ޚަބަރު

ވުލްވްސް އަތުން ވެސްޓް ހޭމް މޮޅުވެއްޖެ


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ވެސްޓް ހޭމް ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

ވެސްޓްހޭމް ޔުނައިޓެޑް އިން މި މެޗު ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުން 18 ޕޮއިންޓާއެކު ތާވަލުގެ 14 ވަނަ މަގާމް ލިބިފަ އެވެ. ވުލްވްސް އޮތީ 15 މެޗުން ލިބިފައިވާ 9 ޕޮއިންޓާއެކު ތާވަލުގެ 19 ވަނައިގަ އެވެ.

ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި ވެސްޓްހޭމްގެ ތޯމަސް ސޫޗެކް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ވެސްޓްހޭމް އިން ލަނޑެއް ޖަހާ ކުރި ހޯދިތާ 15 މިނިޓް ފަހުން ވުލްވްސްގެ މެޓް ޑޮހާޓީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުން ވެސްޓްހޭމް ޔުނައިޓެޑް މޮޅުވި ލަނޑު މެޗުގެ 72 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖެރޮޑް ބޮވެން އެވެ.

ވުލްވްސްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ މި މެޗުގެ ރެފްރީގެ ނިންމުންތަކާއިމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި މެޗުގެ ކުޅުން ނިމުނު ފަހުންވެސް ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައިވަނީ ކުޅިވަރުގެ ރޫހާއި ހިލާފު ކަންތައްތަކެއް ހިނގާފަ އެވެ.

މި މެޗުން ވެސްޓްހޭމް ޔުނައިޓެޑް މޮޅުވެފައިވާއިރު, މި ސީޒަނުގައި އެ ޓީމަށް ނެރެވިފައިވާ ދަށް ނަތީޖާތަކުގެ ސަބަބުން ކޯޗު ޖޫލް ލަޕޮޓޭގްއަށް ވަނީ ގިނަ ބައެއްގެ ފާޑު ކިއުންތައް އަމާޒުވެފަ އެވެ.