ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުންގެންދެވި ހަރުދަނާ ފިޔަވަޅުތަކާއެކު ރާއްޖެ ބަނގުރޫޓުވުމުގެ ބިރެއް މިހާރަކު ނެތްކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވީ 125 ބިލިޔަން ރުފިޔާގެ ދަރަންޏާއެކު ކަމަށެވެ. އަދި އޭގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ދަރަންޏަކީ މިދިޔަ ސަރުކާރުން އުފެއްދި ދަރަނިކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިސަރުކާރުން ވެރިކަމާ ހަވާލުވެ ފުރަތަމަވެސް ކުރައްވަން ފެއްޓެވިކަމަކީ ޚަރަދު ކުޑަކޮށް، ދަރަނި އަދާކުރެވޭނެ ގޮތްތައް ފަހިކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ރާއްޖެއަށް އާމްދަނީ ލިބޭނެ ގޮތްތައް އިތުރުކުރުމަށްވެސް މަސައްކަތްތަކެއްކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރަޙުމަތްތެރި ޤައުމުތަކާ ވާހަކަދައްކައިގެން ދަރަނި ދެއްކުމުގެ މުއްދަތު އިތުރުކޮށް، ދަރަނި އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ އިރުޝާދުގެ ދަށުން މިހާތަނަށްއައިރު ގިނަ މަސައްކަތްތަކެއް ކާމިޔާބުކަމާއެކު ކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުންކުރި މަސައްކަތްތަކުގެ ނަތީޖާއަކީ ދިވެހިރާއްޖެއަކީ ބަނގުރޫޓުވުމުން ސަލާމަތްވެފައިވާ ޤައުމަކަށްވުން ކަމަށެވެ.
"ކުރިން އައިއެމްއެފުން ނެރެފައި ހުންނާނެ ރައްޔިތުންގެ ބޭނުންތައް ފުއްދައިދީގެން ދަރަނި އަދާކުރަމުންދާނަމަ ރާއްޖެ ބަނގުރޫޓުވާނެކަމަށް ބުނެ ރިޕޯޓުތައް. އެކަމަކު މިހާރު ނެރޭ އެއްވެސް ރިޕޯޓެއްގައި ރާއްޖެ ބަނގުރޫޓުވާ ވާހަކައެއް ނޯވޭ. އޮންނަނީ ޚަރަދު ކުޑަކުރަންޖެހޭކަމުގެ ވާހަކަ." ވަޒީރު ވިދާޅުވިއެވެ.
ދައުލަތުންކުރާ ޚަރަދުތައް ކުޑަކުރުމަށް މި ސަރުކާރު ވެރިކަމާ ހަވާލުވެ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އެގޮތުން ސިޔާސީ މުވައްޒަފުންނާއި މަޖިލިސް މެންބަރުންގެ މުސާރަ ދަށްކުރުމަށާއި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންކުރާ ޚަރަދު ކުޑަކުރުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ. އަދި ރާއްޖޭގެ އާމްދަނީ އިތުރުކުރުމަށް މުޅިން އައު ސިނާޢަތެއްގެ ގޮތުގައި ބަންކަރިންގެ ޚިދުމަތް ދިނުމަށް މިއަހަރުގެ ތެރޭގައި ވަނީ ފަށާފައެވެ.