ސޫރިޔާގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ވެއްޓުނީ ރަޝިޔާއިން އޭނާ ދޫކޮށްލުމުން ކަމަށް އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ރަޝިޔާއިން އަސަދަށް އެންމެ ފުރަތަމައިން އެހީތެރިވުން ގޯސް ކަމަށެވެ. އަދި ފަހުން އަސަދަށް ވުރެ ރަޝިޔާއިން އިސްކަން ދިނީ ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައަށް ކަމަށް ވެސް ޓްރަންޕް ވިދާޅުވިއެވެ.
މީސްމީޑިޔާގައި ކުރެއްވި ޕޯސްޓުތަކެއްގައި ޓްރަމްޕް ވިދާޅުވީ އަސަދު ޤައުމު ދޫކުރައްވާ ފިއްލަވައިފި ކަމަށާއި އޭނާއަށް ފިއްލަވަން މަޖުބޫރުވީ ރަޝިޔާގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަސަދަށް އެންމެ ބޮޑަށް ވާގިވެރިވި ރަޝިޔާއާއި އީރާން ވަނީ ބަލިކަށިވެފައެވެ. އެ ގޮތުން ޔޫކްރެއިނުގެ ހަނގުރާމައާއި އިޤްތިޞާދީ މައްސަލަތަކުގެ ސަބަބުން ރަޝިޔާ ބަލިކަށިވެފައިވާ ކަމަށާއި ޔަހޫދީ ދައުލަތާ ކުރިމަތިލުމުން އީރާން ބަލިކަށިވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އޭނާ ވަނީ ޔޫކްރެއިނުގައި ކުރަމުންދާ ހުއްޓާލައި ރަޝިޔާއާ އެކު އެއްބަސްވުމެއް ޤާއިމުކުރުމާ މެދު އެކި ފަހަރު މަތިން ވާހަކަދައްކަވައިފައެވެ. އޭނާ ވަނީ ޔޫކްރެއިނަށް އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ ހަތިޔާރު ދިނުމާ ދެކޮޅަށް ވެސް ވާހަކަދައްކަވައިފައެވެ.
އޭގެ އިތުރުން ސޫރިޔާގައި ކުރަމުންދާ އަހުލީ ހަނގުރާމައާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވީ އެއީ އެމެރިކާއާ ބެހޭ ކަމެއް ނޫން ކަމަށާއި އެއީ އެމެރިކާއިން ވަންނަން ޖެހޭ މައްސަލައެއް ނޫން ކަމަށެވެ. އޭނާ އެ މޭރުމުން ވާހަކަދެއްކެވެމަކީ ސޫރިޔާގައި ޤާއިމުވެ ތިބި އެމެރިކާގެ 900 ސިފައިން ބޭލުމުގެ އިޝާރާތެއްގެ ގޮތުގައި ބެލެވެއެވެ. އޭނާ ވަނީ މީގެ ކުރިން 2018 ވަނަ އަހަރު ވެސް ސޫރިޔާއިން އެމެރިކާ ސިފައިން ބޭލުމަށް މަސައްކަތް ކުރައްވައިފައެވެ. ނަމަވެސް އޭރު އޭނާގެ މޫޝީރުން ލަފާ ދިނީ ސޫރިޔާއިން އެމެރިކާ ސިފައިން ބާލައިފި ނަމަ ރަޝިޔާއާއި އީރާނުގެ ބާރުގަދަ ވާނެ ކަމަށެވެ. އެމެރިކާއިން މިހާރު ވެސް ދަނީ ސޫރިޔާގެ ކުރުދީ ޖަމާޢަތްތަކަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ސޫރިޔާގެ ސަރުކާރު ވެއްޓުމުން އެމެރިކާގެ މިހާރުގެ ސަރުކާރުން ބުނެފައި ވަނީ ސޫރިޔާއިން ސިފައިން ބޭލުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި އަލުން އައިއެސް ޖަމާޢަތުގެ ބާރުގަދަވުން ހުއްޓުވުމަށް ސޫރިޔާގައި އެމެރިކާގެ ސިފައިން ތިބުން މުޙިންމު ކަމަށް ވެސް އެމެރިކާއިން ބުނެފައިވެއެވެ.
އެމެރިކާގެ ރިޔާސީ ހުވައި ޓްރަމްޕް ކުރައްވާނީ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުއެވެ.