ޚަބަރު

ސަރަޙައްދީ ރޮނގު ހުރަސްކޮށް ޔަހޫދީ ފައުޖު ދިމިޝްޤާ ދިމާލަށް


ސޫރިޔާގެ ދެކުނުގައި އޮންނަ ބަފަރު ޒޯނަކަށް އަތްގަދަކޮށް ސޫރިޔާގެ އަސްކަރިއްޔާއަށާއި އެ ޤައުމުގެ ވައިގެ މަރުކަޒުތަކަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީ، ވެރިރަށް ދިމިޝްޤާ ގާތްގަނޑަކަށް 25 ކިލޯމީޓަރާ ގާތަށް ޔަހޫދީ ފައުޖުތަކުން ވަދެގަނެފައިވާކަމަށް ސޫރިޔާގެ ސަލާމަތީ މަސްދަރުތަކުން ބުނެފިއެވެ.

ޔަހޫދީ ދަޢުލަތުން ސޫރިޔާއަށް އަސްކަރީ ޙަމަލާތައް ދޭން ފަށާފައި މި ވަނީ އެ ޤައުމުގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައިސް ޤައުމުގެ ކުރިމަގާމެދު ސުވާލު އުފެދިފައިވާ ނާޒުކު ދަނޑިވަޅެއްގައެވެ.

ސޫރިޔާގެ ސަލާމަތީ މަސްދަރަކުން ބުނީ ޔަހޫދީ ދަޢުލަތުން އިސްތިޢުމާރު ކޮށްފައިވާ ޖޫލާންހެ އުސްބިންތަކާއި ސޫރިޔާ ވަކިކޮށްދޭ ބަފަރު ޒޯނާ 10 ކިލޯމީޓަރު ދުރުގައި އޮންނަ ގަޠަނާއާ ޔަހޫދީ ދަޢުލަތުން އަރައި ހަމަކޮށްފައިވާ ކަމަށެވެ.

މިޞްރާއި ޤަތަރާއި ސައުދީ ޢަރަބިއްޔާއިން ވަނީ ޔަހޫދީ ދަޢުލަތުން ދެމުންދާ ޙަމަލާތައް ކުށްވެރި ކޮށްފައެވެ. ސޫރިޔާގައި ހަމަޖެހުން ޤާއިމުކުރުމަށް ލިބިފައި އޮތް ފުރުޞަތަށް ހުރަސްއެޅޭ ކަމެއްގެ ގޮތުގައި ސަޢުދީ ޢަރަބިއްޔާއިން ވަނީ އެކަން ސިފަކޮށްފައެވެ.

ސަރަޙައްދީ ސަލާމަތީ މަސްދަރުތަކާއި މިހާރު ބާރު ގެއްލިފައިވާ ސޫރިޔާގެ އަސްކަރިއްޔާގެ ބައެއް އޮފިސަރުން ބުނީ ސޫރިޔާގެ އަސްކަރީ މަޤާމުތަކާއި ވައިގެ މަޤާމުތަކަށް ޔަހޫދީ ފައުޖުތަކުން ކެނޑިނޭޅި ހަމަލާތައް ދީ، އެތައް ހެލިކޮޕްޓަރަކާއި ޖެޓުތަކެއް ނައްތާލާފައިވާކަމަށެވެ. އަދި ދިމިޝްޤާއި ވަށައިގެންވާ ސަރަޙައްދުތަކުގައިވާ އެ ޤައުމުގެ އަސްކަރިއްޔާގެ ޚާއްޞަ ޔުނިޓެއް ކަމަށްވާ ރިޕަބްލިކަން ގާޑުގެ އެތައް މުދަލެއް ސުންނާފަތި ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ދިނެވެ. ޔަހޫދީ ފައުޖުން ދިން 200އަށް ވުރެ ގިނަ ޙަމަލާގައި ސޫރިޔާގެ އަސްކަރިއްޔާގެ އެއްވެސް މުދަލެއް ސަލާމަތްވެފައި ނުވާކަމަށް ބުނެއެވެ.

ސޫރިޔާއަށް ދެމުންދާ ވައިގެ ޙަމަލާތައް ހުއްޓައިނުލައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދެމުން ދާނެ ކަމަށް ޔަހޫދީ ދަޢުލަތުން ބުނި ނަމަވެސް އދގެ ސަލާމަތީ މަޖިލީހުގައި ޔަހޫދީން ދެއްކި ވާހަކަތައް ތަފާތެވެ. ސޫރިޔާގެ މައްސަލައިގެ ތެރެއަށް ނުވަންނާނެ ކަމުގައި ސަލާމަތީ މަޖިލީހުގައި ޔަހޫދީން ބުނެފައި ވެއެވެ. އަދި އެއީ ވަގުތީ އަދި ހަނި ގޮތަކަށް، އަމިއްލަ ދިފާޢުގައި ދެމުންދާ ޙަމަލާތަކެއްގެ ގޮތުގައި ސިފަކޮށްފައި ވެއެވެ.