ޚަބަރު

ޔުނައިޓެޑުގެ ސްޕޯޓިންގ ޑިރެކްޓަރު އެޝްވޯތު މަގާމުން ވަކިވެއްޖެ


މެންޗެސްޓަރ ޔުނައިޓެޑްގެ ސްޕޯޓިންގ ޑިރެކްޓަރ ޑޭން އެޝްވޯތް ފަސް މަސް ދުވަހަށްފަހު އެ މަގާމުން ވަކިވެފައިވާކަމަށް އެ ކްލަބުން ބުނެފި އެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އެޝްވޯތް މަގާމުން ވަކިވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ނޮޓިންގހަމް ފޮރެސްޓާއި ދެކޮޅަށް ކުޅުނު މެޗުން 3-2 ގެ ނަތީޖާއަކުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވި މެޗަށްފަހު އޭނާ އާއި އެ ކްލަބުގެ ޗީފް އެގްޒެކްޓިވް އޮމަރު ބެރާޑާ އާއި ދެމެދު ބޭއްވި ބައްދަލުވުމަކަށްފަހުގަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ މައިނޯރިޓީ ހިއްސާ ޖިމް ރެޓްކްލިފް ގަތުމާއިއެކު އެ ކްލަބުގެ ބޮޑެތި ގިނަ ކަންތައްތަކެއް ބަދަލު ކުރުމުގައި އެޝްވޯތް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެގޮތުން މި ސީޒަން ފެށުނުއިރު އޭރުގެ ކޯޗު އެރިކް ޓެންހާގް މަގާމުގައި ބެހެއްޓުމާއި އަދި ކްލަބް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކުޅުންތެރިން ހޯދުމަށް 255 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްފައިވަނީ އޭނާގެ ލަފާގެ މަތިންނެވެ.

ނިއުކާސަލް ޔުނައިޓެޑްގައި ކުރިން މަސައްކަތް ކުރި އެޝްވޯތުގެ އެހީތެރިކަން ހޯދުމަށް އޭރު މެންޗެސްޓަރ ޔުނައިޓެޑްއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ދިގު މުއްދަތަކަށް ދިގު ދެމިގެންދިޔަ މަޝްވަރާ ތަކަށްފަހު އޭނާ ނިއު ކާސަލް ދޫކޮށް ޔުނައިޓެޑާއި ގުޅިފައިވާއިރު ނިއުކާސަލް އަށް ޔުނައިޓެޑް އިން 10 މިލިއަން ޕައުންޑް ދިންކަމަށްވެސް މީޑިޔަ ރިޕޯތްތައް ވަނީ ބުނެފަ އެވެ.