ޔޫރޮޕާ ލީގުގައި ރޭ އިނގިރޭސިވިލާތުގެ ޓޮޓްނަމް ހޮޓްސްޕަރ އާއި އިޓަލީގެ ރޯމާ ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.
ޓޮޓްންހަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވެފައިވާއިރު ޔޫރޮޕާ ލީގުގައި ޓޮޓްނަމް ހޮޓްސްޕަރ މި ސީޒަނުގައި ކުޅޫނު ފަސް މެޗުން އެ ޓީމަށް ލިބިފައިވާ 10 ޕޮއިންޓާއެކު އޮތީ ތާވަލުގެ ނުވަވަނައިގަ އެވެ. ރޯމާ އަށް ފަސް މެޗުން ލިބިފައިވާ ހަ ޕޮއިންޓާއެކު އެ ޓީމު އޮތީ 21 ވަނައިގަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފަސްވަނަ މިނިޓުގައި ޓޮޓްނަމް ހޮޓްސްޕަރ އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑަކީ ރޯމާގެ މެޓްސް ހުމެލްސް ކުރި ފައުލަކާއި ގުޅިގެން އެ ޓީމަށް ލިބިފައިވާ ޕެނަލްޓީއަކުން ސޮން ހިއުންގް-މިން ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ. މިއީ މި ސީޒަނުގެ ޔޫރޮޕާ ލީގުގައި ސޮން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
ނަމަވެސް އޭގެ ފަނަރަ މިނިޓް ފަހުން ރޯމާގެ ޑިފެންޑަރ އިވާން އެންޑިކާ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން 12 މިނިޓަށް ވެފައިވަނިކޮށް ޓޮޓްނަމް ހޮޓްސްޕަރގެ ބްރެނަން ޖޯންސަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް ޓޮޓްނަމް އަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަށްފަހުވެސް ޓޮޓްނަމް އިންވަނީ ރޯމާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފުރަތަމަ ހާފުގައި ފޮނުވާލާފަ އެވެ.
ރޯމާ އިން މި މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތުގެ ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި މެޓްސް ހުމެލްސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ސީޒަނުގައި ރަގަޅު ނަތީޖާތަކެއް ހޯދިފައިނުވާ ރޯމާ އިން މި މެޗަށް ނިކުތްއިރު އެ ޓީމުގެ ކޯޗަކަށް ހުރި ކްލައުޑިއޯ ރަނިއޭރީ އަކީ މި ސީޒަނުގައި އެ ޓީމަށް އިރުޝާދުދޭ ތިންވަނަ ކޯޗެވެ. އަދި ފުޓްބޯޅައިން ރިޓަޔާ ކުރުމަށްފަހު މި ސީޒަނުގެ ނިޔަލަށް ރޯމާއަށް ކޯޗުކޮށްގެން ރަނިއޭރީ އެއްބަސްވެ މަގާމާއި ހަވާލުވެފައިވާއިރު މިއީ އޭނާ ކުޑައިރުއްސުރެ ސަޕޯޓް ކުރާ ރޯމާއަށް ކޯޗުކޮށްދޭ ތިންވަނަ ފަހަރެވެ.