ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔޯލް ޤައުމުން ބޭރަށް ވަޑައިތުން މަނާކޮށްފިއެވެ. ރައީސް ޔޫނާ ދެކޮޅަށް އެ ފިޔަވަޅު އަޅާފައި ވަނީ އެ ޤައުމުގައި ކުއްލިޙާލަތު އިޢުލާނުކުރުމުން އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ތެރެއިންނެވެ.
މުޅި ދުނިޔެ ސިއްސުވާލައި، ޑިސެމްބަރ 3 ވަނަ ދުވަހު ޔޫން ކުއްލި ޙާލަތު އިޢުލާނު ކުރެއްވީ، އިދިކޮޅު ޕާޓީތަކުން ދައުލަތާ ދެކޮޅަށް މަސައްކަތް ކުރަމުންދާތީ އެ ކަން ހުއްޓުވަން ކަމަށް ވިދާޅުވެއެވެ. އެކަމަކު ކުއްލި ޙާލަތު އިޢުލާނު ކުރެއްވިތާ ހަ ގަޑިއިރު ތެރޭގައި އެ ނިންމެވުން ޔޫން ބާޠިލުކުރެއްވީ އަމިއްލަ ޕާޓީގެ ބައެއް މެންބަރުންގެ ވެސް ތާއީދާ އެކު، ކުއްލިހާލަތު އުވާލަން ޤާނޫނުހަދާ މަޖިލީހުން ފާސްކުރުމުންނެވެ.
ރައީސް ޔޫން ވަނީ ކުއްލިޙާލަތު އިޢުލާނުކުރެއްވިކަމަށްޓަކައި ޤައުމުގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފައެވެ. ނަމަވެސް މަޤާމުން އިސްތިއުފާ ދިނުމަށް ގޮވާލަމުންދާ ގޮވާލުންތަކަށް އިޖާބަ ނުދެއްވާނެ ކަމަށް އިޝާރާތް ކުރެއްވިއެވެ. ޤައުމުގެ ސިޔާސީ މަޝްރަހު ހަމައަކަށް އެޅުވުމުގެ ޒިންމާ އޭނާގެ ޕީޕަލް ޕަވަރ ޕާޓީ (ޕީޕީޕީ)އާ ޙަވާލުކުރައްވާފައިވާ ކަން ހާމަކުރައްވާ ޔޫން އިތުރަށް ވިދާޅުވީ އޭނާ މަޤާމުގައި ދެމިހުރުމާ ގުޅޭގޮތުން ނިންމުމެއް ނިންމާނީ ވެސް ޕާޓީން ކަމަށެވެ.
ދެކުނު ކޮރެޔާގެ ނޫސްތަކުން ބުނާ ގޮތުގައި ޤައުމަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ޔޫނާ ދެކޮޅަށް ޖިނާޢީ ތަހުޤީޤެއް މިހާރު ވަނީ ފަށައިފައެވެ. މި ދަނޑިވަޅުގައި އޭނާ މަޤާމުން އިސްތިޢުފާ ދެއްވުމަށް ގޮވާލައި ގޮވާލުންތަކުގެ އަޑު ވެސް ދަނީ ގަދަވަމުންނެވެ.
ރައީސްގެ ޢަމަލުތަކާ ގުޅިގެން އަޅާފައި ވަނީ ކޮން ފިޔަވަޅު ތަކެއްތޯ ދެކުނު ކޮރެޔާގެ ކޮރަޕްޝަން ތަހުޤީޤުކުރާ އިދާރާގެ ވެރިޔާ އޯ ޑޮން-ވޫން ގާތު އެ ޤައުމުގެ ޤާނޫނުހަދާ މަޖިހީހުން އެހުމުން އޭނާ ވިދާޅުވީ ރައީސްގެ ޕާސްޕޯޓު ހިފަހައްޓައި ޤައުމުން ބޭރަށް ދަތުރުކުރެއްވުން މަނާ ކޮށްފައިވާ ކަމަށެވެ. އެ ޤައުމުގެ ޢަދުލް އިންސާފާ ބެހޭ ވުޒާރާއިން އެކަން ކަށަވަރު ކޮށްދީފައިވެއެވެ.
ދެކުނު ކޮރެޔާގެ ކޮރަޕްޝަން ތަހުޤީޤު ކުރާ އިދާރާއަށް ރައީސާއި ރައީސްގެ ޢާއިލީ މެންބަރުން ތަހުޤީޤު ކުރުމުގެ ފުރުސަތު އޮތް ނަމަވެސް ރައީސާ ދެކޮޅަށް ދަޢުވާ ކުރުމުގެ ހުއްދައެއް ނޯވެއެވެ. އޭގެ ބަދަލުގައި އެ ޤައުމުގެ ޤާނޫނު ލާޒިމް ކުރަނީ އެ އިދާރާއިން ރައީސްގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލަށް ހުށަހެޅުމެވެ.
ދެކުނު ކޮރެޔާގެ ދިފާޢީ ވުޒާރާއިން ބުނި ގޮތުގައި ޔޫން އަދިވެސް ހުންނެވީ ރައީސްގެ ޙައިޞިއްޔަތުން އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާގެ މަޤާމުގައެވެ. ނަމަވެސް އަސްކަރިއްޔާގެ އިސް ވެރިންގެ މެދުގައި ޔޫނާ މެދު ޚިޔާލު ތަފާތުވުން އިތުރުވެ ރައީސަށް އޮންނަ ވަފާތެރިކަމާމެދު ސުވާލު އުފެދެމުންދާތީ ޤައުމުގެ މައްޗަށް ޔޫންގެ ބާރު މިހާރު ފޯރަނީ ކިހާ ވަރަކާމެދު ތޯ ވެސް ވަނީ ސުވާލު އުފެދިފައެވެ.
ޔޫންގެ މައްސަލައިގައި އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގައި އޭނާއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ވެސް ނަގައިފައި ވެއެވެ. އެ ވޯޓުން އޭނާ ސަލާމަތްވެވަޑައިގަތީ އަމިއްލަ ޕާޓީން ވޯޓު ބޮއިކޮޓު ކުރުމުންނެވެ. ނަމަވެސް ޕާޓީން ވަނީ ރައީސްގެ މަސްޢޫލިއްޔަތު ބޮޑު ވަޒީރާ ޙަވާލުކޮށްފައެވެ. އެ ނިންމުމުގެ ސަބަބުން ދެކުނު ކޮރެޔާ ވަނީ ދުސްތޫރީ ކާރިޘާއަކާ ކުރިމަތިލާން ޖެހިފައެވެ.