ވިއްސާރަ ދުވަސްވަރާ ގުޅިގެން، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގީ ހުމަށް ރައްކާތެރިވުމަށް ދުރާލައި ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާޒްކޮށްފިއެވެ.
ވިއްސާރަވެ ފެން ހަރުލުމުގެ ސަބަބުން މަދިރި އާލާވާ މިންވަރު އިތުރުވާކަން ފާހަގަކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ އެންމެ ގިނައިން މަދިރި އާލާވާކަމަށް ފާހަގަކުރެވެނީ ފެން އަޅާފައި ހުންނަ ފީފާއާއި ތާނގީގެ އިތުރުން އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނާއި، ޓަޔަރާއި، ޕްލާސްޓިކް ހުސްފުޅި އަދި ދަޅު ފަދަ ތަކެތީގައިކަމަށެވެ. އެހެންކަމުން ގޭތެރެއާއި ގޯތިތެރޭގެ އިތުރުން ރަށުތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަށް އާންމު ރައްޔިތުންނާއި، ރަށްރަށުގެ ކައުންސިލުތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.
މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚާއްސަ ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އެޗްޑީސީ، އެފްޑީސީ، ދިވެހި ފުލުހުންގެ ޚިދުމަތް، ވެމްކޯ އަދި މޯޕާ ގުޅިގެން އެކި ސަރަހައްދުތަކުން ކުނި ނަގައި، މަދިރި އާލާވާ ތަންތަން ނައްތާލައި ފޮގު ކުރުމުގެ މަސައްކަތްތައްވެސް ކުރަމުންދެއެވެ.
ޑެންގީހުން ފެތުރޭ މިންވަރު މަދުކުރުމަށް އެކި އިދާރާތަކާއި ޖަމްއިއްޔާތައް ގުޅިގެން މަސައްކަތް ކުރަމުންދާއިރު، ފަރުދީ ގޮތުންވެސް މިކަމަށް ޚާއްސަކޮށް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ.
ޑެންގީހުމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:
• ހަށިގަނޑު ރަނގަޅަށް ނިވާވާނެހެން ހެދުން އެޅުން
• މަދިރި ލޯޝަން، ސްޕްރޭ ނުވަތަ ރެޕެލެންޓް ބޭނުންކުރުން
• ޑެންގީ ޖައްސާ "އީޑިސް" މަދިރި އާންމުކޮށް ހަފަނީ ދުވާލު ކަމަށްވުމާއެކު، ހެނދުނާއި ހަވީރުގެ ވަގުތުތަކުގައި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން
• ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ޤަވާއިދުން ސާފުކުރުން
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ޖޫން މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކުރި 673 މީހުންނާ އަލާބަލާއިރު، މިހާރު ބަލިޖެހިގެން ރިޕޯޓުކުރާ އަދަދު ނިސްބަތުން މަދުވިނަމަވެސް ބަލި ފެތުރުން ހުއްޓުވުމަށް އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރައްވައެވެ.
ޑެންގީ ހުން ޖެހިއްޖެނަމަ ގޭގައި އަރާމުކުރުމަށާއި، ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމުގެ އިތުރުން ޑޮކްޓަރެއްގެ ލަފާގެ މަތިން ޕެރެސެޓަމޯލް ފިޔަވައި ތަދުކަނޑުވާ އެހެން ބޭހެއް ބޭނުން ނުކުރުމަށް ޞިއްޙީ މާހިރުން އިރުޝާދު ދެއްވައެވެ. އަދި ހާލަތު ގޯސްވާނަމަ ލަސްނުކޮށް ޞިއްޙީ ޚިދުމަތްތެރިއެއްގެ އެހީތެރިކަން ހޯދުމަކީވެސް މުހިންމު ކަމެކެވެ.