ޚަބަރު

ފޯރުދޯ ނިއުކްލިއަރ ޕްލާންޓަށް އިތުރަށް ފާރަވެރިވުމަށް އީރާނުން އެއްބާރުލުން ދީފި


އީރާނުގެ ފޯރުދޯ ފިއުލް އެންރިޗްމަންޓް ޕްލާންޓު (އެފްއެފްއީޕީ) ސައިޓުގައި ޔުރޭނިއަމް މުއްސަނދި ކުރުން ބޮޑުތަނުން އިތުރުކޮށް ހަތިޔާރު ގުރޭޑާ ގާތަށް އެ މަސައްކަތް ފުޅާ ކޮށްފައި ވާތީ އެ ސައިޓުގެ ކަންކަން އިތުރަށް ގާތުން ބެލުމުގެ ފުރުޞަތު ދިނުމަށް އެ ޤައުމުން އެއްބަސްވެފައިވާ ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެޖެންސީ (އައިއޭއީއޭ) ބުނެފިއެވެ.

މިދިޔަ ހަފުތާގައި އައިއޭއީއޭން ބުނީ އީރަނުން ޔުރޭނިއަމް މުއްސަނދި ކުރުން 60 އިންސައްތައަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެއީ ހަތިޔާރު ގުރޭޑުގެ ގޮތުގައި ބެލެވޭ 90 އިންސައްތައާ ގާތް ޢަދަދެއް ކަމަށް އެ އިދާރާއިން ވަނީ ފާހަގަ ކޮށްފައެވެ. އައިއޭއީއޭން އޭރު ބުނީ އެ ކަމާ ގުޅިގެން އީރާނުން އެންމެ ބޮޑަށް ޔުރޭނިއަމް މުއްސަނދި ކުރާ ދެ ސައިޓުގެ ތެރެއިން އެފްއެފްއީޕީ ބަލައި ފާސްކުރުން ފަދަ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމާ ގުޅޭގޮތުން އެ ޤައުމާ އެކު މަޝްވަރާކުރާނެ ކަމަށެވެ.

އޭގެ ފަހުން އެ އެޖެންސީގެ މެންބަރު ޤައުމުތަކަށް ފޮނުވާފައިވާ ސިއްރު ރިޕޯޓެއްގައި ބުނީ އީރާނުން އެ ހުށަހެޅުން ބަލައިގަނެފައިވާ ކަމަށެވެ. އެގޮތުން އެފްއެފްއީޕީ ބަލައި ފާސްކުރާ މިންވަރު އިތުރުކޮށް, އެ ފަދަ އިންސްޕެކްޝަން ތަކުގައި ބަލައި ކަންތަައްތައް އިތުރު ކުރުމަށް އައިއޭއީއޭން އެދުމުން އެކަމަށް އީރާނުން އެއްބަސްވެ, ނިއުކުލިއަރ ޕްލާންޓުގެ މަސައްކަތްތަކަށް ފާރަވެރިވުމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި އީރާނުުން އެއްބާރުލުން ދެމުން ދާކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

އެފްއެފްއީޕީގައި އީރާނުން ޔުރޭނިއަމް މުއްސަނދި ކުރުމަށް ބޭނުންކުރާ ސެންޓްރިފިއުޖުތަކަށް ފުރަތަމަ އަޅައި ޔުރޭނިއަމް ހެކްސަފްލޮރައިޑް ފީޑްސްޓޮކުގެ ގޮތުގައި އެ ޤައުމުން މީގެ ކުރިން ބޭނުން ކުރަމުން ދިޔައީ 5 އިންސައްތަ ޔުރޭނިއަމެވެ. ނަމަވެސް އެ ޢަދަދު މިހާރު 20 އިންސައްތައަށް އިތުރު ކޮށްފައި ވާތީ, 60 އިންސައްތައާ ހަމައަށް ޔުރޭނިއަމް ސާފުކުރުމަށް ނަގާ ވަގުތު ކުރުވެ އެ މަސައްކަތް ވަނީ އިތުރަށް ހަރުދަނާ ވެފައެވެ. އެހެންކަމުން މަދު ވަގުތު ކޮޅެއްގެ ތެރޭގައި ގިނަ ޢަދަދަކަށް 60 އިންސައްތަ ސާފު ޔުރޭނިއަމް އުފެއްދުމުގެ ޤާބިލުކަން އީރާނަށް މިހާރު ވަނީ ލިބިފައެވެ. އީއޭއައިއޭން ބުނީ މަހެއްގެ ތެރޭގައި އީރާނުން ކުރިން އުފައްދަމުން ދިޔަ ހައެއްކަ ކިލޯގެ ސާފު ޔުރޭނިއަމްގެ ބަދަލުގައި މިހާރު 34 ކިލޯ ހަމަ އެ މުއްދަތުގެ ތެރޭގައި އުފައްދާ ކަމަށެވެ. އެއީ އެފްއެފްއީޕީއާއި ނަޠަންޒު ކިޔާ ސައިޓަކާ ދެ ތަނުގައި ކުރިން އުފައްދަމުންދިޔަ ޔުރޭނިއަމްގެ ޖުމްލަ ޢަދަދަށް ވުރެ ގާތްގަނޑަކަށް ހަ ގުނަ އިތުރު ޢަދަދެކެވެ.

އައިއޭއީއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި 60 އިންސައްތައަށް ސާފުކޮށްފައިވާ ޔުރޭނިއަމްގެ 42 ކިލޯ އިތުރަށް މުއްސަނދި ކޮށްފި ނަމަ ނިއުކުލިއަރ ބޮމެއް ތައްޔާރު ކުރެވޭނެއެވެ. އީރާނުގައި މިހާރު ވެސް އެ ޢަދަދަށްވުރެ ހަތަރު ގުނަ އިތުރު ޢަދަދަކަށް ޔުރޭނިއަމް އެބަ ހުއްޓެވެ. އެއިން 60 އިންސައްތައަށް ވުރެ ދަށް ސާފުމިނުގައި އެތައް ހަތިޔާރެއް އުފެއްދޭނެއެވެ.

މި ޢަދަދުތަކާ ގުޅިގެން ހުޅަނގުގެ ބާރުތަކުން ވަނީ ކަަންބޮޑުވުން ފައުޅުކޮށް, މިއީ އީރާނުގެ ނިއުކުލިޔާ މަޝްރޫޢުއާ ގުޅިގެން އެ ޤައުމާއެކު އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް އިތުރު ކޮށްދޭ ކަމެއް ކަމަށް ބުނެފައެވެ. އެ ޤައުމުތަކުން ބުނީ އީރަނުން އެވަރަށް ޔުރޭނިއަމް މުއްސަނދި ކުރަން ޖެހޭ މަޤުބޫލު ސަބަބެއް ނެތް ކަމަށެވެ. ނިއުކުލިއަރ ހަތިޔާރެއް އުފެެއްދުމަށް ނޫން ގޮތަކަށް އެހެން އެއްވެސް ޤައުމަކުން އެ ވަރަށް ޔުރޭނިއަމް މުއްސަނދި ކޮށްފައި ނުވާ ކަމަށް އެ ޤަައުމުތަކުން ފާހަގަ ކުރެއެވެ. ނަމަވެސް އީރާނުން ވަނީ އެފަދަ ނިޔަތެއް ނެތް ކަމަށާއި އެ ޤައުމުގެ ނިއުކުލިއަރ ޙަރަކާތަކީ ޞުލްޙަވެރި ޙަރަކާތެއް ކަމަށް ބުނެފައެވެ.