ކްރިކެޓް ބޯރޑު އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ، ޓީ10 ސްމޭޝްގެ ކުޅުން މިދިޔަ ހަފްތާ ބަންދު ދުވަސްތަކުގައި ވެސް ފޯރީގައި ކުރިއަށް ގެންގޮސްފިއެވެ.
ހުކުރު ދުވަހު ކުޅުނު ފުރަތަމަ މެޗްގައި ވެސްޓް ސްޕޯރޓްސްއާއި އެމްއެސް އެކަޑަމީ ބައްދަލުކުރި މެޗު 7 ވިކެޓުން ކާމިޔާބުކުރީ އެމްއެސް އެކަޑަމީއެވެ. އަދި ދެވަނަ މެޗް ފުވައްމުލަށް ކްރިކެޓް އެކަޑަމީ އާއި ބީޖީ ސްޕޯރޓްސް ބައްދަލުކުރި މެޗު 65 ލަނޑުން ކާމިޔާބުކުރީ ބީޖީ ސްޕޯރޓްސްއެވެ.
ތިންވަނަ މެޗު އޮފް އެފްސީއާއި މިލާން ކްރިކެޓް އެކަޑަމީ ބައްދަލުކޮށް 7 ވިކެޓުން ކާމިޔާބުކުރީ މިލާން ކްރިކެޓް އެކަޑަމީއެވެ. އަދި ފަހު މެޗު ނިއުސްޓާރއާއި ސީބީއެލް ސްޕޯރޓްސް ބައްދަލުކޮށް 51 ލަނޑުން ކާމިޔާބުކުރީ ސީބީއެލް ސްޕޯރޓްސްއެވެ. ވެސްޓް ސްޕޯރޓްސްއަށް 10 އޯވަރުގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން ހެދުނީ 57 ލަނޑެވެ. ޖަވާބުގައި އެމްސެއް އެކަޑަމީ ކުޅެންއަރާ އެންމެ ކުޅުންތެރިއެއްވެސް ނުބައިނުވެ 62 ލަނޑު ހަދާފައިވެއެވެ. އަދި އެންމެ މޮޅު ކުޅުންތެއަކަށް ހޮވުނީ އެމްއެސްގެ ތަރޫޝާ އެވެ.
މީގެ އިތުރުން ބީޖީ ސްޕޯރޓްސްއިން 10 އޯވަރުގައި 3 ކުޅުންތެރިން ނުބައިވެގެން 126 ލަނޑު ހަދާފައިވެއެވެ. ޖަވާބުގައި ވެސްޓް ސްޕޯރޓްސް ކުޅެންއަރާ 10 އޯވަރު ހަމަވިއިރު 4 ކުޅުންތެރިން ނުބައިވެގެން ހެދުނީ 60 ލަނޑެވެ. އަދި އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބީޖީ ސްޕޯރޓްސްގެ ސައިދުލްއެވެ.
އަދި އޮފް އެފްސީ 10 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 46 ލަނޑެވެ. ޖަވާބުގައި މިލާން ކުޅެންއަރާ ހަވަނަ އޯވަރުގައި 3 ކުޅުންތެރިން ނުބައިވެގެން 47 ލަނޑު ހަދާފައިވެއެވެ. އަދި އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިލާންގެ އަހުމަދު އަމީލްއެވެ.
ސީބީއެލް 10 އޯވަރު 4 ކުޅުންތެރިން ނުބައިވެގެން ހެދުނީ 111 ލަނޑެވެ. އަދި ނިއު ސްޓާރ ކުޅެންއަރާ 10 އޯވަރު ނިމުނުއިރު 7 ކުޅުންތެރިން ނުބައިވެގެން ހެދުނީ 60 ލަނޑެވެ. އަދި މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީބީއެލްގެ ކައުސަލް އެވެ.
މި މުބާރާތުގެ އިއްޔެގެ މެޗުތަކުގެ ތެރެއިން ފުރަތަަމަ ދެ މެޗު ވިއްސާރަވުމުގެ ސަބަބުން ނުކުޅެވުމުގެ ސަބަބުން ކޮންމެ ޓީމަކަށް އެއްޕޮއިންޓް ދިނުމަށްފަހު ވަނީ ނިންމާލާފައެވެ.
އެހެން ނަމަވެސް ތިންވަނަ މެޗުގައި ވެސްޓާއި މާލޭ ސްޕޯރޓް ކުލަބް ބައްދަލުކޮށް 36 ލަނޑުކާމިޔާބުކުރީ މާލޭ ސްޕޯރޓް ކުލަބެވެ. އަދި ހަތަރު ވަނަ މެޗުގައި ފުވައްމުލަކު އެކަޑަމީއާއި އެމް އެސް ބައްދަލުކޮށް އެމް އެސް ކާމިޔާބުކުރީ 10 ވިކެޓުންނެވެ.
މާލޭ ސްޕޯރޓްސް ކްލަބަށް 10 އޯވަރުގައި 2 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 120 ލަނޑެވެ. ޖަވާބުގައި ވެސްޓް ކުޅެންއަރާ 10 އޯވަރު ހަމަވިއިރު 4 ކުޅުންތެރިން ނުބައިވެގެން ހެދުނީ 84 ލަނޑެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ 89 ލަނޑުހެދި މުހަންމަދު ރިސްވާންއެވެ.
މީގެ އިތުރުން ފުވައްމުލަކު ކްރިކެޓް އެކަޑަމީއަށް 10 އޯވަރުގައި 6 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 63 ލަނޑެވެ. އަދި އެމްއެސް އެކަޑަމީއިން އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ 67 ލަނޑު ހަދާފައިވެއެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިމިއޯންއެވެ.
މުބާރާތުގެ ކުޅުން ދެން އޮންނާނީ 6 ޑިސެމްބަރ 2024 ވަނަ ދުވަހު ހެދުނު 7:30 އިން ފެށިގެންނެވެ. އެދުވަހު ހަތަރު މެޗް ކުޅެވޭނެއެވެ. ޓީ10 ސްމޭޝްގެ ކުޅުން ކުރިއަށް ދާނީ މާލޭ ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައެވެ.