މި އަހަރު ރާއްޖެއިން ޙައްޖަށް ދާ މީހުންނަށް ބޭނުންވާ ފޮށްޓާއި ޙައްޖު ކިޓް ޙައްޖު ކޯޕަރޭޝަނުން ދޫކުރަން ފަށައިފިއެވެ. ކިޓު ދޫކުރަނީ، އިސްލާމީ މަރުކަޒުގެ ހޯލުގައެވެ.
ޙައްޖު ކިޓުގައި ލަގެޖު ފޮށި، ހޭންޑް ލަގެޖު، ފައިވާންލާ ދަބަސް، އުނަގަނޑުގައި އަޅުވާ ދަބަސް، ރީތިވާ ސާމާނު އަޅާ ދަބަސް، ފިރިހެނުންނަށް އިޙްރާމު އަދި މި ކިޓުގައި ދުޢާ ކާޑާއި ޙައްޖާ ގުޅޭ މަޢުލޫމާތު ފޮތް ހިމެނެއެވެ.
ކިޓުގައި ހިމެނޭ ހޭންޑް ލަގެޖު ނުވަތަ މެދު ސައިޒުގެ ދަބަހަކީ، ޙައްޖުގެ މަޝާއިރަށް ދަތުރު ކުރާ 5 ދުވަހަށް ތަކެތި އަޅައިގެން ގެންދިއުމަށް ޚާއްސަކޮށްފައިވާ ދަބަހެވެ.
އަދި ޙައްޖުގެ އަޅުކަން އަދާކުރާނެ ގޮތުގެ އިރުޝާދާއި މަޢުލޫމާތު ދިނުމަށް ދުޢާ ކާޑު ފޮތާއި، މަޢުލޫމާތު ފޮތް މި ކިޓުގައި ހިމެނެއެވެ. ދުއާ ކާޑަކީ، ސައިޒުން ކުޑަ، ނަމަވެސް ފަސޭހައިން ކިޔަން އިނގޭ ގޮތަށް ބޮޑު އަކުރުން އަކުރުތައް ލިޔެފައިވާ ފޮތެކެވެ. އަދި ފެން ޖެހުނު ނަމަވެސް ހަލާކު ނުވާގޮތަށް ރައްކާތެރިކޮށް ފަރުމާކޮށްފައިވާ ދުއާ ކާޑެކެވެ.
ތަކެތި ޙަވާލުކުރުން ކުރިއަށް ދަނީ، އިސްލާމީ މަރުކަޒުގެ ހޯލުގައެވެ.
މި ކިޓުގައި ހިމެނޭ އެންމެހާ ތަކެއްޗަކީ، އެއް ތީމަކުން ތައްޔާރުކޮށްފައިވާ އަދި ދަތުރަށް އެންމެ އެކަށިގެންވާ ގޮތަކަށް ފަރުމާކޮށްފައިވާ ކިޓެކެވެ. އަދި ކޮންމެ ފޮއްޓެއްގައި ލޯގޯއާއި ޙާޖީންގެ މަޢުލޫމާތުވެސް ހަރުކުރާނެއެވެ.
ފޮށީގައި ހަރުކުރާ މަޢުލޫމާތު ކާޑާއި، ކަރުގައި އަޅުވާ ކާޑު ޙަވާލުކުރާނީ ބައްދަލުވުންތަކުގައެވެ.
ރާއްޖެއަށް ޙައްޖަށް ދާ މީހުންގެ ފުރަތަމަ ފްލައިޓް ފުރުމަށް ހަމަޖެހިފަވަނީ، އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ. ދެން ހިމެނެނީ، 17، 18 އަދި 19 ވަނަ ދުވަހެވެ.