެރިކާއާއި ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ން ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރެއެވެ. ޔޫކްރެއިނުން ބޭނުން ކުރަމުންދާ ޒަމާނީ ހަތިިޔާރުތަކަކީ އެމެރިކާއާއި ނޭޓޯއިން މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންދާ ތަކެއްޗެވެ.

ޔޫކްރެއިނުން ބުނީ އެންމެ ފަހުން ރަޝިޔާއަށް ދީފައިވާ ޙަމަލާތައް އަމާޒުކޮށްފައި ވާނީ ރަޝިޔާގެ އަސްކަރިއްޔާގެ ހަތިޔާރު ރައްކާކުރާ ގުދަންތަކަށް ކަމުގައެވެ. އޭގެ ތެރެއިން އެއް ޙަމަލާ އަމާޒުކޮށްފައި ވަނީ ދެ ޤައުމު ގުޅޭ ސަރަޙައްދީ ރޮނގާ 110 ކިލޯމީޓަރު ދުރުގައި އޮތް ސަރަޙައްދަކަށެވެ.
އެ ޙަމަލާތަކުގައި ބޭނުން ކޮށްފައި ވަނީ އެމެރިކާއިން ފޯރުކޮށްދެމުންދާ އޭޓީއޭސީއެމްއެސް މަރުކާގެ މިސައިލް ކަން ޔޫކްރެއިންގެ އަސްކަރިއްޔާއިން ކަށަވަރު ކޮށްދީފައެއް ނެތެވެ. ނަމަވެސް، ޔޫކްރެއިން ސަރުކާރާއި އެމެރިކާގެ މަޞްދަރުތަކުން ވަނީ ރަޝިޔާއާ ދެކޮޅަށް އޭޓީއޭސީއެމްއެސް މަރުކާގެ މިސައިލް ބޭނުން ކޮށްފައިވާ ކަމަށް ބުނެފައެވެ. ނަން ހާމަކޮށްފައި ނުވާ އެމެރިކާގެ އޮފިޝަލަކު ބުނީ، ރަޝިޔާއަށް ޙަމަލާ ދިނުމަށް ބޭނުން ކޮށްފައިވާ އަށް މިސައިލްގެ ތެރެއިން ދިފާޢު ކުރެވިފައި ވަނީ ދެ މިސައިލް ކަމުގައެވެ.

އެމެރިކާއިން ޔޫކްރެއިނަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދެމުން ދިޔަ ނަމަވެސް، ދުރު-ރާސްތާ މިސައިލް ފަދަ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުން އޮތީ މަނާކޮށްފައެވެ. އެއް ސަބަބަކީ، އެއީ އެމެރިކާއިން ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވުމުގެ ގޮތުގައި ދެކޭނެ ކަމަށް ބުނެ، ރަޝިޔާއިން އިންޒާރު ދިނުމެވެ. ނަމަވެސް، އެމެރިކާއިން ފޮނުވަމުންދާ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުމުގެ ހުއްދަ އެމެރިކާގެ ރައީސް ޖޯ ބައިޑަން މި ހަފުތާގެ ކުރީކޮޅު ޔޫކްރެއިނަށް ދެއްވިއެވެ. އޭނާ މި ގޮތަށް އަމަލު ކުރައްވާފައި ވަނީ، ނޮވެންބަރު 5ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އޭނާގެ ޑިމޮކްރެޓިކް ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިވުމާ ގުޅިގެންނެވެ.

ރަޝިޔާއިން ވަނީ އެ ކަމާ ދެކޮޅަށް އިންޒާރު ދީފައެވެ. އެ ޤައުމުގެ ޚާރިޖީ ވަޒީރު ސެރްގިޔޭ ލެވްރޮފް ވިދާޅުވީ، ރަޝިޔާއަށް ޙަމަލާ ދިނުމަށް އެމެރިކާގެ އޭޓީއޭސީއެމްއެސް މަރުކާގެ މިސައިލްތައް ބޭނުން ކުރުމުގެ ހުއްދަ ދިނުމަކީ، ހަނގުރާމަ އިތުރަށް ފުޅާ ކުރަން ހުޅަނގުން މަސައްކަތް ކުރަމުންދާ ކަމުގެ ހެއްކެއް ކަމުގައެވެ. އެމެރިކާގެ ސީދާ އެހީތެރިކަމާ ނުލައި ޔޫކްރެއިނަށް އެ ފަދަ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ ރަށްތަކަށް ޙަމަލާ ނުދެވޭނެ ކަމަށް މޮސްކޯއިން ޤަބޫލު ކުރެއެވެ. އަދި، އޭޓީއޭސީއެމްއެސް މަރުކާގެ މިސައިލް ބޭނުންކޮށްގެން ރަޝިޔާއަށް ޙަމަލާ ދިނުމަކީ، ވޮޝިންގޓަނުން ހަނގުރާމައިގައި ބައިވެރިވެ، ރަޝިޔާއާ ދެކޮޅަށް ދޭ ޙަމަލާއެއްގެ ގޮތުގައި ބަލާނެ ކަމުގައި ވެސް ރަޝިޔާއިން އިންޒާރު ދިނެވެ.

އޭޓީއޭސީއެމްއެސް މަރުކާގެ މިސައިލްތައް ބޭނުން ކޮށްގެން ޔޫކްރެއިނުން ރަޝިޔާއަށް ޙަމަލާދީފައި މި ވަނީ، ރަޝިޔާއިން އެ ޤައުމުގެ ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރުމުގެ އުސޫލު މުރާޖާކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ އުސޫލަށް ރައީސް ވްލަޑިމިޔަރ ޕުޓިން ގެންނަވާފައިވާ ބަދަލުތަކާ އެކު، ނިއުކްލިޔަރ ބާރަކުން ޔޫކްރެއިނަށް ފޯރުކޮށްދޭ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުމަކީ، އޭގެ ރައްދުގައި ނިއުކްލިިޔަރ ހަތިޔާރު ބޭނުން ކުރެވިދާނެ އަމަލެއްގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ.

އެ ފަދަ ހަތިޔާރުގެ ތެރޭގައި ދުރު-ރާސްތާ މިސައިލް ފަދަ ކޮންވެންޝަނަލް ހަތިޔާރާއި އަސްކަރީ ޑްރޯން އަދި އަސްކަރީ މަތިންދާބޯޓު ވެސް ހިމެނެއެވެ. މީގެ އިތުރުން، ދިފާޢީ އިއްތިޙާދެއްގެ މެންބަރު ޤައުމަކުން ރަޝިޔާއަށް ޙަމަލާއެއް ދިނުމަކީ، އެ އިއްތިޙާދެއްގައި ހިމެނޭ ހުރިހާ މެންބަރު ޤައުމަކުން ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރުމާ އެއްފަދަ އަމަލެއްގެ ގޮތުގައި ބަލާނެ ކަމުގައި ވެސް އައު އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ފެށި ހަނގުރާމައިގެ ތެރެއިން ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ ބިމުން %18ށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި, އިރުމަތީ ދޮންބާސްގެ %80އާއި, ދެކުނުގައި އޮތް ޒަޕޮރީޜިޔާއާއި ޚަރްސަންގެ %70 ހިމެނެއެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަށް ރަޝިޔާއިން އަތްގަދަ ކޮށްފައި ވަނީ 2014ވަނަ އަހަރުއެވެ. ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކް ސަރަޙައްދަށް އަރައިގަނެ، ޔޫކްރެއިންގެ ސިފައިން ވެސް ވަނީ ރަޝިޔާގެ ބިންތަކަށް ވެރިވެގަންނަވަމުންނެވެ.