ޚަބަރު

ހަތް މެޗަށްފަހު ސިޓީ މޮޅުވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީ ރޭ ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ހަތް މެޗަށްފަހު ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެއްޖެ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ އެގާރައިގައި ގަޑިއޯލާ ވަނީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ފުރަތަމަ ޓީމުން ފުރުސަތު ދީފައިނުވާ އެ ޓީމުގެ ކެޕްޓަން ކެވިން ޑެބްރޫނިއާ ހިމަނާފަ އެވެ.

މެންޗެސްޓަރ ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 8 ވަނަ މިނިޓުގައި ބާނާޑޯ ސިލްވާ ވަނީ ލަނޑެއް ޖަހާ ސިޓީ އަށް ކުރި ހޯދަދީފަ އެވެ.

އަދި މެޗުގެ 31 ވަނަ މިނިޓުގައި ކެވިން ޑެބްރޫނިއާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. ޑެބްރޫނިއާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ.

މި މެޗުގައި މެންޗެސްޓަރ ސިޓީ އިން ޖެހި ތިންވަނަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖެރެމީ ޑޮކޫ އެވެ.

މިދިޔަ އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މެންޗެސްޓަރ ސިޓީ ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ބަލިވެ އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ.

ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުން މެންޗެސްޓަރ ސިޓީއަށް ލިބިފައިވާ 26 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 14 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ.