ޚަބަރު

ފެރާން ޓޮރޭސްގެ ދެ ލަނޑާއެކު ބާސެލޯނާއަށް މޮޅެއް


ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށްފި އެވެ.

މި މެޗު ކާމިޔާބު ކުރުމާއެކު ބާސެލޯނާއަށް ވަނީ މި މުބާރާތުގައި މިޙާތަނަށް ކުޅުނު 6 މެޗުން 15 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ ލިބިފަ އެވެ. އަދި އެއްވަނައިގައި އޮތް ލިވަޕޫލް އާއި ދެމެދުވާ ފަރަގު ވަނީ ތިން ޕޮއިންޓަށް ކުޑަވެފަ އެވެ. ޑޯޓްމަންޑަށް ހަ މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ނުވަވަނައިގަ އެވެ.

ޖަރުމަނުގެ ސިގްނަލް އިޑުނާ ޕާކްގައި އަށްޑިހަ އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ބާސެލޯނާގެ ރަފީނިއާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ޑޯޓްމަންޑް އިން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު މެޗުގެ 60 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިފައިވަނީ އެ ޓީމުގެ ޒުވާން ފޯވަޑް ސާހޯ ގިރެސީ އެވެ.

މި ލަނޑާއެކު ބާސެލޯނާގެ ކޯޗް ހެންސީ ފްލިކް ވަނީ ޓީމަށް ބޮޑެތި ބަދަލުތަކެއް މެޗުގެ 71 ވަނަ މިނިޓުގައި ގެނެސްފަ އެވެ. އެގޮތުން ރަފީނިއާ އާއި ޑެނީ އޮލްމޯ އާއި ރޮބަޓް ލެވަންޑޯސްކީގެ ބަދަލުގައި ފްރެންކީ ޑިޖޮންގް އާއި ފަރމިން ލޮޕޭޒް އާއި ފެރާން ޓޮރޭޒް ވަނީ ކުޅެން އަރުވާފަ އެވެ.

ބާސެލޯނާ އިން މި ބަދަލު ގެނައިތާ ހަތަރުވަނަ މިނިޓުގައި ފެރަން ޓޮރޭޒް ވަނީ ލަނޑެއް ކާމިޔާބުކޮށް މި މެޗުގައި ދެވަނަ ފަހަރަށް ބާސެލޯނާއަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް އޭގެ ތިން މިނިޓް ފަހުން ގިރެސީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކޮށްފަ އެވެ.

މި މެޗުގައި ބާސެލޯނާ އިން ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީވެސް ފެރާން ޓޮރޭސް އެވެ. މި ލަނޑު ޖަހަން އޭނާއަށް މަގު ތަނަވަސް ކޮށްދީފައިވަނީ ލަމީން ޔަމާލް އެވެ.

މި މުބާރާތުގެ ފުރަތަމަ ބުރުގެ ކުޅުން ނިމޭއިރު ގަދަ އަށެއްގައި ހިމެނޭ ޓީމުތަކަށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ލިބިގެންދާއިރު 9 އިން 24 އަށް ދާ ޓީމުތަކަށް ޖެހޭނީ ޕްލޭއޮފް މެޗުތަކެއް ކުޅުމަށެވެ.