ޗައިނާއާއި ރާއްޖޭގެ ގުޅުމުގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށްކަމަށް، ޗައިނާއިން ރާޢްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ސަފީރު ވަން ލިޝިން ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރުކަމުގެ ދައުރު ހަމަވުމާއި ގުޅިގެން މީސްމީޑިއާގައި ކުރެއްވި ވަދާޢީ މެސެޖުގައެވެ.
ޗައިނާ ސަފީރުގެ ވަދާޢި މެސެޖުގައި އެކަމަނާގެ ދައުރުގެ ތެރޭގައި ޗައިނާއާއި ރާއްޖޭގެ ގުޅުން ބަދަހިވެފައިވާ މިންވަރަށް އަލިއަޅުވާލެއްވިއެވެ. އަދި އެ ގުޅުމުގެތެރެއިން ކުރެވުނު ކަންކަމާމެދު އުފާކުރައްވާކަމަށް ވިދާޅުވިއެވެ.
މިގޮތުން ޗައިނާއާއި ރާއްޖޭގެ ގުޅުމަށް 2022 ވަނަ އަހަރު 50 އަހަރު ކުލަގަދަކޮށް ފާހަކުރެވިގެންދިޔަކަން އެކަމަނާ ޚައްޞަގޮތެއްގައި ފާހަގަކުރެއްވިއެވެ. އަދި މިވޭތުވެދިޔަ 50 އަހަރުތެރޭ ސައިޒުގެ ގޮތުން ތަފާތު ދެޤައުމެއްވެސް ހަރުދަނާ ހަމަހަމަކަމުގެ ގުޅުމެއް ބޭއްވިދާނެކަން ދެއްކިފައިވާކަމަށް ސަފީރު ވަން ލިޝިން ވިދާޅުވިއެވެ.
ޗައިނާ ސަފީރު ވަނީ މިއަހަރަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް، 10 އަހަރު ފުރޭ އަހަރުކަމަށާއި، އެ ދަތުރުފުޅުގެ ތެރެއިން ސިނަމާލެ ބްރިޖުގެ މަސައްކަތާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުނުކަމަށް ސަފީރު ވިދާޅުވިއެވެ.
ސަފީރު ވަން ލިޝިން ވަނީ، މިއަހަރުގެ ޖެނުއަރީ މަހު ޗައިނާގެ ރައީސްގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމަނާ ދަތުރުފުޅުން މި ގުޅުމަށް އިތުރު ބަދަހިކަމެއް އައިސްފައިވާކަމަށެވެ. އެގޮތުން ދެ ޤައުމުގެ ގުޅުން އައު ހަރަފަތަކަށް ގޮސްފައިވާކަމަށް ސިފަކުރައްވަމުން ސަފީރު ވިދާޅުވީ ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ހޮސްޕިޓަލުގެ މަޝްރޫޢު އަދި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ހަލުވި ދުވެލީގައި ކުރިއަށްދާނެކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން ކުރެވޭ މަސައްކަތްވެސް ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.
ޗައިނާ ސަފީރުގެ މެސެޖު ނިންމަވާލެއްވީ ދެ ޤައުމުގެ ވެރިންގެ އިރުޝާދާއެކު މި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވަމުންނެވެ. އަދި މިގުޅުން ކުރިމަގުގައިވެސް އުޖަލާ ވެގެންދާނެކަމަށް ޔަޤީންކުރައްވާކަމަށް ސަފީރު ވިދާޅުވިއެވެ. އަދި އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއިން ލިބުނު އެއްބާރުލުމަށް ސަފީރު ވަން ލިޝިން ޝުކުރުއަދާކުރެއްވިއެވެ.