ޚަބަރު

ބޯހިޔާވަހިކަމާއި، ސިއްޙީ އަދި ތަޢުލީމީ ދާއިރާގެ ހުރިހާ ވަޢުދެއްގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފަށާނަން: ރައީސް


  • ހުރާ ބަނދަރުގެ މަސައްކަތް އަންނަ އަހަރު ނިންމާނެ

  • ސްކޫލްގެ މަލްޓިޕާޕަސްހޯލާއި ސިއްޙީ މަރުކަޒުގެ މަސައްކަތް ފަށާނެ

ބޯހިޔާވަހިކަމާއި، ސިއްޙީ އަދި ތަޢުލީމީ ދާއިރާއިން ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއް ފުއްދުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ތަރުތީބެއް ކަނޑައަޅުއްވާފައިވާކަމަށެވެ.

މާލެއަތޮޅު ހުރާ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ކަނޑައަޅުއްވާ ތަރުތީބުގައި އެންމެ އިސްކަންދެއްވާފައިވާނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށްކަމަށެވެ. އޭގެފަހުން، ސިއްޙީ އަދި ތަޢުލީމީ ދާއިރާއިން ވަޢުދުވެވަޑައިގެންފައިވާ މަޝްރޫއުތައް ހިންގުމަށް އިސްކަންދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން މިފެށޭ 2025 ވަނަ އަހަރު މި ތިން ދާއިރާއިން ވަޢުދުވެ ވަޑައިގެންފައިވާ ހުރިހާ މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފަށްޓަަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަންނަ އަހަރަކީ ޢުމްރާނީ ތަރައްޤީ ބިނާކުރުމުގެ ޢަމަލީ މަސައްކަތް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފެށިގެން ކުރިއަށްދާނެ އަހަރުކަން ތަކުރާރުކުރައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު އެންމެ އިސްކަންދެއްވަނީ ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމަށްކަމަށެވެ. އެގޮތުން ހުރާގެ ތަރައްްޤީއަށް ރާވާފައިވާ މަސައްކަތްތައް ރައީސް ތަފްސީލްކޮށްދެއްވިއެވެ.

ހުރާގެ ތަރައްޤީގެ މަޝްރޫޢުތަކުގެތެރެއިން އަންނަ އަހަރު އެރަށު ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް އަޅުއްވާދެއްވާނެކަމަށާއި، ސިއްޙީ މަރުކަޒުގައި ސްކޭންގެ ޚިދުމަތާއި އެނޫންވެސް ރައްޔިތުން މުހިންމު ޚިދުމަތްތައް އަންނަ އަހަރު ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މިދިޔަ ސަރުކާރުގައި ފަށައި ހުއްޓިފައި އޮތް ބަނދަރުގެ މަސައްކަތް، ރައްޔިތުން އެންމެ އެދޭގޮތަށް ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.

"ތަރައްްޤީގެ މަސައްކަތް ހުރާގެ ރައްޔިތުން އެދޭގޮތަށް، ޖުމްލަކޮށް މުޅި ރާއްޖޭގެ ރައްޔިތުން އެދޭގޮތަށް، އަޅުގަނޑުވެފައިވާ ވަޢުދަށް ފުއްދުމަށް 2025 އަދި 2026 ފެށޭނެ. އަންނަ އަހަރު އެންމެ ގިނަ މަޝްރޫޢު ފެށޭނެ. އަނެއް އަހަރު އިތުރު މަޝްރޫޢުތައް ފެށޭނެ. މި ދެއަހަރަކީ އަޅުގަނޑު ވަޢުދުވެފައިވާ މަޝްރޫޢުތައް ހިންގާނެ ދެއަހަރު". ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާގޮތުގައި ބޯހިޔާވަހިކަމާއި، ސިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއަށްފަހު ދެން އިސްކަންދެއްވާނީ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށާއި، މަގުހެދުމާއި އިޖްތިމާޢީ ދާއިރާއާއި އެނޫންވެސް އެހެން ހުރިހާ ދާއިރާތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.