ޚަބަރު

އަންނަ އަހަރަށް ހުށަހެޅި ބަޖެޓު، އަދަދުތަކަށް އުނިއިތުރެއް ނުގެނެސް ކޮމިޓީން ފާސްކޮށްފި


  • ކޮމިޓީން ފާސްކުރީ 15 މެންބަރުންގެ ވޯޓުން

  • މަޝްރޫޢުތަކުގެ ތަފްސީލު މަޖިލީހަށް ދޭން ވަނީ ޝަރުތުކޮށްފައި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓު، ބަޖެޓް ކޮމިޓީން ފާސްކޮށްފިއެވެ.

2025 ވަނަ އަހަރުގެ ބަޖެޓް ކޮމިޓީން ފާސްކޮށްފައިވަނީ ބަޖެޓަށް އިތުރު ބަދަލެއް ނުގެނެސް، ނަމަވެސް މަޝްރޫޢުތަކުގެ ތަފްސީލު މަޖިލީހަށް ދޭން ޝަރުތުކޮށްފަވެ.

ބަޖެޓް ފާސްކޮށްފައިވަނީ މިއަދު މެންދުރު ފަހު ބޭއްވި ބަޖެޓް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 19 މެންބަރުންގެ ތެރެއިން 15 މެންބަރުންގެ ވޯޓުންނެވެ.

ބަޖެޓު ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ވަނީ ބަޖެޓާ ގުޅޭ ގޮތުން ޖެނެރަލް ރިކޮމެންޑޭޝަންތަކެއް ހުށައަޅުއްވާފައެވެ. އެގޮތުން ޕީއެސްއައިޕީއަށް ހުށަހަޅާ ޕްރޮގްރާމްތައް ކްރައިޓީރިއާތަކަށް ރިޢާޔަތްކޮށްގެން ތަރުތީބު ކުރުމަށާއި އަމަލީ މަސައްކަތް ނިންމާނެކަން އެނގޭނެ ލިސްޓެއް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން މަޖިލީހަށް ފޮނުވުމަށް ހުށައަޅުއްވާފައިވެއެވެ.

މީގެ އިތުރުން ސަރުކާރުން މިހާތަނަށް ހިންގުމަށް ސޮއިކުރި މަޝްރޫޢުތަކުގެ ތެރެއިން ކުރިއަށްދާނެ މަޝްރޫޢުތަކާއި ކުރިއަށް ނުގެންދެވޭނެ މަޝްރޫޢުތައް އެނގޭނެ ގޮތަށް އަންނަ އަހަރުގެ މާރިޗު މަހުގެ ކުރިން ހުށަހެޅުން ހިމެނެއެވެ. މީގެ އިތުރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަސައްކަތް އަންގައިދޭ ޕްރޮގްރެސް ރިޕޯޓެއް އަންނަ އަހަރުގެ ކޮންމެ ކުއާޓާއެއްގައި މަޖިލީހަށް ހުށަހެޅުމަށް ނާޒިމް ވަނީ ހުށަހަޅުއްވާފައެވެ.

މި ފެށޭ 2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވަނީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު މަޖިލީހަށް ހުށައެޅުއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. ބަޖެޓުގައި، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ހިމަނާފައިވަނީ 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާ ހިމަނާފައިވެއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީއަށް ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 12.4 ބިލިޔަން ރުފިޔާއެވެ. އަދި ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 39.7 ބިލިޔަން ރުފިޔާއެވެ.

ހަމައެހެންމެ ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުން 6.6 ބިލިޔަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ލަފާކޮށްފައިވެއެވެ. 2025 ވަނަ އަހަރު ބަޖެޓުގައި އަހަރުގެ ތެރޭގައި ރިފޯމުތައް ތަންފީޒުކުރަން ހިމަނާފައިވެއެވެ.

އަންނަ އަހަރުގެ ބަޖެޓަކީ ޒިންމާދާރު ބަޖެޓެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރަނީ 9.4 ބިލިޔަން ރުފިޔާގެ ޑެފިސިޓެކެވެ. މިއީ ފަހުގެ ތާރީޚުގައި ނިސްބަތުން ޑެފިސިޓް އެންމެ ކުޑަ ބަޖެޓުކަން ސަރުކާރުުން ފާހަގަކުރައްވައެވެ. ސަރުކާރުގެ އަމާޒަކީ މި ރާސްތާގައި ގޮސް ދެމެހެއްޓެނިވި މިންވަރަކަށް ދަރަނި ކުޑަކުރުމެވެ.