ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ހުޅުމާލޭގެ ބައެއް މަގުތަކުގައި ސްޕީޑު ބްރޭކަރުތައް ހަދައި، ބައެއް މަގުތަކުގައި ހަދާފައި ހުރި ސްޕީޑު ބްރޭކަރުތައް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިއީ، އެކްސިޑެންޓުތައް މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކޯޕަރޭޝަނުން ފަށާފައިވާ މަސައްކަތެކެވެ. އެޗްޑީސީން ވިދާޅުވީ، އެ ކޯޕަރޭޝަނުން އެ މަސައްކަތް ފެށީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ލަފަޔާއެކުގައި ކަމަށެވެ.
ފުލުހުންގެ އިރުޝާދުގެ ދަށުން ހުޅުމާލޭގައި އެކްސިޑެންޓު ގިނަކަމަށް އެ ޚިދުމަތަށް ފާހަގަކުރެވިފައިވާ ސަރަހައްދުތަކުގައި ސްޕީޑު ބްރޭކަރުތައް ހަދަމުންދާކަމަށް އެ ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ. އެޗްޑީސީން ވިދާޅުވީ، މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން މިމަސައްކަތުގެ ތެރެއިން ސްޕީޑު ބްރޭކަރުތަކުގެ އިތުރުން މަގުމަތީގެ ނިޝާންތައް ހަރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މިހާރު އެޗްޑީސީން ހަދަން ފަށާފައިވާ ސްޕީޑު ބްރޭކަރުތަކަކީ، ހުޅުމާލޭގެ މަގުތައް ފުރަތަމަ ހެދިއިރުގައި ހަރުކޮށްފައިވާ ޑިޒައިންގެ ތާރު ބަންޕަރުތަކެވެ.
އެޗްޑީސީން އިތުރަށް ވިދާޅުވީ، ސްޕީޑު ބްރޭކަރުތައް ހަރުކުރުމުގެ މަޤުސަދަކީ ދުއްވާ މީހުންނަށް ރައްކާތެރިކަމާއެކު މަގުތައް ބޭނުންކުރަން ފުރުސަތު ހޯދާދިނުން ކަމަށެވެ.
މީގެކުރިންވެސް އެޗްޑީސީން ވަނީ، ހުޅުމާލޭގެ މަގުތަކުގައި ސްޕީޑު ބްރޭކަރުތައް ހަދާފައެވެ. އޭރުވެސް މަގުމަތީ އެކްސިޑެންޓުތައް %70 އާއި 80% އާ ދެމެދަށް މަދުވި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. ނަމަވެސް އޭރު ހަރުކުރި ސްޕީޑު ބްރޭކަރުތަކުގެ ޑިޒައިންއާއި މެޓީރިއަލްއާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުންތަކެއް ހުރުމުން ފަހުން އެ ސްޕީޑު ބްރޭކަރުތައް ވަނީ ނަގާފައެވެ.
އެޗްޑީސީން ފާހަގަކުރައްވާ ގޮތުގައި، ހުޅުމާލެއަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް އެ ކޯޕަރޭޝަނުން އަންނަނީ، އަބަދުވެސް މަސައްކަތް ކުރަމުންނެވެ.
އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުން ދަނީ ޤާނޫނާއި ޤަވާއިދުތަކަށް ބަދަލު ގެންނަވަމުންނެވެ. އަދި ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅަމުންދާނެކަން ފުލުހުން ވަނީ ހާމަކުރައްވާފައެވެ. މީގެއިތުރުން މި މަހުގެ 22 އިން ފެށިގެން، ޤާނޫނާއި ޤަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ޚާއްޞަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފިޔަވަޅު އެޅުމަށް ފުލުހުން ވަނީ ތައްޔާރުވެފައެވެ.