އަހަރުގެ މިހާތަނަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތައް ލިބިފައިވާ އަމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އިތުރުވެފައިވާކަމަށް މާލީ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.
މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ނޮވެމްބަރ 28 ގެ ނިޔަލަށް ދައުލަތައް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 30.7 ބިލިޔަން ރުފިޔާއެވެ. މިއަހަރުގެ މި މުއްދަތުގައި ދައުލަތަށް ވަނީ 31.1 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިއީ %1.3 އިތުރު އަދަދެކެެވެ.
މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ޓެކްސްގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއަހަރުގެ ނޮވެމްބަރ މަހުގެ 28 ގެ ނިޔަލަށް ޓެކްސްގެ ގޮތުގައި 23.7 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 22.1 ބިލިޔަން ރުފިޔާއެވެ.
ޓެކްސް އާމްދަނީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ޖީ.އެސް.ޓީގެ ގޮތުގައެވެ. 2 ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް، ބީޕީޓީއިންނެވެ.
• އިމްޕޯޓް ޑިއުޓީ: 2.9 ބިލިޔަން ރުފިޔާ
• ބީޕީޓީ: 5.7 ބިލިޔަން ރުފިޔާ
• ޖީއެސްޓީ: 12.7 ބިލިޔަން ރުފިޔާ
• ގްރީން ޓެކްސް: 951.8 މިލިޔަން ރުފިޔާ
• އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް: 1.0 ބިލިޔަން ރުފިޔާ
މިއަހަރުގެ މި މުއްދަތުގައި ދައުލަތައް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.8 ބިލިއަން ރުފިޔާ، ކެޕިޓަލް ރިސިޕްޓްގެ ގޮތުގައި 11.2 މިލިޔަން ރުފިޔާ، އަދި ހިލޭ އެހީގެ ގޮތުގައި 581 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކައެވެ.
މާލީ ވުޒާރާގެ ރިޕޯޓުން ދައްކާގޮތުން މި މުއްދަތުގައި ދައުލަތުގެ ޚަރަދުތައް ހުރީ 42.8 ބިލިއަން ރުފިޔާގައެވެ. މީގެތެރެއިން ރިކަރަންޓް ޚަރަދަކީ 30 ބިލިޔަން ރުފިޔާއެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 12.7 ބިލިޔަން ރުފިޔާ ޚަރަދުވެފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.