ރާއްޖޭގެ އެކި ސަރަހައްދުތައް އުމްރާނީގޮތުން ތަރައްގީ ކުަމުންދާއިރު، އެ ރަށްރަށުގައި އުޅޭ ރައްޔިތުންނަކީ ތަހުޒީބު ބަޔަކަށް ހެދުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޗައިނާ ސަރުކާރުން މާފުށި ކައުންސިލަށް ސޯލާ މަގުބައްތި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ޤައުމެއް ތަރައްޤީވެ ކުރިއަރަނީ، ހަމައެކަނި ޢުމްރާނީ ގޮތުން ނޫންކަމަށާއި އެ ޤައުމެއްގައި އުޅޭ މީހުންވެސް ބިނާކުރަންޖެހޭ ކަމަށެވެ. މިގޮތުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ރާވާ ހިންގާއިރު ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަކީ ތަހުޒީބު ބަޔަކަށް ހެދުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައްޔިތުންނަކީ ތަހުޒީބު ބަޔަކަށް ހެދުމަށް ރައްޔިތުން ބާރުވެރިކުރުވައި، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.
"ރައްޔިތުންނާ ކައުންސިލްތައް ގުޅުވައިދީ، ކައުންސިލްތަކާ ސަރުކާރު ގުޅުވައިދިނުމަށް ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން. ރަށްރަށް ތަރައްޤީވާން ބޭނުންނަމަ ރައްޔިތުންގެ މެދުގައި ބަދަހި ގުޅުމެއް އޮންނަންޖެހޭ. ބައިބައިވުމާއި އެކަކު އަނެކަކަށް އުނދަގޫކުރުމަކީ ރަށުގެ ތަރައްޤީއަށް ހުރަސްއެޅޭ ކަންކަން." ވަޒީރު ވިދާޅުވިއެވެ..
ވަޒީރުގެ ވާހަކަފުޅުގައި ރަށްރަށުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް އަލިއަލުވާލެއްވިއެވެ. އެގޮތުން މާފުށީގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މަގުބައްތިތަކެއް ހަރުކުރުމަކީވެސް މިފަދަ ހަކަތައިން ކަރަންޓު އުފައްދާ، ޚަރަދު ކުޑަ ނިޒާމެއް ގާއިމްކުރުމަށް ސަރުކާރުންކުރަމުންދާ މަސައްކަތުގެ ނަތީޖާކަމަށް ވަޒީރު ވިދާޅުވިއެވެ.
ސޯލާ ބޭނުންކުރާ މަގުބައްތި މާފުށި ކައުންސިލަށް ހަދިޔާކޮށްފައިވަނީ ޗައިނާގެ ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް އެސޯސިއޭޝަން ފޮރ ފްރެންޑްޝިޕް ވިތް ފޮރިން ކަންޓްރީސްއިންނެވެ. މިއީ ޗައިނާގެ ޔުނާން ސްޓޭޓުން ދުނިޔޭގެ ޤައުމުތަކަށް އެހީ ފޯރުކޮށްދޭ އިދާރާއެކެވެ. މި އިދާރާއިން ވަނީ 170 މަގުބައްތި މާފުއްޓަށް ހަދިޔާކޮށްފައެވެ. މި މަގުބައްތިތަކާއެކު ސޯލަރ އޮޕަރޭޓުކުރަން ބޭނުންވާ ބެޓެރިއާއި ލައިޓް ސޯސްވެސް ހަދިޔާކޮށްފައިވެއެވެ. ހަދިޔާކޮށްފައިވާ ތަކެތީ އަގު 540،000 ދިވެހި ރުފިޔާއަށް އަރައެވެ.